ކުރިއަށް އޮތް ފަސް އަހަރުގެ ރައީސަކީ އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ކަމަށް ރިޔާސީ އިންތިޚާބުގައި ރައްޔިތުން ލީ ވޯޓުން ނިންމާފައިވާތީ، އެ ނިންމުން އެގޮތުގައި ދަމަހައްޓާނެ ކަމަށް ސަލާމަތީ ބާރުތަކުން ވިދާޅުވެއްޖެ އެވެ
ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ތެރޭގައި ވެސް އަދި އިންތިޚާބުގެ ވަގުތީ ނަތީޖާގެ ފަހުން ވެސް ގައުމުގެ އަމަން އަމާންކަން ބެލެހެއްޓުމުގައި ދިވެހި ސިފައިން ދަނީ ވަރަށް ޕްރޮފެޝަނަލް ކަމާއި އެކު ހަރަކާތްތެރިވަމުން ކަމަށެވެ.
ޤާނޫނީ ގޮތުން އުފެދޭ ސަރުކާރެއް ދެމެހެއްޓުމަކީ ސިފައިންގެ ޤާާނޫނީ ޒިންމާއެއް ކަމަށާއި އެކަން ސިފައިން ކުރާނެ ކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވެފައި މިވަނީ 23 ސެޕްޓެމްބަރ ގައި ބޭއްވި އިންތިޚާބުގައި ދިވެހި ލޮބުވެތި ރައްޔިތުން ވަނީ ގޮތް ނިންމާފައި ކަމަށް އެނިންމުން ސިފައިން ދަމަހައްޓާނެ ކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް ދަންނަވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިތާ އިރުކޮޅެއް ފަހުންނެވެ.
އާދިއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ އެހެން ގޮތަކަށް ބަދަލުކުރުމަށް ސިފައިންނާއި ފުލުހުން އެއްބާރުލުން ނުދިނުމަށް އެދި އެކި ފަރާތްތަކުން ގޮވައިލަމުން ދާތީ އެ ކަމާ ގުޅިގެން، އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒް މީޑިއާ އަށް ފޮނުއްވި އެސްއެމްއެސްއެއްގައި ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުން ނިންމި ގޮތް، ދިވެހި ފުލުހުން ދަމަހައްޓައި އެ ނިންމުމަށް އިހުތިރާމް ކުރާނެ ކަމަށެވެ.