English Edition
Dhivehi Edition

ހައްޔަރުކުރަން ޖެހޭ ވަރުގެ ޖިނާއީ އެއްވެސް ކުށެއް ކުރައްވާފައި ނުވާނެ ކަމަށާއި އެހެންނަމަވެސް ހައްޔަރުކޮށް ތުހުމަތެއް ކުރާނަމަ އެކަމަށް ޖަވާބުދާރީވުމަށް ތައްޔާރަށް ހުންނެވި ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ޝަރީފް މިހެން ވިދާޅުވީ ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީނާއި އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވާދަކޮށް، އިންތިޚާބުގައި ބޮޑު ތަފާތަކުން އިބޫކުރި ހޯއްދަވާފައި ވަނިކޮށެވެ . މި ނަތީޖާ ގަބޫލުކުރެއްވި ކަން އިންތިޚާބަށް ފަހު ގައުމާ މުޚާތަބު ކުރައްވައި ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އިންތިހާބުގެ ތެރޭގައި ރިޝްވަތު ނަގައިގެން އިލެކްޝަންސް ކޮމިޝަންގެ ތެރޭގައި އިންތިހާބުގެ ނަތީޖާ އޮޅުވާލުމަށް ބައެއް ކަންކަން ހިންގާފައިވާ ކަމަށް ބުނެ ޝަރީފް ހައްޔަރުކުރަން މަސައްކަތް ކުރާ ކަމަށް އަޑުތައް ވަނީ ފެތުރިފައެވެ. މިއާއެކު ޕީޕީއެމުން އިންތިޚާބާ ގުޅޭ މައްސަލަތަކެއް ހޯދައި އިންތިޚާބު ބާތިލް ކޮށްދޭން އެދި ހައި ކޯޓަށް ހުށަހަޅަން އުޅޭ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.

މި ވާހަކަ ތަކާ ގުޅިގެން ޝަރީފް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކުރިން ވެސް އަދި އޭގެ ފަހުންވެސް ޖިނާއީ އެއްވެސް ކުށެއް އޭނާ ކުރައްވާފައި ނުވާނެ ކަމަށާއި އެހެންކަމުން އޭނާ ހައްޔަރުކުރަންޖެހޭ ސަބަބެއް އޮތް ކަމެއް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

އިންތިޚާބުގެ ކުރިން އީސީން ބައެއް އިންތިޒާމްތައް ކުރިއަށް ގެންދިޔަ ގޮތުން، ތުހުމަތުތަކެއް ކުރި ނަމަވެސް މި އިންތިޚާބަކީ ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ސުލްހަވެރި އިންތިޚާބެވެ. ވޯޓުލުމާއި ވޯޓު ގުނުމުގައި އަދި ނަތީޖާގައި ވެސް އެއްވެސް މައްސަލައެއް ނެތޭ ބުނެވޭހާ މަދެވެ. އދ. އިން ވެސް އެކަން ފާހަގަކޮށް، އެކަމަށް ތައުރީފްކޮށްފައިވެ އެވެ.

ޝަރީފް ވިދާޅުވީ އިންތިހާބު ބާތިލްކުރުމަށް ޝަކުވާތަކެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނާ މައުލޫމާތުތަކެއް ލިބެމުންދާ ކަމަށެވެ. އެހެންކަމުން ހުށަހަޅާ ޝަކުވާތަކުގައި އިންތިހާބު ބާތިލްކުރަންޖެހޭ ފަދަ ޝަކުވާތަކެއް ހުރި ކަން އެނގޭނީ އެ ޝަކުވާތައް ލިބުމުން ބަލައި ދިރާސާކުރެއްވުމަށްފަހު ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އީސީން އާއްމުކޮށްފައިވާ ރަސްމީ ވަގުތީ ނަތީޖާ އިން ދައްކާ ގޮތުގައި އިބޫ އިންތިޚާބު ކާމިޔާބުކުރެއްވީ، 134،616 ވޯޓުންނެވެ. އެއީ 58.4 ޕަސެންޓެވެ. ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ، 96،123 ވޯޓެވެ. އެއީ 41.6 ޕަސެންޓެވެ.

.