އައްޑޫ ސިޓީ މަރަދޫގައި އޮކްޓޯބަރ ހަވަނަދުވަހު އީވާން ސައިކަލެއްގައި ދަނިކޮށް 16 މީހުންގެ ގްރޫޕަކުން އޭނައަށް ހަމާލާދީ ހިންގި ރާމާރީގެ ތުހުމަތުގައި ހައްޔަރު ކުރި 13 މީހުންގެ ތެރެއިން 12މީހުން ދޫކޮށްލާފައި ވާކަމުގެ މައުލޫމާތު ލިބިފައި ވާކަމަށް ޒަޚަމްވި ޒުވާނާގެ އާއިލާއިން ބުނެފިއެވެ.
އާއިލާގެ ފަރާތުން “އޭއޯނިއުސް” އާ ވާހަކަ ދެއްކީ ޒަހަމްވެ އައިޖީއެމް އެޗްގެ އައިސީޔޫގައި މިހާރުވެސް ފަރުވާދެމުންގެންދާ އީވާން ނަވާޒް ގެ ދައްތަ އެވެ.
އީވާންގެ ދައްތަ ބުނެފައިވާ ގޮތުގައި އޭނަގެ ކޮއްކޮ އެހާދިސާއަށްފަހު ކުރި އޮޕަރޭޝަނަށްފަހު އަދިވެސް ހޭނާރާކަމަށާއި އޭނައަށް ވެންޓިލޭޓަރުގައި ފަރުވާދެމުންގެންދާއިރު ޑޮކްޓަރުން އަދިވެސް މަސައްކަތް ކުރަނީ އީވާން ގެ ފުރާނަ ސަލާމަތް ކުރުމަށް ކަމަށެވެ. ނަމަވެސް އެފަދަ ހާލަތެެއްގައި ކޮއްކޮ އޮއްވާ އެކަމުގައި ބައިވެރި ވި 12 މީހުންނަށް އަދަބުނުދީ ދޫކޮށް ލުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށް އީވާން ގެ ދައްތަ ބުންޏެވެ.
“އަދި އެކަކު އެބަހުރި ބަންދުގައި. އޭނަގެ ބަންދުގެ މުއްދަތު ވެސް ހަމަވާނެ ބުދަދުވަހު. އަޅުގަނޑުމެންނަށް ލިބުނު މައުލޫމާތެއް މިއީ، މިގޮތަށް ކުށްވެރިން ދޫކޮށްލީމަ އަނެއްކާވެސް އަނެއްމީހެއްގެ ގަޔަށް ވަޅިހަރާ މަރާލާނެ، އެމީހުންނަށް އަދަބު ދެވެންޖެހޭނެ” އީވާންގެ ދައްތަ ބުންޏެވެ.
އީވާންގެ ދައްތަ އިތުރަށް ބުނީ އޭނަގެ ކޮއްކޮ އަށް ހަމަލާދިންމީހުން ދޫކޮށްލި ސަބަބު ހޯދަން މިހާތަނަށް ކުރި އެއްވެސް މަސައްކަތެއް ކާމިޔާބު ވެފައި ނުވާކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މާރާމާރީއާ ގުޅިގެން ހައްޔަރުކުރި 10 މީހުން ކްރިމިނަލް ކޯޓުން އަންގާރަ ދުވަހު ދޫކޮށްލާފައިވާ ކަމަށެވެ. އަދި އެމީހުން ދޫކުރި މައްސަލަ މިހާރު އިސްތިއުނާފު ކުރުމަށް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މާރާމާރީއާ ގުޅިގެން 17 އަހަރުގެ ކުޑަ ކުއްޖަކު ހުޅުމީދޫއަށް ދިއުމުން ކޯޓު އަމުރެއްގެ ދަށުން އެ ރަށުން ފުލުހުން ވަނީ އޭނާ ހައްޔަރު ކޮށްފައެވެ. އަދި އަނެއް 5 މީހުން ހައްޔަރު ކޮށްފައިވަނީ ފޭދޫ ގެއެއްގެ ތެރޭގައި ފިލާ ތިއްބާ ކަމަށް ފުލުހުން އޭރު ވަނީ ބުނެފައެވެ.
އެ މައްސަލާއާ ގުޅިގެން ފުލުހުން ބެލުމުގެ ދަށުގައި ގެންގުޅުނީ އުމުރުން 17 އަހަރުގެ ދެ ކުޑަކުދިންނާއި އުމުރުން 18 އަހަރުގެ މީހަކާއި އުމުރުން 22 އަހަރުގެ މީހެއްގެ އިތުރުން އުމުރުން 21 އަހަރުގެ މީހެކެވެ.
އޮކްޓޯބަރ މަހުގެ 6 ވަނަދުވަހުގެ ރޭ23:00 ހާއިރު ހިންގި މާރާމާރީގައި ޒަހަމްވި މަރަދޫ، ބޯޅަދަނޑިގެ، އީވާން ނަވާޒް އަށް ދިންހަމަލާގައި އޭނަގެ މޭގެ ހަތްތަނަކަށް ވަނީ ހަމަލާދީފައެވެ. އީވާންގެ ފުއްޕާމެއަށް ގެއްލުން ލިބި އިތުރު ފަރުވާއަށް މާލެ ގެންދިއުމަށް ޑޮކްޓަރު އިރުޝާދު ދިނުމާ ގުޅިގެން އައިޖީއެމް އެޗް އަށް ގެންގޮސް ވަނީ ފުއްޕާމޭގެ އޮޕަރޭޝަނެއް ކޮށްފައެވެ.