English Edition
Dhivehi Edition

ޒަމާނުއްސުރެ ދިވެހިންނަކީ އަމިއްލަ ސަޤާފަތަކާއި އަމިއްލަ ވަންތަކަމަށް ފަޙްރުވެރިވަމުންދިޔަ ބަޔެކެވެ. އަދި އެކަން އެހެން ކަރަތަކުގެ ދަތުރުވެރިންގެ ލިޔުންތަކުން އެނގެން އެބައޮތެވެ.

ދިވެހިންގެ ކާނާތަކުގެ ވާހަކަ އެހެންމީހުން ދައްކަނީ ހަމަ އެކަނި އެކެއުންތަކުގެ މީރުކަމުގެ ސަބަބުނެއް ނޫނެވެ. ބައެއް ކާނާ ތައްޔާރުކުރާ މުނާސަބާތްތަކާއި، އެކަންކަމަށް ކުރާ އިޙްތިރާމުގެ ސަބަބުން ނެވެ. މިގޮތުން ފާހަގަ ކުރެވޭ ކާނާތަކުގެ ތެރޭގައި ދިވެހި ބޮނޑިބަތަކީ ހޮވާލެވޭ އެއްޗެކެވެ.

ބޮނޑިބަތަކީ ދިވެހިން އެކެއުމަކަށް ފަޙްރުވެރިވަމުން ދިޔަ ކެއުމެކެވެ. ސަބަބަކީ ބޮނޑިބަތަކީ ކޮންމެ ކޮންމެ ކަހަލަ ހަފްލާއަކަށް ތައްޔާރުކުރާ އެއްޗަކަށް ނުވާތީ އެވެ. ދިވެހިން ބޮނޑިބަތް ތައްޔާރު ކުރަމުން ދިޔައީ ޙާއްސަ ކަންކަމުގައެވެ. ކުޑަކުދިން ޤުރުއާން ކިޔަވަން ފެށުމާއި، ވިހޭ ދަރިއަށް ހަތް ދުވަސް ވުމުންނާއި، އަލަށް މީހަކު ކަމެއް ކުރަން ފަށާ ދުވަހާއި މިފަދަ ކަންކަމުގައެވެ. އެހެންކަމުން ބޮޑިބަތަށް ކޮންމެ މީހެއްގެ ހިތުގައި ވެސް ހާއްސަ ޤަދަރެއް ދެވި އިޙްތިރާމްގެ ނަޒަރަކުން ދެކެވިފައި ވެއެވެ.

ނަމަވެސް ޒަމާނަށް އާއި އިންޤިލާބީ ބަލަދާއި އެކު ދިވެހިން ސިޔާސީ އޮއިވަރުގައި ޖެހުމުން އެންމެ ބޮޑަށް ކިލަނބު ވެގެން ދިޔަ އެއްކަމަކީ ބޮނޑިބަތަށް ދެވިފައި އޮތް ޤަދަރެވެ. ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދުމަށްފަހު ބޮޑިބަތަކީ ވަކި ޕާޓީ އެއްގެ އެއްޗެއްގެ ގޮތުގައި ހެދުމުގެ ސަބަބުން ބޮނޑިބަތަށް ދެވިފައި އޮތް މަޤާމު ދިވެހިންގެ ތެރެއިން ގެއްލިގެން ގޮސްފައި ވެއެވެ. ޕާޓީ ތަކުގެ ޖަލްސާތަކާއި، އެއްވުންތައް ފަޅުފިލުވައިދޭ ބިލަތް މީރުކުރުމަކަށް މިއަދު ބޮނޑިބަތް ވެފައިވެއެވެ. ދިވެހިންގެ ބޮނޑިބަތުގެ ކުލައަށް ބަދަލު ގެނެސް އެޕާޓީއެއްގެ ކުލައިގެ ބޮޑިބަތް ތައާރަފްވީ އެވެ.

ބޮނޑިބަތަށް ދެވިފައި އޮތް ޤަދަރާއި އިޙްތިރާމް ސިޔާސީ ބޭނުން ތަކުގައި ބޭނުން ކުރަން ފެށުމުން ގިނަ ބަޔަކު ބޮނޑިބަތާއި ދުރުހެލިވެއްޖެއެވެ. ކުރިން ބޮނޑިބަތް ކައްކަމުން އާއި ގޮތަކަށް ބަދަލު ގެންނަން ޖެހުނީއެވެ. ސަބަބަކީ އެންމެ ކުރީއްސުރެ ބޮނޑިބަތް ކެއްކުމަކީ އިޖްތިމާއީ ގުޅުން ބަދަހިކޮށް އާއިލީ ގުޅުން އާލާކުރާ ކަމެއް ގޮތުގައި އޮތްއޮތުން ނެތިގެން ދިޔައީއެވެ. ދަރިއަކަށް 7 ދުވަސް ވެގެން ބޮނޑިބަތް ކެއްކިނަމަވެސް އެއީ ސިޔާސީ ކަމަކަށް ކައްކާ ބޮނޑިބަތެއްކަމަށް މީހުން ދެކެން ފަށައިފިއެވެ. ޤުރުއާން ކިޔަވަން ފެށުމުން ކައްކާ ބަޮނޑިބަތް އަވައްޓެރިންގެ ގެއަށް ގެންދިޔުމުން ޑަސްބިނަށް އަޅާލަނީ އެއިގެ ޙަޤީގަތް ނޭނގޭތީ އެވެ.

ދިވެހިންގެ ދިރިއުޅުމަށް އަންނަ ބަދަލުތަކާއި ގުޅިގެން މިފަދަ ކަންކަން މެދުވެރިވުމަކީ ހިތާމަވެރި ކަމެކެވެ. ޒަމާނުއްސުރެ އޮތް އާދަކާދަތަކަށް މިގޮތަށް ބަދަލު ގެނައުމަކީ ޒަމާނަށް ފެއްތުމެއް ނޫނެވެ. އެއީ ސަޤާފަތް ވެއްޔާ މޮޑެލުމެވެ. ނަތީޖާއަކަށް ވަނީ ދިވެހިންނަށް ސަނާ ކިޔަމުން ދިޔަ ފަރާތްތަކުގެ މަލާމާތް ދިވެހިންނަށް ލިބުމެވެ.

ބޮނޑިބަތަކީ ދިވެހިންގެ ފަޙްރުވެރި ދިވެހި ކާނާއަކަށް ވީހިނދު އެއަށް ދެވިފައިވާ ޤަދަރާއި އިޙްތިރާމް އަލުން ދޭން ޖެހެއެވެ. ބޮނޑިބަތަކީ ސިޔާސީ ސުފުރާއަކަށް ހެދުމުގެ ބަދަލުގައި ސަޤާފީ އެއްޗެއްގެ ގޮތުގައި ބާއްވަދޭން އެންމެން ވެސް މަސައްކަތް ކޮށްދޭން ޖެހެއެވެ.