English Edition
Dhivehi Edition

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ނުރައްކާތެރި މާރާމާރީ އިތުރުވެ، ކުޑަކުދިން މާލޭގެ މަގުތަކުގައި މަރާލުމުން ކަންކަން ފާލުން ނެއްޓި ބޮއްސުންލާފައިވާ މިންވަރު ދައްކުވައިދޭ ކަމަށް އިންތިޚާބީ އަރީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެއެވެ.

އިބޫ މިހެންވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އިބޫ ވިދާޅުވީ އިރާދަކުރެއްވިއްޔާ އާޅުގަނޑުމެން އެންމެން މަސައްކަތް ކޮށް ރާއްޖެއަކީ އަމާން ތަނެއްގެ ގޮތުގައި ހައްދަވާދެއްވާނެ ކަމަށެވެ.

އިބޫމިހެން ވިދާޅުވީ މިހާރު ރާއްޖޭގައި ސިލްސިލާ މާރާމާރީ އިތުރުވެ ރޭ ރޭ ހިންގި މާރާމާރީއެއްގައި 14 އަހަރުގެ ކުއްޖަކު މަރާލާފައި ވަނިކޮށެވެ. ފާއިތުވި ހަފްތާއެއްހާ ދުވަސް ތެރޭގައި މާލޭގައި ނުރައްކާތެރި ތިން މާރާމާރީ އެއް ހިންގާފައި ވާއިރު އައްޑޫ އަށް ނިސްބަތްވާ ކުއްޖެއްގެެ މެއަށް ވަޅިހަރައި އެކުއްޖާ އަށް އޭޑީކެގައި ފަރުވާދެމުން ގެންދާއިރު ހާލު ސީރިއަސްއެވެ. އަދި އައްޑޫ ސިޓީގައި ވެސް ވަނީ ނުރައްކާތެރި މާރާމާރީއެއް ހިންގައި ދެމީހަކު ޒަހަމްވި އިރު އެކަކަށް ސީރިއަސް އަނިޔާތަކެއްލިބި ވެންޓިލޭޓަރ ގެ އެހީގައި އައިޖީއެމްއެޗް ގައި މިހާރު ދަނީ ފަރުވާދެމުންނެވެ.

ރާއްޖޭގައި މިހާރު ފެށިގެންދާ ސިލްސިލާ މާރާމާރީ އާ ގުޅިގެން ފުލުހުންވަނީ މިއަދު ބަޔާނެއް ނެރެފައެވެ. ފުލުހުން މިއަދު ނެރުއްވި ބަޔާނުގައި ވިދާޅުވީ ކުޑަ ކުއްޖަކު ނިޔާވި މާރާމާރީ އާއި މާލެ އާއި އަދި އައްޑޫ ސިޓީގައި ހިންގި މާރާމާރީގެ މައްސަލަތައް ވެސް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ފުލުހުންގެ ތަޙްޤީޤު ކުރަމުން ގެންދާ ކަމަށެވެ.

ނުރައްކާތެރި މާރާމާރީތައް ހުއްޓުވުމަށާއި މިފަދަ އަމަލުތައް ހިންގާ ފަރާތްތައް ހޯދައި މިފަދަ ކުށްތައް މަދުކުރުމަށްޓަކައި ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެގޮތުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މާލެއާއި އަދި އައްޑޫ ސިޓީގައި ހިންގި މާރާމާރީތަކާއި ގުޅިގެން ތުހުމަތު ކުރެވޭ ފަރާތްތައް ހޯދައި މިހާރު ވަނީ ހައްޔަރު ކުރެވިފައި ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ވިދާޅުވިއެވެ.