މައާފް ކުރެއްވުމަށް ވަގުތު އަދިވެސް އެބައޮތް ކަމަށާއި، ތައުބާވެވަޑައިގެން އަނިޔާވެރިކަމުން ދުރަށްޖެހިވަޑައިގެން ބަހާއި އަމަލާ އެއްކުރެއްވުމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝައިޚް އިލްޔާސް، ޑރ. ޝަހީމަށް ގޮވާލައްވަވައިފިއެވެ.
ގުޅިފައިވާ އިއްތިހާދުން އައްޑޫސިޓީ ހިތަދޫގައި ރޭ ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝައިޚް އިލްޔާސް ވިދާޅުވީ އެމަނިކުފާނުގެ ވާހަކަފުޅުތައް ޚިލާފްކަމަށް ވަރަށް ކެރިހުރެގެން ޑރ. ޝަހީމު ވިދާޅުވުމުން އެކަމާ ވަރަށް ދެރަވެވަޑައިގެންނެވި ކަމަށެވެ. އެހެންވެ، ރާއްޖެވަޑައިގަންނަވާނީ މިފަދަ ޖަލްސާއަކާ ދިމާކޮށްކަމަށް ނިންމެވި ކަމަށްވެސް ވިދާޅުވިއެވެ. މަރުވާކަމަށް ވަނީނަމަ މަރުވާނީ ހައްގު ބަސް ބުނެގެން ކަމަށްވެސް ޝައިޚް އިލްޔާސް ވިދާޅުވިއެވެ.
ޑރ އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައާއި ގުޅޭ ނުވަ ޒުވާނަކު މަރާލާފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ވިދާޅުވުމުން ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާފައިވަނިކޮށް އިލްޔާސް ރޭ ރާއްޖެ ވަޑައިގެން ވަނީ އައްޑޫ ގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ބޮޑު ޖަލްސާގައި ބައިވެރިވެވެ ވަޑައިގެންފައެވެ.
ޝައިޚް އިލްޔާސް ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާފައިވަނީ މިމަހުގެ ފަސް ވަނަ ދުވަހުއެވެ. ނަމަވެސް ފުލުސް އޮފީހަށް ހާޒިރުވުމަށް އެންގިއިރު އިލްޔާސް ހުންނެވީ މެލޭޝިއާގައެވެ.
އިލްޔާސް ވިދާޅުވީ ރާއްޖެ ވަޑައިގެން އެކަން ފުލުހުނަށް އަންގާފައިވާކަމަށާއި އަދި ފިއްލަވައިގެން ވަޑައިގެންނެވިކަމަށް ދެކެވޭ ވާހަކަތަކާއި ގުޅޭގޮތުން ހިތާމަކުރައްވާކަމަށާއި ފިއްލަވާފައި ނުވާނެކަމަށެވެ
އިދިކޮޅު ފަރާތްތަކުން ރޭ އައްޑޫގައި ބޭއްވި ޖަލްސާ ނިންމާލާފައިވަނީ އިލްޔާސްގެ ހާއްސަ ދުޢާއަކުންނެވެ..