English Edition
Dhivehi Edition

ޕީޕީއެމް އަނބުރާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ފައްޓަވާފައިވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ޖަލުން މިނިވަން ވެވަޑައިގެންނެވުމަށްފަހު ފުރަތަމަ ފަހަރަށް އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލު ކުރެއްވުމަށްފަހު ރައީސް މައުމޫނު ވިދާޅުވީ ޕީޕީއެމުން ބޭއްވި ކޮންގްރެސްގައި ނިންމާފައިވާ ނިންމުންތަކަކީ ބަލައިގަނެވޭ ނިންމުންތަކެއް ނޫން ކަމަށެވެ. ރަޖިސްޓްރީ ކޮށްފައިވާ ސިޔާސީ ޕާޓީއެއް ހިންގުމުގައި އަމަލު ކުރަން ޖެހޭނީ އެ ޕާޓީއެއްގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތީން ކަމުގައި ރައީސް މައުމޫނު ވިދާޅުވިއެވެ.

އެހެން ނަމަވެސް ޕީޕީއެމް މިހާރު ހިންގަމުން ދަނީ އަސާސީ ގަވާއިދާ މުޅިން ހިލާފަށް ކަމަށާއި އެންމެ ފަހުން ބޭއްވި ކޮންގްރެސް އަކީވެސް އަސާސީ ގަވާއިދާ އެއްގޮތަށް ކުރިޔަށް ގެންދިޔަ ކޮންގްރެސްއެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި މީގެ އިތުރަށް ކޮންގްރެސް ބާއްވާފައި ވަނީ އަވަސް އަރުވާލައިގެން ކަމާއި ރައްޔިތުންނަށް ކޮންގްރެސްގައި ކަންތައް ހިނގައި ދިޔަ ގޮތް އަންގައި ދިނުމުގެ ފުރުސަތު މީޑިއާއަށްވެސް ދީފައި ނުވާ ކަމާއި ރަށް ރަށުގައި ތިއްބަވާ ޕާޓީގެ ގޮފިތަކަށް ނިސްބަތްވާ ބޭބޭފުޅުންނަށްވެސް ކޮންގްރެސްގައި ބައިވެރިވުމުގެ ފުރުސަތު ދީފައި ނުވާކަން އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފައެވެ.

ޕީޕީއެމަށް ތާއިދު ކުރާ ބައެއް ރައްޔިތުން އަދިވެސް ރައީސް ޔާމީނުގެ ފަހަތްޕުޅުގައި ސަރުކާރާ އިދިކޮޅު ފަރާތްތަކުގެ ގޮތުގައި ހަރަކާތްތެރިވުމަށް ނިންމާފައިވާކަން ފާހަގަ ކުރައްވައި ރައީސް މައުމޫން ވިދާޅުވީ، އިދިކޮޅު ޕާޓީގެ ގޮތުގައި ހަރަކާތްތެރި ވުމަކީ ކޮންމެ ރައްޔިތެއްގެވެސް ހައްގެއް ކަމަށެވެ. އެހެން ނަމަވެސް އެ ހައްގުގެ ބޭނުން ކުރަން ޖެހޭނީ ގާނޫނީ އިމުގެ ތެރެއިން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އިދިކޮޅު ޕާޓީގެ ގޮތުގައި ހަރަކާތްތެރި ވުމުގައި ގައުމުގައި ހަމަނުޖެހުމަށް ފުރުސަތު ނުދެއްވުމަށް ރައީސް މައުމޫނު ވަނީ އިލްތިމާސް ކުރައްވާފައެވެ.