English Edition
Dhivehi Edition

އެ ހާދިސާއަށް އެއް އަހަރުވީ އެވެ. އެހެންނަމަވެސް އޭނާދެކެ ލޯބިވާ މީހުންނާއި ހެޔޮއެދޭ ފަރާތްތަކުގެ ހިތަކުން އަދިވެސް އެ ހަނދާންތަކެއް ފިލައިގެނެއް ނުދެއެވެ. އެ ކުއްލި ވަކިވުމާއެކު އަދިވެސް އެ ހަނދާންތައް އާވެ ލޮލުން ކަރުނަ ފައިބައެވެ.

މިދިޔަ 2017 ވަނަ އަހަރުގެ މޭ މަހު ސަމާ އައިލެންޑް ރިސޯޓްގެ މުވައްޒަފުން ތިބި ލޯންޗެއްގައި ސަޕްލައި ދޯންޏަކުން ޖެހި ހިނގި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބި ރާއްޖެއިން ބޭރުގައި ފަރުވާދެމުން ދަނިކޮށް ނިޔާވި ސ.މީދޫ ހަނދުވަރުމަތީގެ އަލީ ވަސީމް އަކީ ރަށުގެ އެންމެންނާވެސް ގުޅޭ މަޖާ މިޒާޖެއްގެ ޒުވާނެކެވެ. އަލީ ވަސީމްގެ އެކްސިޑެންޓްގެ ހަބަރާއެކު މުޅި ރަށަށް ލިބިގެން ދިޔައީ ފުން ހިތާމައެކެވެ. އެންމެންގެ ގާތް ހިތްހެޔޮ ‘އެކުވެރިޔާ’އަށްޓަކައި އޭނާ ދަންނަ ކޮންމެ މީހަކުވެސް ހެޔޮ ދުޢާކުރިއެވެ. ގަދަވެ ސަލާމަތުން އެބުރި އައުމަށް ހިތާހިތުން އެދެވުނެވެ

.އެ ނުރައްކާތެރި އެކްސިޑެންޓުގައި އަލީ ގެ ބޮލަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާއިރު އޭޑީކޭގައި ވަނީ ބޮލުގެ އޮޕަރޭޝަނެއްވެސް ކޮށްފައެވެ. އާއިލާ މީހުންނާއި,އަލީ މަސައްކަތްކުރަމުން ދިޔަ ސަމާ އައިލެންޑް ރިސޯޓްގެ މެނޭޖްމެންޓް އަދި ހެޔޮ އެދޭ އެތައް ބައެއްގެ ދީލަތި އެހީ އާއި އެކު އިތުރު ފަރުވާއަށް އަލީ ލަންކާއަށް ގެންދިޔައީ އެ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އެ ހިތާމެވެރި ވަގުތު މުޅި އާއިލާއިންވެސް ހިތްވަރާއެކު އަލީއަށް އެންމެ ރަގަޅު ފަރުވާއެއް ދެވޭ ހިސާބަކަށް ގެންދެވޭތޯ މަސައްކަތްކުރަމުންދިޔައެވެ .އަލީގެ ހިތްހެޔޮކަމުގެ ސަބަބުން އަލީގެ ހިނިތުންވުން އަލުން ދެކިލުމަށް އަލީ އާއި އެކު މަސައްކަތްކުރަމުންދިޔަ މުއައްޒަފުންނާއި ރިސޯޓްގެ މެނޭޖްމެންޓުންވަނީ އެތައް އިންތިޒާރެއްކޮށް ގިނަގުނަ އެހީތައްވެފައެވެ. ލަންކާގައި ފަރުވާ ދިނުމަށްފަހު އިންޑިއާގައިވެސް އަލީއަށް ފަރުވާދީފައިވާއިރު އެންމެން އިންތިޒާރު ކުރަމުން ދިޔައީ އަލީ އަށް ފުރިހަމަ ސިއްހަތެއް ލިބޭނެ ދުވަހަކަށެވެ

އިންޑިއާގައި އަލީ އަށް ފަރުވާދެމުންދިޔަ އިރު އަލީގެ ހާލު ވަރަށް ބޮޑަށް ރަނގަޅުވިއެވެ. އަލީގެ ސިއްހަތައް އަންނަމުންދިޔަ ހެޔޮ ބަދަލާއެކު އާއިލާ އާއި އެކުވެރިންގެ އުއްމީދު އާވެގެން ދިޔަނަމަވެސް އޮކްޓޯބަރ 12 ވަނަ ދުވަހުގެ އިރު އަރައިގެން އައީ މި ދުނިޔެއާއި އަބަދުގެ އަބަދަށް އަލީ ވަކިވެގެންދިޔަ ހިތާމަވެރި ހަބަރާއެކުގައެވެ

އެ ވާހަކަ އަޑު އިވުނު ކޮންމެ މީހެއްގެ ލޮލުން ކަރުނަ ފާއްދާލިއިރު އަލީ ރަގަޅުވެގެން އެބުރި އަންނާނެ ކަމުގައި އުއްމީދުގައި ތިބި އާއިލާއަށާއި ރައްޓެހިންނަށް އެ ވާހަކަ ގަބޫލުކުރާކަށް ފައްސޭހައެއްވެސް ނުވިއެވެ. އެ ހަބަރާއެކު މުޅި ރަށް ރޮއްވާލިއިރު އަލީގެ ހަށިގަނޑު ރަށަށް ގެނެއުމަށް އާއިލާއިން ނިންމި ނިންމުމަށް ސަމާ އައިލެންޑް އިންވަނީ ވަރަށް ފުރިހަމަ އެއްބާރުލުމެއް ދީފައެވެ. އަލީގެ ފުރާނެ ނެތް މަސްގަނޑު ގެންނާނެ ވަގުތެއްގެ އިންތިޒާރުގައި ހެޔޮއެދޭ ފަރާތްތަކުން ދެދުވަސް ވަންދެން ނުނިދާ ތިބީ އެއްވެސް ވަރުބަލި ކަމެއް ނެތިއެވެ

.އަލީގެ ޖަނާޒާގައި ބައިވެރިވި ކޮންމެ މީހެއްގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ހިތާމައާއި ހިތްދަތިކަމެވެ. ކޮންމެ މީހެއްގެ ދުލުންވެސް ބޭރުވަމުން ދިޔައީ އަލީގެ ހިތްހެޔޮކަމުގެ ވާހަކަތަކެވެ.

އެ ދުވަހުގެ އެ އެކްސިޑެންޓަށްފަހު އަލީއަށް އެއްވެސް މީހަކާއި ވާހަކަދެއްކިފައި ނުވި ނަމަވެސް އަލީ ރަގަޅުވަމުން އައި އިރު އަލީއަށްވަނީ އޭނާ ދެކެ ލޯބިވާ މީހުން އޭނާއަށްޓަކައި ކުރަމުންދިޔަ ބުރަ މަސައްކަތް ފެނިފައެވެ. ދުރުގައި ތިބި ރައްޓެހިން އޭނާ އެބުރި އައުމަށް އެދި ބުނަމުން ދިޔަ ބުނުންތަކަށް ޖަވާބުނުދެވުނު ކަމުގައި ވިޔަސް އަލީ އެބުރި އައުމަށް އެ ރައްޓެހިން އެދުނުވަރު އަލީ އަށް އިހްސާސްކުރެވޭނެކަން ޔަގީނެވެ

 

އެ ހިތާމަވެރި އެކްސިޑެންޓްގައި ގެއްލި އެދިޔައީ މުސްކުޅި މައިންބަފައިންނަށްޓަކައި އެތައް ހުވަފެންތަކެއް ދެކެމުން ދިޔަ ދަރިކެވެ. އެއްބަނޑު އެއްބަފާ މީހުންނަށް ކަންކަމުގައި ކުރިއަށް ދިއުމަށް ހިތްވަރު ދެމުން ދިޔަ ކޮއްކޮ އެކެވެ.ފަހުގެ ތާރީހެއްގައި މީދޫ ކަނބަލުން ބައިވެރި ކޮންމެ ކުޅިވަރު މުބާރާތެއްގައިވެސް އެންމެންނަށް ހިތްވަރުދެމުންދިޔަ ކެރާ ޒުވާނެކެވެ. ކުޑަކުޑަ ކުދިން ނުލާހިކު ލޯބިވާ އެކުދިންގެ ‘ފެވަރިޓް ބޭބެ’އެވެ. ރަށުގެ ޒުވާނުންނާއި ގުޅޭ ހިތްވަރު ގަދަ ޒުވާނެކެވެ. އޭނާގެ އެކުވެރިންނަށް ހިތްހެޔޮ ނަމޫނާ އެކުވެރިއެކެވެ. ރަށުގެ ކުޅިވަރާއި އިޖްތިމާއީ ކަންކަމުގެ އެންމެ ކުރީ ސަފުގައި ގުނާލެވޭ ކެރޭ ޒުވާނެކެވެ. ދޮންދީނި ޓީމް ހޯދި ކާމިޔާބީގެ ފަހަތުގައިވަނީ މެދު ކެޑުމެއްނެތި އަލީ ދެމުން ދިޔަ ތަރުހީބުކަމީ ދެބަސް ވެވެން ނެތް ހަގީގަތެކެވެ

މައިންބަފައިން އުމުރާއަށް ފޮނުވުމަށްޓަކައި ތައްޔާރުވަމުން ދިޔަ އަލީގެ ކުއްލި ވަކިވުމާއެކު އޭނާގެ ހުވަފެން ހަގީގަތަކަށް ހަދައިދިނީ އާއިލާއިންނެވެ. އެންމެ ފަހުވަގުތާއި ޖެހެންދެންވެސް އަލީގެ އާއިލާއާއި ހެޔޮއެދޭ ފަރާތްތަކުން އުއްމީދު ކަޑައެއްނުލައެވެ. އަލީ ވަކިވެގެން އެ ދިޔައީ ރަށުމީހުންގެ ލޯތްބާ އެތައް ބައެއްގެ ރުހުމާއެކު އެންމެންގެ ހެޔޮދުޢާ ތަކާއެކުގައެވެ

އެ ކާރިސާއަށް އެއް އަހަރުވެ ދިޔަޔަސް އެ ހަނދާންތައް ދުވަހަކުވެސް ހިތުން ފިލައިގެން ނުދާނެއެވެ. އެންމެން ރޮއްވާލުމަށްފަހު މި ދުނިޔެއާއި ވަކިވެގެން ދިޔަ ނަމަވެސް އެންމެންގެ ހިތުން އަލީއަށްވަނީ ހާއްސަ މަގާމެއް ދެވިފައެވެ.

މާތްﷲ އަލީ ވަސީމްގެ ފުރާނައަށް ހެޔޮ ރަހްމަތް ލައްވާ ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށިއެވެ. އާމީން