English Edition
Dhivehi Edition

ދެ އަހަރާއި ނުވަ މަހަށް ވުރެ ގިނަ ދުވަހު ރާއްޖެއިން ބޭރުގައި ހުންނެވުމަށްފަހު ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގެންފިއެވެ.

ސްރީލަންކާގެ ކޮލޮމްބޯއިން، ސްރީލަންކަން އެއާލައިންސްގެ ފްލައިޓެއްގައި ރައީސް ނަޝީދު ރާއްޖެ ވަޑައިގަތީ މިއަދު މެންދުރު 2:45 ގައެވެ. އެމަނިކުފާނު އަރިހުގައި އަނބިކަނބަލުން ލައިލާ އަލީ އަބްދުﷲވެސް ވަނީ ރާއްޖެ ވަޑައިގެންފައެވެ. އަދި ސްރީލަންކާގައި އަރުވާލެވިގެން ދިރިއުޅުއްވަމުން ގެންދެވި އެމްޑީޕީއާއި އިދިކޮޅު ހަރަކާތްތަކަށް ނިސްބަތްވާ ބައެއް ފަރާތްތައްވެސް ވަނީ ރާއްޖެ ވަޑައިގެންފައެވެ.

ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި 13 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ ރައީސް ނަޝީދު އިނގިރޭސި ވިލާތުން ހިމާޔަތް ހޯއްދަވައިގެން ރާއްޖޭން ބޭރުގައި އުޅުއްވާތާ ތިން އަހަރަށް ފަހު ރާއްޖެ ވަޑައިގެންނެވުމުން އެމްޑީޕީގެ ސަޕޯޓަރުން ވަނީ ރައީސް ނަޝީދަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

ނަޝީދަށް ހުކުމް ކޮށްފައިވަނީ 2015 ވަނަ އަހަރުއެވެ. އޭގެ ފަހުން 2016 ވަނަ އަހަރުގެ ޖޫން މަހުގެ 27 ވަނަ ދުވަހު ރައީސް ނަޝީދުގެ ހުކުމަށް ޗެލެންޖު ކުރުމުގެ ފުރުސަތު ނެތް ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވެސްވެއެވެ.