ކުރީގެ ރައީސް މުހައްމަދު ނަޝީދު އައްޑޫއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅު ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހަށް ފަސް ކުރުމަށް ނިންމައިފި އެވެ.
ރައީސް ނަޝީދު އައްޑޫއަށް ވަޑައިގަންނަވާ ގޮތަށް ކުރިން ހަމަޖެހިފައި އޮތީ ނޮވެމްބަރު 3 ވަނަ ދުވަހުގައެވެ. ނަމަވެސް ނަޝީދުގެ ދަތުރުފުޅު ފަސް ކުރައްވަން ނިންމެވީ، މޫސުން ތަންނުދިނުމުގެ ސަބަބުން ކަމަށް އެމްޑީޕީން ބުނެއެވެ
އެމްޑީޕީގެ އިސް އޮފިޝަލަކު ވިދާޅުވީ މޫސުން ގޯސްކޮށް އޮއްވައި އައްޑޫއަށްވަޑައިގެން ރައްޔިތުންނާ ބައްދަލުކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދަން އުނދަގޫ ވާނެތީވެ ނަޝީދުގެ ދަތުރުފުޅު ފަސްކުރެއްވީ ކަމަށެވެ.
ދެ އަހަރާއި ނުވަ މަހަށް ވުރެ ގިނަ ދުވަހު ރާއްޖެއިން ބޭރުގައި ހުންނެވުމަށްފަހު ކުރީގެ ނަޝީދު ރާއްޖެ ވަޑައިގެންނެވީ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުގައެވެ.
ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި 13 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ ރައީސް ނަޝީދު އިނގިރޭސި ވިލާތުން ހިމާޔަތް ހޯއްދަވައިގެން ރާއްޖޭން ބޭރުގައި އުޅުއްވާތާ ތިން އަހަރަށް ފަހު ރާއްޖެ ވަޑައިގެންނެވުމުން އެމްޑީޕީގެ ސަޕޯޓަރުން ވަނީ ރައީސް ނަޝީދަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.