މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރަ، އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ދެމިގެން ދާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފި އެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ އުފެދިފައިވާ ލޯ ޕްރެޝާ ޓްރަފެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއް ކަމަށާއި ދެކުނުގައި ވެސް ކޮޅިގަނޑެއް އުފެދިފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.
ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ އަރަބި ކަނޑުގައި އުފެދިފައިވާ ތޫފާނެއްގެ ސަބަބުން ކުރާ ވިއްސާރައެއް ކަމަށް އަޑުތައް ފެތުރިފައިވީ ނަމަވެސް ވެދާ މޫސުމާ ބެހޭ އިދާރާއިން ބުނީ އަރަބި ކަނޑުގައި އުފެދިފައިވާ ބާރުގަދަ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވިޔަސް އޭގެ ނުރައްކަލެއް ރާއްޖެއަށް ނެތްކަމަށެވެ. އަރަބި ކަނޑުގައި އުފެދިފައިވަނީ ބާރުގަދަ ކޮޅިގަނޑެއް ކަމަށާއި އެ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. ނަމަވެސް އެ ކޮޅިގަނޑު އުފެދިފައިވަނީ ރާއްޖެއާއި ދުރު ހިސާބެއްގައިކަމުން ކޮޅިގަނޑުގެ އަސަރު ރާއްޖެއަށް ނުކުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެއެވެ. .
ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކޮށްފައިވާ ގޮތުގައި، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ އެވެ. ވައިޖެހޭނީ ހުޅަނގު ދެކުނާއި ހުޅަނގުން އެންމެ އުތުރުގެ އަތޮޅުތަކަށް ގަޑިއަކު އަށް މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. އަދި އެހެން ހިސާބުތަކަށް ގަޑިއަކު 17 މޭލާ 27 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. ވިލާގަނޑުގައި ގަޑިއަކު 45 މޭލާ 50 މޭލާ ދެމެދުގެ ބާރުމިނަކަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
މެޓް އޮފީހުން ބުނި ގޮތުގައި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ އަދި އެހެން ހިސާބުތަކުގެ ކަނޑުތައް އާއްމު ގޮތެއްގައި ގަދަވާނެ އެވެ.
ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ. ދެކުނާއި މެދުތެރޭގެ ސަރަހައްދުތަކަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެެވޭތީ ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.