English Edition
Dhivehi Edition
މާލާގެ ގާތިލުން، ސޯރަބް އަދި ރީޓޫ

މާބަނޑުވެފައި އިން މާލާ މަރާލި ހާދިސާއަށް ފަސްމަސް ވީފަހުން މާލާގެ އަސްލު ގާތިލް އިންޑިއާގެ ފުލުހުން ހޯދައިފިއެވެ.

އިންޑިއާގެ އަވަށެއް ކަމަށްވާ ގްރޭޓަރ ނޮއިޑާ ގައި ކުއްޔަށް އެޕާޓްމެންޓެއް ހިފައިގެން ދިރިއުޅެމުން ދިޔަމާލާ އާއި ފިރިމީހާ ޝިވަމް ކައިވެންޏަށްފަހު އެ އިމާރާތަށް ބަދަލުވީ ޝިވަމްގެ އާއިލާ އެކައިވެންޏަށް ނުގަބޫލު ވުމުންނެވެ. ފޭސްބުކުން ދިމާވެގެން ރައްޓެހިވެ މި ދެމީހުން ކައިވެނި ކުރީ 2017 ވަނަ އަހަރުއެވެ.

ފުލުހުން ވަނީ ޑަވްރީ ގެ މައްސަލައިގައި މާލާ މަރާލި ކަމުގެ ތުހުމަތުގައި އޭނަގެ ފިރިމީހާ ޝިވަމްވެސް މީގެ ކުރިން ހައްޔަރުކޮށްފައެވެ. ނަމަވެސް ފުލުހުން ބުނީ މިދިޔަ އާދީއްތަ ދުވަހު މާލާގެ ގެއްލިފައިވާ ފޯނު އޮންކޮށްލުމުން ލޮކޭޝަން ޓްރޭސްކޮށްގެން ގޮސް އަންހެނަކާ ފިރިހެނަކު ވަނީ ތަހުގީގަށް ހައްޔަރު ކޮށްފައިކަމަށެވެ.

މިހާދިސާތަހުގީގު ކުރާފުލުހުން ބުނެފައިވަނީ ފޯންޓްރޭސް ކޮށްގެން ގޮސް ހައްޔަރު ކޮށްފައިވަނީ މާލާއާ އެއްގެއެއްގެ އެހެން އެޕާޓްމެންޓެއްގައި ދިރިއުޅެމުން ދިޔަ އުމުރުން 26 އަހަރުގެ ސޯރަބް އާއި އޭނަގެ 25 އަހަރުގެ އަނބިމީހާ ރީޓޫއެވެ. ފުލުހުން ބުނެފައިވަނީ މިހާތަނަށް ބެލިބެލުމުން އެނގިފައިވަނީ ރީޓޫ އާ މާލާ އަކީ އެގެއިން ދިމާވެގެން ރަހުމަތްރެރި ކަންއޮންނަ ދެމީހުން ކަމަށާއި ރީޓޫ ވެސް މާލާވެސް ދެމީހުން ދިރިއުޅޭ އެޕާޓްމެންޓަށް ގޮސްހަދާކަމަށެވެ.

މާލާ މަރާލި ގޮތް ފުލުހުންނަށް ކިޔާދެމުން ރީޓޫ ބުނެފައިވަނީ އޭޕްރީލް ހަތްވަނަ ދުވަހު ރީޓޫ މާލާ އަށްގުޅާފައި އެދުނީ އެހީއެއްވެލުމަށް އެ އެޕާޓްމެންޓަށް އައިސް ދިނުމަށެވެ. މާލާ އެގެއަށް ދިޔައިރު ރީޓޫ އިނީ ގޮނޑީގައި އިށީނދެގެން ކަމަށާއި މާލާވެސް ކުރިމަތީގައި ހުރި ގޮނޑީގައި އިށީނދެ ދެމީހުން ވާހަކަދައްކަން ފެށިތާ ކުޑައިރުކޮޅަކުން ފަހަތުން އައިސް ސޯރަބް މާލާގެ ސްކާފް ކަރުގައި ބާރަށް އޮޅާލުމަށްފަހު މަރާލީކަމަށް ރީޓޫ ބުނެފައިވެއެވެ. ރީޓޫ އިތުރަށް ކިޔައދިންގޮޮތުގައި މާލާ މަރާލުމަށްފަހު ސޯރަބް އާދެމީހުން ދިޔައީ މާލާގެ އެޕާޓްމެންޓަށް ކަމަށާއި އެތަނުން ދެ ފޮށިނަގާ އެކައްޗަށް އޭނަގެ ގަހަނާތަކާއި ހެދުން އަދި ފޯނު ލުމަށްފަހު ރީޓޫމެން ދިރިއުޅޭ އެޕާޓްމެންޓްގައި މަރާލާފައި އޮތް މާލާގެ ހަށިގަނޑު އަނެއް ފޮށްޓަށް ލައިގެން އޮޓޯއަކަށް އަރައިގެން ގޮސް ދުރުހިސާބަކަށް އެއްލާލީ ކަމަށެވެ.

މިހާދިސާ އާބެހޭގޮތުން މާލާގެ އާއިލާމީހުން ބުނެފައިވަނީ މާބަނޑު ވެފައި އިންދާ އޭނަ މަރާލީ ފިރިމީހާ ކަމަށް ޝައްކު ކޮށްގެން އޭނަގެ ފިރިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނީތީ މިއަދު ދެރަވާކަމަށެވެ. މީގެ އިތުރުން މާލާގެ ބޭބެ ބުނެފައިވަނީ މާލާ މަރުވުމުގެ ކުރިން އޭނަގެ އަނބިމީހާ ގޮވައިގެން މާލާކައިރިއަށް ދިޔައިރު ރީޓޫ އެގޭގައި އިންކަމަށާއި އެދުވަހު އެމީހުންނަށް މާލާގެ ކައިވެނީގެ ހަދިޔާތަކާކާއި ގަހަނާތައް މާލާ ދެއްކި އިރުވެސް ރީޓޫ އެގޭގައި އިންކަމަށެވެ. އެހެން ނަމަވެސް އެއްވެސް އިރަކު ރީޓޫ އާއި އޭނަގެ ފިރިމީހާ މާލާގެ ގަހަނާއާއި މުދަލުގެ ބޭނުމުގައި މާލާ މަރާލާނެކަމަކަށް ޝައްކެއް ނުކުރާކަމަށެވެ.

ފުލުހުން ބުނެފައިވަނީ މިހާދިސާ މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށާއި މިހާތަނަށް ބެލިބެލުމުން މާލާ މަރާލާފައި ފޭރިގަތީ ސޯރަބް ވަޒީފާއެއްގައި ނޫޅޭތީ ފައިސާގެ ބޭނުމުގައި ކަމަށް ތަހުގީގަށް އެނގިފައިވާކަމަށެވެ.