English Edition
Dhivehi Edition

ހާލަތު ބަދަލުކުރުމުގައި ޒުވާނުންގެ ދައުރަކީ އިސް ދައުރެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އައްޑު އަތޮޅާއި، ފުވައްމުލަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ފުވައްމުލައް ސިޓީއަށް ވަޑައިގެން 5 މަޝްރޫޢެއްގެ ނިމުން ފާހަގަކުރެއްވުމަށް ރޭ ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޮންމެ ޤައުމެއް ވެސް ކޮންމެ ރަށެއް ވެސް ކޮންމެ މުޖުތަމަޢެއް ވެސް ކުރިއަރާ ދާނީ ޒުވާނުންގެ ހިތްވަރާއި ޒުވާނުންގެ ހުރި ކެރުންތެރިކަމުގެ ސަބަބުން ކަމަށެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ މާލެ ސިޓީ ތަރައްޤީ ކުރެއްވުމަށް ސަރުކާރުން ކުރައްވާފައިވާ މަސައްކަތްތައް ފާހަގަކުރައްވައިފައެވެ. އެމަނިކުފާނު ވިދާޅުވީ މިއަދު މާލެއަށް އައިސްފައިވާ ތަރައްޤީގެ ސަބަބުން އުއްމީދު އާވެ، މާލެއަކީ މިހާރު ދިރުންހުރި ނަމޫނާ ސިޓީއެއް ކަމުގައެވެ.

ރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިސަރުކާރުން ވަޒީފާގެ ފުރުސަތުތައް އިތުރު ކުރެއްވުމަށް ކުރެއްވި މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވައިލައްވައި، މިހާތަނަށް ލައްކައަކާއި ގާތް ކުރާ އަދަދަކަށް މިސަރުކާރުން ވަޒީފާގެ ފުރުސަތު އުފައްދަވާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި މިވަޒީފާތައް އަދާކުރާ 99 އިންސައްތަ މީހުންނަކީ ދިވެހިން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރުއްޔާ ވަނީ ކުރިއަށް އޮތް ތާނގައި ފަތުރުވެރިކަމުގެ ދާއިރާއިން އެކަނި އެއްލައްކަ ފަސްދޮޅަސް ހާސް ވަޒީފާ އުފައްދަވާނެކަން ފާހަގަކުރައްވައިފައެވެ.

ފުވައްމުލަކުގައި ބޭއްވި މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފުވައްމުލަކުގައި ތަރައްޤީކޮށްފައިވާ ފެނާއި، ނަރުދަމާގެ ޚިދުމަތް ފަށްޓަވައިދެއްވައި، އެރަށުގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތަކާއި، ނޭޗަރ ޕާކް ހުޅުއްވައިދެއްވައި، ބަނދަރުގެ އެއްގަމުތޮށިލުމަށް ހިންގި މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ އައްޑުއަތޮޅަށާއި ފުވައްމުލަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެމަނިކުފާނު ވަނީ ސ. ހުޅުމީދޫއަށް ވަޑައިގެން އެރަށުގެ ނަރުދަމާ ނިޒާމުގެ ޚިދުމަތާއި، ފެނުގެ ޚިދުމަތް އިފްޠިތާޙް ކޮށްދެއްވައި، އެރަށުގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތައް ހުޅުއްވައިދެއްވައި، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ހުޅުއްވައިދެއްވުމުގެ އިތުރުން ހުޅުދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައިފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ހިތަދޫއަށް ވަޑައިގެން ހިތަދޫގެ ނަރުދަމާގެ ޚިދުމަތް ފަށްޓަވައިދެއްވައި އެރަށުގައި އިމާރާތްކޮށްފައިވާ ހައުސިންގް ޔުނިޓްތަކާއި، ނޭޗަރ ޕާކާއި، ސޯލާ ހައިބްރިޑް ޕަވަރ ސިސްޓަމް ހުޅުއްވައިދެއްވައިފައެވެ.

މީގެއިތުރުން މިއަދު އެމަނިކުފާނު ވަނީ ފޭދޫއަށް ވަޑައިގެން މަރަދޫ، މަރަދޫފޭދޫ، ފޭދޫގެ ފެނުގެ ޚިދުމަތް ފަށްޓަވައިދެއްވައި ފޭދޫގެ ބިން ހިއްކުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައިފައެވެ. އަދި އެމަނިކުފާނު ވަނީ މަރަދޫ އަދި މަރަދޫފޭދޫގެ ރައްޔިތުންނާ ވެސް ބައްދަލުކޮށްލައްވައިފައެވެ.