English Edition
Dhivehi Edition
ކޯގަންނު ގިރާސަރަހައްދުގެ ލައިޓްޕޯލް ވެއްޓިފައި.. ފޮޓޯ: ސޯޝަލްމީޑިއާ

އައްޑޫ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫ މީދޫ ކޯގަންނު (ރާފަޅާބީޗް) ސަރަހައްދަށް މިއަދު އުދަ އަރައިފިއެވެ.

މަންޒަރު ދުށް ބައެއްމީހުން ބުނަމުންދަނީ ފަސްވަރަކަށް ފޫޓުމައްޗަށް ރާޅު އުފުލި އުދަ އަރައިގެން ގޮސް ގާތްގަނޑަކަށް ހިމާޔަތް ކޮށްފައިވާ ކޯގަންނު ގަބުރުސްތާންގެ ވަށައިގެން ރަނާފައިވާ ފާރާ ހަމަޔަށް ގާތްގަނޑަކަށް(300ފޫޓަށް) ވަނީ އުދަ އަރާފައެވެ. ސޯޝަލްމީޑިއާގައި ދދައުރުވަމުން ދާ ފޮޓޯތަކުން ފެންނަ ގޮތުގައި އުދައަރާ ގިރުމުގެ ސަބަބުން ރާފަޅާ ބީޗްގައި ހުރި ލައިޓް ޕޯލްވެސް ވަނީ ވެއްޓިފައެވެ.

ރާފަޅާ ބީޗަކީ މީގެ އަހަރުތަކެއް ކުރިންވެސް މީދޫގެ ގިނަބަޔަކު މޫދަށް އެރިލަން އަދި ޕިކްނިކްގޮސް އުޅޭ ސަރަހައްދެކެވެ. މީގެ ސާޅީހަކަށް އަހަރު ކުރިން ދިޔަވަރު ބޮޑުވާ ދުވަސްތަކުގައި ކޯގަންނު ބޮނޑުދޮންވެލިގަނޑަށް ދޭތެރެ ދޭތެރެއިން ރާޅުއަރައެވެ. އެހެންނަމަވެސް މިހާރު އެސަރަހައްދު ގިރަމުންދާ ބާރުމިނުގައި އޭރު އެސަރަހައްދު ގިރާފައެއް ނުވެއެވެ.

މީދޫގެ ޒުވާނުން ހިތްއުފާކޮށް ދޭ އަދި ތާރީހީ އެތައް ކަމަކާ ގުޅިފައި ވާ އެމަންޒިލް ހިމާޔަތް ކުރުމަށް އެކިގޮތް ގޮތުން މީދޫގެ ޒުވާނުން ފަސްއަޅައިގެންނާ ގާޖަހައިގެން އެސަރަހައްދު ހިމާޔަތް ކުރަން މަސައްކަތް ކުރަމުންދާއިރު އަދި ވަނީ މިކަން ނާކާމިޔާބްނުވެފައެވެ. އައްޑޫ ސިޓީ މީދޫ ގެ ރަށް ގިރުމުގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާއިރު މީދޫ ކޯގަންނު ސަރަހައްދު ވަރަށް ބޮޑަށް ގިރަމުންދާތީ ދާދިފަުން އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓު ލޯނުގެ އެހީގައި ބޮޑު ހިލަޖެއްސުމަށް ވަނީ ނިންމާފައެވެ ނަމަވެސް އަދިވެސް އެސަރަހައްދު ގިރުމުގެ މައްސަލަ ބާރުމިނެއްގައި ދާއިރުވެސް އެއްވެސް ފަރާތަކުން އެކަމާ ކަންބޮޑުވުންފާޅު ކުރާތަނެއް ނުފެނެއެވެ.

ނަވާރަސަތޭކަ ނުވަދިހައިގެ ކުރީކޮޅު މީދޫ ބަނދަރު ހެދިއިރު އެސަރަހައްދުގެ އޮއި ދެމޭ ބައެއް ތަންތަން ބެއްދިއެވެ. އެކަމުގެ ސަބަބުން ސަރަހައްދުގެ އޮއިވަރަށާއި މާހައުލަށް ބޮޑެތި ބަދަލުތަކެއް އައިސް ރާފަޅާ ހުރި ސަރަހައްދު ކޮންމެވެސް ވަރަކަށް ގިރަމުންދިޔައެވެ. ނަމަވެސް މީދޫގެ ޒުވާނުން ބުނަމުންދަނީ މިހާރު އެސަރަހައްދު އެހާ ހަލުއި ކޮށް ގިރަމުންދަނީ ދާދިފަހުން “ރާފާޅާބީޗް” ގެ ނަމުގައި އެސަރަހައްދު ހިތްފަސޭހަ މައިޒާނަކަށް ހެދުމަށް މީދޫގެ ޒުވާނުން ކުރި މަސައްކަތުގައި އެދިމާލުން މޫދަށް ޕިކްނިކް ދާ މީހުން ފެތުމަށް ފުންވަޅުގަނޑެއް ކޮނުމުގެ ސަބަބުންނެވެ.

މީދޫގެ ޒުވާނުން އެސަރަހައްދު ހިމާޔަތް ކުރުމަށް ބޭނުންވާ އެންމެ ބޮޑު އެއްސަބަބަކަށްވަނީ މީދޫގައި ހުރި އެންމެ ދުވަސްވީ ތަރިކަ ކަމަށްވާ ކޯގަންނު އާއި އިންވެގެން ހުރި މި ސަރަހައްދުގެ ސަބަބުން ކޯގަންނުވެސް ހިމާޔަތް ކުރެވިގެންނުދާނެ ކަމުގެ ބިރުއޮތުމުންނެވެ.