ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ތިމަރަފުށި ސްޕޯޓްސް ކްލަބް އާއި ޓީސީ ސްޕޯޓްސް ކުލަބް ބައްދަލު ކުރި މެޗު ފަސޭހަކަމާއި އެކު ކާމިޔާބުކޮށް ޓީސީ އެއްވަނާގައި ހަމަޖެހިލައިފިއެވެ.
ލީގުގައި މިދެޓީމް ބައްދަލުކުރި މިމެޗު ޓީސީއިން ކާމިޔާބުކޮށްފައިވަނީ 7-0 ލަނޑުގެ ބޮޑު ތަފާތަކުންނެވެ.
މިމޮޅާއި އެކު 21 ޕޮއިންޓް ހޯދައި ޓީސީ އެއް ވަނާގައި އޮތްއިރު ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ނިއުރެޑިއެންޓްއަށް 17 ޕޮއިންޓް ލިބިފައިވާއިރު ތިންވަނާގައި އޮތް ކުލަބް އީގަލްސްއަށް ވެސް ލިބިފައިވަނީ 17 ޕޮއިންޓެއެވެ. އަދި ޓީސީ އަތުން ބަލިވި ތިމަރަފުށި އޮތީ އެންމެ ޕޮއިންޓަކާ އެކު ލީގުގެ ފުލުގައެވެ.
ލީގުގައި އިއްޔެ ހަވީރު ކުޅުނު މިމެޗުގައި ޓީސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މެޗު ފެށިގެން ދެވަނަ މިނެޓުގައި މުހައްމަދު އަޖުފާންވަނީ ޓީސީއަށް މެޗުގެ ލީޑުނަގާދީފައެވެ. އަޖުފާންގެ ލަނޑުން ޓީސީ މެޗުގެ ވަރަށް ކުރީ ކޮޅު މެޗުގެ ލީޑު ނަގާފައިވާއިރު ވަރުގަދަ އެޓޭކިން ގޭމެއް ފެނިގެން ދިޔަ ޓީސީ ވަނީ މެޗުގެ ނުވަ މިނެޓުގައި އިބްރާހިމް ވަހީދު ހަސަން ކާމިޔާބު ކުރި ލަނޑުން މެޗުގެ ލީޑު ފުޅާކޮށްފައެވެ.
ދާދުގެ ލަނޑަށް ފަހު ވެސް ޓީސީގެ ފަރާތުން ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ހޯދިނަމަވެސް މެޗުގެ ފުރަތަމަ ހާފް ނިމިގެން ދިޔައި 2-0 ލަނޑުން ޓީސީ ކުރީގަ އޮވެގެންނެވެ.
ފުރަތަމަ ހާފާ އެއް ގޮތަށް ޓީސީގެ ފަރާތުން މެޗުގެ ދެވަނަ ހާފްގައި ވެސް މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު އެޓީމްގެ ތިންވަނަ ލަނޑު މެޗުގެ 55 ވަނަ މިނެޓްގައި ބިދޭސީ ކުޅުންތެރިޔާ އަލާއެލްޑިން ކާމިޔާބުކޮށްދިން އިރު އެޓީމުން ހަތަރު ވަނަ ލަނޑާއި ފަސް ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ އިޝާން އިބްރާހިމް (ސައްޓު) އެވެ.
މެޗުގެ 81 ވަނަ މިނިޓްގައި ޓީސީގެ ހަ ވަނަ ލަނޑު ޖެހީ އަލީ އަޝްފާގު (ދަގަނޑޭ) އެވެ. ސާމިރު ނަގައިދިން ހުރަހަކުން ދަގަނޑޭ މި ލަނޑު ޖެހީ ބޮލުންނެވެ. އަދި ޓީސީގެ ފަހު ލަނޑު ވެސް މެޗުގެ އިތުރު ވަގުތުގައި ކާމިޔާބު ކޮށްދިނީ ދަގަނޑޭއެވެ.