English Edition
Dhivehi Edition

ދިވެހިރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި ބައިނަލްއަޤްވާމީ ގޮތުން އެކްރެޑިޓްކޮށްފައިވާ ހަމައެކަނި ދުވުމުގެ އިވެންޓްކަމުގައިވާ ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިިފިއެވެ. ރޭހުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް ދިރާގުން ބުނެއެވެ.

މިއަހަރުގެ ނޮވެމްބަރު މަހުގެ ދެ ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ އެ ރޭސް އޮންނާނީ ފާއިތުވި ދެ އަހަރެކޭ އެއްފަދައިން ހުޅުމާލޭގައެވެ.

ދިރާގުން ބުނި ގޮތުގައި ރޯޑްރޭހުގެ ވެބްސައިޓުން ރޭހުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެވޭނެއެވެ.

2007 ވަނަ އަހަރުގައި ދިރާގުން ތައާރަފްކުރި ރޯޑް ރޭސް ޖެހިޖެހިގެން ބާއްވާ މިއީ 12 ވަނަ އަހަރެވެ. ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ މިގޮތުން ގިނަ ބަޔަކު ޝައުގުވެރިވާ ދުރާލާ އިންތިޒާރުކުރާ އެއް އިވެންޓެވެ.

ދުޅަހެޔޮކަމާއި ރަނގަޅު ސިއްހަތު އަދި އާއިލީ ގުޅުން ބަދަހި ކުރުމާއި ރަހްމަތްތެރިކަން އާލާވާ ގޮތަށް ދިރާގު ރޯޑް ރޭހަކީ ހުރިހާ އުމުރުފުރައަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ އިވެންޓެކެވެ. ދިރާގު ރޯޑް ރޭސް މި ފަހަރު ވެސް އޮންނާނީ ދެ ކެޓަގަރީ އަކަށެވެ. އެއީ ފަސް ކިލޯމީޓަރުގެ ބަޔާއި ދިހަ ކިލޯމީޓަރުގެ ބަޔެވެ. ކޮންމެ ކެޓަގަރީ އަކުން ވެސް އޯޕަން ބަޔާއި 45 އަހަރުން މަތީގެ ބަޔާއި ސްކޫލް ކުދިންގެ 13 އަހަރުން ދަށުގެ ބަޔާއި 13 އަހަރުން މަތީގެ ބައި ހިމެނޭނެ އެވެ.

ދުވުންތެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކޮންމެ ކެޓަގަރީ އަކަށްވެސް ބައިވެރިވެވޭނެ އެންމެ ކުޑަ އުމުރުފުރާތައް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ފަސް ކޮލޯމީޓަރުގެ ކެޓަގަރީގައި ބައިވެރިވުމަށް، މިއަހަރުގެ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހަށް އުމުރުން ހަތް އަހަރު ފުރިފައިވާން ޖެހޭނެ ކަމަށް ދިރާގުން ބުނެއެވެ. އަދި 10 ކިލޯމީޓަރުގެ ކެޓަގަރީގައި ބައިވެރިވުމަށް މިއަހަރުގެ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހަށް އުމުރުން 16 އަހަރު ފުރިފައިވާން ޖެހޭނެ ކަމަށް ދިރާގުން ބުނެއެވެ.

މިއަހަރުގެ ރޭހުގެވެސް ޝިޔާރަކީ ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުވެ. އަދި ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމުގެ މަސައްކަތުގައި އުޅޭ މަދަނީ އެކި ޖަމިއްޔާތަކާއި އެންޖީއޯތައް މިއިވެންޓުގައި ބައިވެރިވެ އިވެންޓުގައި ރަޖިސްޓްރީ ކުރުމަށް ވަނީ މިއަދުން ފެށިގެން މިމަހުގެ 13 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ.

ރަޖިސްޓްރީ ކުރާ ޖަމިއްޔާތައް ގައިޑްލައިނާ އެއްގޮތަށް ދިރާގު ރޯޑް ރޭހުގެ ވެބްސައިޓުގައި ޝާއިއުކުރެވޭނެ ކަމަށް ދިރާގުން ބުނެއެވެ. އަދި ހުރިހާ ދުވުންތެރިންވެސް ވެބްސައިޓްގައި ޝާއިއުވެފައިވާ ޖަމިއްޔާތަކުގެ ތެރެއިން އެމީހެއްގެ ދުވުން ހާއްސަކުރާނީ ކޮން ޖަމިޔާއަކަށްކަން ކަނޑައަޅާނެ ކަމަށާއި އެ ގޮތުން އެންމެ ގިނަ ދުވުންތެރިން ހިޔާރުކުރާ ފަސް ޖަމިއްޔާއަކަށް ޖުމްލަ 200،000 ރުފިޔާ ދިރާގުން ހަދިޔާކުރާނެއެވެ.

މި ފަހަރުގެ ރޯޑް ރޭސް އެހެން އަހަރުތަކާއި ހިލާފަށް، މިފަހަރު ރެޖިސްޓްރޭޝަން ކުރައްވާ އިރު ދުވުންތެރިންނަށް ބޭނުން ފުޅުވާ ޓީޝާޓް ގެ ސައިޒް ހިޔާރު ކުރައްވާ ދިރާގު ޕޭ މެދުވެރިކޮށް ޓީޝާޓް ބައްލަވައިގަތުމުގެ ފުރުސަތު ހުޅުވާލާނެއެވެ.

ކުޑަކުދިން ހިމާޔަތްކޮށް ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް ފައިސާ ހޯދޭނެ ވަސީލަތެއް ޤާއިމްކޮށްދިނުމުގެ ގޮތުންނާއި އެ ޖަމިއްޔާއަކާއި ބެހޭގޮތުން އާންމުން ހޭލުންތެރިކުރުވުމުގެ ފުރުސަތުވެސް ހޯދައިދިނުމުގެ މަޤްސަދުގައި އެހެން އަހަރު ތަކެކޭވެސް އެއްފަދައިން މިއަހަރުވެސް ބައިވެރިވުމަށް ދުވުންތެރިން ބައްލަވައިގަންނަވާ މި ހާއްސަ ޓީޝާރޓުން ލިބޭ ހުރިހާ ފައިސާއެއް ދިރާގު މޯލްޑްވްސް ރޯޑް ރޭހުގައި ބައިވެރިވާ ޖަމިއްޔާތަކަށް ކުޑަކުދިންގެ ހައްގުގައި ހަދިޔާކުރުމަކަށް ވަނީ ނިންމާފައެވެ. މިއަހަރު ޓީ ޝާޓު ބައްލަވައިގަތުމަށް ހަމަޖައްސާފައިވާ އަގަކީ މަދުވެގެން 100 ރުފިޔާ އެވެ.