ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ވިކްޓަރީ ސްޕޯޓްސް ކްލަބުން ވަރުގަދަ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބު މޮޅުވިޔަނުދީ ހިފަހައްޓައިފިއެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗު ނިމުނީ 1-1ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.
މާލީ ދަތިތަކުގެ ސަބަބުން ވިކްޓްރީން އެންމެފަހުން ލީގުގައި ޓީސީއާއި ދެކޮޅަށް ކުޅެންއޮތް މެޗު ނުކުޅެން އެޓީމުން ވަނީ ނިންމާފައެވެ. އަދި އެމެޗަށް ކުޅުންތެރިންވެސް ހާޒިރެއް ނުވެއެވެ. އެ ކުލަބުގެ އެތެރޭގެ ހިންގުމުގައި ގިނަ މައްސަލަތަކެއް ފާހަގަވިއިރު އެ މައްސަލައަށް ހައްލެއް ގެނައުމަށް ގިނަ މަސައްކަތްތަކެއް ވަނީ ފަށާފައެވެ.
ސާފް ޗެމްޕިއަންޝިޕަށްފަހު އަދި އެއްވެސް ޕްރެކްޓިހެއް ކޮށްފައިނުވާއިރު ކުޅުންތެރިންނަށް މުސާރަ އަދި ދީފައިނުވެއެވެ. އެހެންނަމަވެސް ދާދިފަހުން އެކުލަބުގެ ކޯޗަކަށް ނަޒީހު ވަނީ އައްޔަނުކޮށްފައެވެ.
މިމެޗަށް ނުކުތްއިރު ރާއްޖޭގެ އެންމެ ކާމިޔާބު ކުލަބް ކަމަށްވާ ނިއުރޭޑިއަންޓް ވެސް އޮތީ ރަނގަޅު ފައްތަރެއްގައެއް ނޫނެވެ. އެކުލަބުގެ މުހިއްމު ކުޅުންތެރިންތަކެއް ދޫކޮށްލިއިރު އެ ކުލަބުގެ ކޯޗެއްގެ ގޮތުގައި މިހާރު ހަކަރާތްތެރިވަނީ ސޮބާހް މުހައްމަދެވެ.
މިމެޗުގެ ފުރަތަމަ ހާފް ނިމުނީ ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.
ދެވަނަ ހާފުގައި ވިކްޓްރީން މޮޅު ކުޅުމެއް ދެއްކިއިރު މެޗުގެ 61 ވަނަ މިނެޓުގައި ވިކްޓަރީއަށް ގޯލް ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ހުސައިން ނިހާނުއެވެ. ނިއުރޭޑިއަންޓުން މެޗުގެ ނަތީޖާ ހަމަހަމަކުރި ގޯލު 76 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ.
މެޗުން އެއްވަރުވުމުގެ ސަބަބުން ކުޅުނު ހަތްމެޗުން ލިބުނު 14 ޕޮއިންޓާއެކު ނިއުރޭޑިއަންޓް ވަނީ ތާވަލުގެ ދެވަނައަށް ޖެހިލައިފައެވެ. ހަމަ މިއަދަދަށް ޕޮއިންޓް ހަމަކޮށް ގޯލުގެ ތަފާތުން އީގަލްސް އޮތީ ތިންވަނައިގައެވެ.
ލީގުގެ މެޗެއް ދެން އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގައެވެ. އެ ދުވަހު ހަވީރު ކުޅޭނީ ފެހެންދުއާއި ކްލަބު އީގަލްސްއެވެ. އަދި އެރޭ އޮންނަ މެޗުގައި ވާދަކުރާނީ ށ. ފޯކައިދުއާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއެވެ.