English Edition
Dhivehi Edition

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ފ. ނިލަންދޫ އާއި މާޒިޔާ ސްޕޯޓް ކުލަބް ބައްދަލު ކުރި މެޗުގައި ކެޕްޓަން އަސަދުﷲ އަބްދުﷲ ކާމިޔާބު ކުރި ހެޓްރިކުން މާޒިޔާ އިން ނިލަންދޫ ފަސޭހަކަމާއި އެކު ބަލިކޮށް ލީގުގެ ދެވަނަ މަގާމަށް ޖެހިލައިފިއެވެ.

ގަލޮޅު ދަނޑުގައި ރޭ ކުޅުނު މިމެޗުގައި މާޒިޔާއިން ކާމިޔާބުކޮށްފައިވަނީ 6-1 ގެ ބޮޑު ތަފާތަކުންނެވެ.

ލީގުގައި ރޭ ނިލަންދޫ އަތުން މޮޅުވި ނަމަވެސް އެއް ވަނައިގައި ޓީސީ އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެންނެވެ. ޓީސީ އަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން މާޒިޔާ ދެ ވަނައިގައި އޮތީ 12 މެޗުން 28 ޕޮއިންޓް ހަމަކޮށްގެންނެވެ. ލީގުގައި މިރޭ ކުޅޭ މެޗުން ށ. ފޯކައިދޫއަތުން ޓީސީ މޮޅުވެއްޖެނަމަ އަލުން ފަސް ޕޮއިންޓުގެ ލީޑެއް ޓީސީއަށް ހޯދޭނެ އެވެ.

ރޭގެ މެޗުގައި މާޒިޔާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް މޮޅު ޑިވެސްސިވް ގޭމެއް ކުޅުނު ނިލަންދޫ ކޮޅަށް މާޒިޔާއަށް ލަނޑެއް ކާމިޔާބުކުރެވިފައިވަނީ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި އަސަދުﷲއެވެ.

އަދި ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ތެރޭގައި އިސްމާއިލް އީސާ ވަނީ މާޒިޔާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީ ފުރަތަމަ ހާފް ނިމުގެ ކުރިން އެޓީމްއަށް ލީޑު ފުޅާކޮށްދީފައެވެ.

ދެ ވަނަ 2 ލަނޑުގެ ލީޑަކާއި އެކު ފެށި މާޒިޔާއިންވަނީ ހާފް ފަށައިގެން ކުޑަ އިރުކޮޅެއްގެ ތެރޭގައި މާޒިޔާގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.މި ލަނޑު މާޒިޔާއަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން އަސަދުﷲއެވެ.

މާޒިޔާގެ ހަތަރުވަނަ ލަނޑު ދެވަނަ ހާފްގެ ތިންވަނަ މިނެޓްގައި އީސަ ނަގައިދިން ހިލޭ ޖެހުމަކުން އަމްދާން އަލީ (އެންޑީ) ވަނީ މާޒިޔާގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި މާޒިޔާގެ ފަސް ވަނަ ގޯލު 58 ވަނަ މިނެޓުގައި ޖަހައިދިނީ ހަސަން ނާއިޒް (ދާދު) ކާމިޔާބުކޮށްދީފައިވާއިރު މާޒިޔާގެ ހަވަނަ ލަނޑު ކާމިޔާބުކޮށްދީފައިވަނީ ކެޕްޓަން އަސަދުﷲއެވެ. އަދި މެޗުގެ 80 ވަނަ މިނެޓްގައި ނިލަންދޫގެ ލޫކަސް ވަނީ ނިލަންދޫގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދީފައެވެ.

ލީގުގައި މިއަދު ހަވީރު ނިއު ރޭޑިއަންޓް ނުކުންނާނީ ވިކްޓަރީއާ ދެކޮޅަށެވެ. މިރޭ ޓީސީ ބައްދަލުކުރާނީ ށ. ފޯކައިދޫއާއެވެ