މިއީ މިހާރަކަށް އައިސް އައްޑޫގެ ގިނަ ރައްޔިތުންނާއި އައްޑޫއަށް އަރާފައިބާ ގިނަ މީހުން ދައްކަމުން ދާ ވާހަކައެކެވެ. ތުންތުން މަތިން ދެކެވުނު ކަމުގައި ވިޔަސް ރަސްމީ ސިފައެއްގައި އެއްވެސް މީހަކު މިވާހަކަ ނުދައްކަނީ ބާވައޭވެސް ހިތަށް އަރައެވެ. އެހެނީ މިކަން ނޭނގޭ ހަމަ އެކަކުވެސް ނުހުންނޭތީ އެވެ.
މީގެ ކުރިން ވެސް އައްޑޫގައި ތަފާތު އެކި ކަހަލަ އާދަޔާ ހިލާފް ފެންގަނޑުތަކެއް ހުރި ކަމުގެ ވާހަކަ ދެކެވެމުން ދެއެވެ. އެގޮތުން ކޯއްޓޭ ސަރަޙައްދުގައި އޮންނަ “ޕަރީން ހަނާ” ފެންގަނޑާއި “ރަނިން ހަނާ” ފެންގަނޑަކީ މަޝްހޫރު ފެންގަނޑުތަކެވެ. ނަމަވެސް މިފަހަރު އައްޑޫއިން ފެނިފައި މިވާ ފެންގަނޑުތަކަކީ މުޅިން މިއާއި ޚިލާފް ފެންގަނޑުތަކެކެވެ. އަދި ގިނަ ފެންގަނޑުތަކެއް ވެސްމެވެ.
އާނއެކެވެ. އައްޑޫ އަށް ވާރޭވެހި މަގުތަކުގައި ހެދިފައި ހުރި ބޮޑެތި ފެންގަނޑުތަކުގެ ވާހަކައެވެ. ސިފަކުރާނަމަ ދެމެމުންދާ ކޯރުތަކެކެވެ. އެފެންގަނޑުތަކުގެ ބިރުވެރިކަމުގެ ވާހަކައެވެ. ގޮތް ނޭނގޭ އަދި އަޑި ނޭނގޭ ވާހަކައެވެ. ބަލާބެލުމަށް ވަރަށް އޮމާންކޮށް އޮންނަ ފެންގަނޑަށް އުޅަނދެއްގައި ގޮސް ފައިބާއިރަށް އެއުޅަނދެއް ގިނަފަހަރަށް ގެނބިގެން ދާ ވާހަކައެވެ. ނުވަތަ އޮށް ވަޅުތަކުގެ ސަބަބުން ގަދަ ކަނޑެއްގައި ދުއްވާ ކަނޑު އޮޑިއަކާއި އެއްވަރު ވާ ވާހަކައެވެ. ހިނގާފައިދާ މީހެއްނަމަ ފުން ކަނޑަކަށް ނުވަތަ އަނދަވަޅަކަށް ވެއްޓިދާނެކަމުގެ ބިރު އޮތްމިންވަރުގެ ވާހަކައެވެ. މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ. . ބިރުވެރިކަމާއި ނާމާންކަން އޮތް މިންވަރު އެނގޭނީ އެފަދަ ފެންގަނޑަކަށް ފޭބުމުންނެވެ. ނުވަތަ އެފަދަ ތަޖުރިބާއެއް ކުރެވުމުންނެވެ.
އައްޑޫގެ މަގުތަކަކީ އަބަދުވެސް މިހާލުގައި އޮންނަ މަގުތަކެކޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ވިއްސާރަ ވެއްޖެއްޔާ ފެންގަނޑުތަކެވެ. އަވިދީ ގިނަ ދުވަހު ވާރޭ ނުވެހިއްޖެނަމަ ހިރަފުސްބޯ ހަނަފަސް ސަހަރާތަކެވެ. މަގުތަކަށް ވެލިނާޅާ މަގުތައް އެއްވަރު ނުކުރާ ނަމަ ތޫފާނެއްގައި ދަތުރުކުރަންޖެހޭ ކަނޑެކެވެ.
މިހާލުގައި އައްޑޫގެ ރައްޔިތުން މިކަން ތަހައްމަލް ކުރާތާ މިވީ މަދުދުވަސްތަކެއް ނޫނެވެ. ނަމަވެސް މިމަންޒަރު ފެނުނު ލޮލެއް ނުވަތަ އަޅާލާނެ ފަރާތެއް ހަމަ ނެތޭ ބުނާކަހަލައެވެ. އެހެންނަމަވެސް ރައްޔިތުންނާއި ބައްދަލުކުރުމަށް އިސްފަރާތްތަކުން ދުރުވާ ކޮންމެ ފަހަރަކު މިޝަކުވާތައް އަޑުއަހައި ވަރަށް ފޮނި އުންމީދުތައް ދައްކައިދެއެވެ. ނަމަވެސް ހިތާމައަކީ މިހުވަފެންތަކުގައި ކުލަ ނުޖެހޭތީ އެވެ. ހަޤީގަތަކަށް ނުވާތީ އެވެ. އިންތިހާބަކަށް ފަހު އިންތިހާބެއް ނިމިގެން ދާއިރު އައްޑޫގެ ރައްޔިތުން މިތިބެނީ އެވެރިންގެ ވައުދުތަކުން ބަނދެވިފައެވެ.
މަގުތައް ރަނގަޅު ފެންވަރަކަށް ހެދި ރައްޔިތުންނަށް ފަސޭހައިން ދަތުރު ފަތުރު ކުރެވޭނެ ގޮތްތަކެއް ހަދައި ދިނުމަކީ ތަރައްޤީއެއް ނޫނެވެ. ނަމަވެސް އެއީ ލިބެންޖެހޭ އަސާސީ ޙައްޤެކެވެ. ނަމަވެސް މިޙައްޤުން އައްޑޫގެ ރައްޔިތުން މަޙްރޫމުވެފައިވާތާ އެތަކެއް ދުވަސްތަކެއް ވެފައިވާއިރު ކަމުވޮށިގެންވާ މީހުން މިކަން ދެނެގަންނަން އެބަ ޖެހެއެވެ. އައްޑޫގައި ހުރި އާދަޔާ ހިލާފް މިފަދަ ފެންގަނޑުތަކަށް ދާއިމީ ހައްލެއް ގެނެސް ދޭން އެބަ ޖެހެއްއެވެ.