ރާއްޖޭގެ އުފެއްދުންތެރިކަމުގެ ބޮޑު ޙިއްޞާއެއް އަދާކުރާ ޞިނާޢަތަކީ ފަތުރުވެރިކަމުގެ ޞިނާޢަތް ކަމަށްވާއިރު، މި ޞިނާޢަތް ފުޅާކޮށް ތަރައްޤީ ކުރުމަށްޓަކައި މި ސަރުކާރުން މިވޭތުވެދިޔަ ފަސް އަހަރު ދުވަހު ކުރި މަސައްކަތްތަކުގެ ނަތީޖާއާ ދޭތެރޭ ވަރަށްބޮޑަށް ހިތްޕުޅުހަމަޖެހިވަޑައިގަންވާ ކަމަށް ރައީސުލް ޖުމުހޫރިއްޔާ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ޚިޠާބުގައި ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 35 އައު ރިޒޯޓް، 7 ހޮޓެލް، އަދި 495 ގެސްޓްހައުސް ހުޅުވިފައިވާކަމުގައެވެ. މީގެ އިތުރުން ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި 4 ޑޮމެސްޓިކް އެއަރޕޯޓް ހުޅުވިފައިވާ ކަމާއި، އަދި 6 ޑޮމެސްޓިކް އެއަރޕޯޓުގެ މަސައްކަތް މިހާރު ކުރެވެމުންދާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެހެންކަމުން، މިކަންކަމަކީ ރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށްބޮޑު ކުރިއެރުމެއްކަމުގައި ވިދާޅުވެ މިކަމާއި އުފާފާޅުކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައި ވެއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތަށް ލިބޭ ކޮންމެ ކުރިއެރުމަކީ މި ޤައުމަށާއި ރައްޔިތުންނަށް ލިބޭ ކުރިއެރުމެއްކަން ފާހަގަކުރައްވަމުން ރާއްޖޭގެ ފަތުރުވެރިކަން އަތޮޅުތަކަށް ފުޅާވެ، ވަޒީފާތައް އިތުރުވަމުން ދިޔުމަކީ، ރަށްރަށުގެ ތަނަވަސްކަމަށާއި، ޢާއިލާތަކުގެ ތަނަވަސްކަމަށް، އެކަމުން ހެޔޮ ބަދަލުތަކެއް އަންނާނެ ކަމެއްކަމާއި ފަތުރުވެރިކަން ކުރިއެރުވުމުގައި ހުރިހާ ފަރާތްތަކަކުން ގުޅިގެން މަސައްކަތް ކުރުމަކީ ޤައުމުގެ ކުރިއެރުމަށް ލިބޭ އިތުރު ބާރެއްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވެފައި ވެއެވެ.
ދުނިޔޭގެ ފަތުރުވެރިކަމާބެހޭ ޖަމުޢިއްޔާއިން މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަހުގެ ޝިޢާރުގެ ގޮތުގައި ކަނޑައަޅާފައިވަނީ [ޓޫރިޒަމް އެންޑް ދި ޑިޖިޓަލް ޓްރާންސްފޮމޭޝަން] ކަން ފާހަގަ ކުރައްވަމުން، ޓެކްނޮލޮޖީއަށް އައި ބަދަލާއެކީ ފަތުރުވެރިކަންވެސް ފުޅާވެ ކުރިއަރާފައިކަން އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.