English Edition
Dhivehi Edition

ދިވެހި ރައްޔިތުންގެ ޖަޒުބާތުތައް މަޑުކުރެވޭ ވަރުގެ ޖަވާބެއް އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ދެއްވަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ

ރައީސް ޔާމީން މިހެން ވިދާޅުވީ ޕީޕީއެމްގެ އޮފީސް ކައިރީގައި ރޭ ބޭއްވި ބައްދަލުވުމުގަިއ ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުވުމުގައި ރައީސް ޔާމީން ވަނީ އިންތިޚާބު އޮޅުވާލިކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ލިބެންދެން މުޅި ރާއްޖޭގައި މުޒާހަރާ ކުރުމަށް ވެސް ގޮވާލައްވަވާފައެވެ.

އެމަނިކުފާނު ވިދާޅުވީ އިންތިޚާބާ ގުޅޭގޮތުން ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާއި އެ ކަންތައްތަކަށް އީސީން ޖަވާބުދާރީ ވަންދެން މާލެއާއި ރާއްޖޭގެ އަތޮޅުތަކުގައި ވެސް އިހްތިޖާޖު ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ.

ރައީސް ވަނީ އެމަނިކުފާނަށް އިންތިޚާބުން ލިބިވަޑައިގެންނެވި ވޯޓުގެ އަދަދާ މެދު ވެސް ސުވާލު އުފައްދަވައިފަ އެވެ. ނަމަވެސް އިންތިޚާބުގެ ނަތީޖާ ގަބޫލުފުޅު ނުކުރައްވަނީ ނޫން ކަމަށް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފް ފޯނުން މީހަކާ ދައްކަވާ ވާހަކަތަކެއްގެ އޯޑިއޯއެއް ސޯޝަލް މީޑިއާގައި ލީކް ވުމާގުޅިގެން އިންތިޚާބުގެ ސައްޙަ ކަމާމެދު ސުވާލު އުފައްދައި ޕީޕީއެމުން ކޮށްފައިވާ މި މުޒާހަރާގައި ރައީސް ވިދާޅުވީ އީސީގެ ރައީސްޝަރީފްގެ އޯޑިއޯގެ ސަބަބުން އީސީއަށް ނުފޫޒު ފޯރުވާފައިކަން ހުރިހާ ދިިވެހި ރައްޔިތުން ގަބޫލު ކުރާނެ ކަމަށެވެ. އަދި ނުފޫޒެއް ނެތް ނަމަ އެގޮތަށް ވާހަކަ ދައްކަވާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

“އޯޑިއޯ ކްލިޕްތަކުގައި ހުރި ވާޙަކައިން އެނގޭ (އިލެކްޝަންސް ކޮމިޝަނަށް) ނުފޫޒު ފޯރާފައި ހުރި ކަން ހަމަ ހުރިހާ ރައްޔިތުން ނިންމާނެ ދެއްތޯ. އެއީ ރައީސް ޔާމީން އެކަނި ނިންމާނެ ކަމެއް ނޫން. ހުރިހާ ރައްޔިތުން ވެސް އެ ގޮތަށް ނިންމާނެ. މީހަކު ގޯހެއް ހަދަން ދެން އަޅުގަނޑު ގަބޫލުކުރަނީ އިޚްލާސްތެރިއެއް ކަމަށް،” ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމްގެ މެންބަރުންނަކީ “މިގޮތައް އުޅޭ ބައެއް ނޫން” ކަމަށެވެ. ނަމަވެސް މުޒާހަރާ އަށް ނިކުންނަން ޖެހުނީ ބަޔަކު ގޯސްތަކެއް ހަދާފައި ވާތީ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މިރޭ ވެސް ތަކުރާރުކޮށް ވިދާޅުވީ ޕީޕީއެމް އިން އަބަދުވަސް ހިނގާނީ ކަންކުރަން އޮންނަ މަގުން ކަމަށާއި، އިލެކްޝަންސް ކޮމިޝަނާއި ޕީޕީއެމް އިން ބައްދަލުކޮށް ކަންތައް ވެފައިވާ ގޮތް އޮޅުން ފިލުއްވާނެ ކަމަށެވެ.

“އަޅުގަނޑަކީ ރައްޔިތުންނަށް އިހްލާސްތެރި މީހެއް. އަދިވެސް ޤާނޫނާއި ހިލާފު ކަމެއް ނުކުރާނަން. ރައްޔިތުން ޤާނޫނާއި ހިލާފު ކަމެއް ކުރާކަށް އަދިވެސް ނުދަންނަވާނަން.” ރައީސް ވިދާޅުވިއެވެ.

މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓުގައި ރިޔާސީ ދެ ވަނަ ދައުރަކަށް ކުރިމަތިލެއްވި ރައީސް ޔާމީނަށް ލިބިވަޑައިގަތީ 96،052 ވޯޓެވެ. އެ އިންތިޚާބު ކާމިޔާބުކުރެއްވީ 134،705 ވޯޓާއެކު، އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެވެ.