English Edition
Dhivehi Edition

2030 ވަނަ އަހަރުގެ ނިޔަލަށް 18 އަހަރު ކޮންމެ ޒުވާނަކަށް 1000 އަކަފޫޓްގެ ބިމެއް ނުވަތަ ފްލެޓް ލިބިގެންދާނެކަމަށް ރައީސުލް ޖުމުހޫރިއްޔާ ޔާމީން އަބްދުލް ގައްޔޫމް އަނެއްކާވެސް ތަކުރާރުކޮށް ވިދާޅުވެއްޖެއެވެ.

ހިޔާ މަޝްރޫޢުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް ދިނުމަށް ރޭ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ހިޔާ ގެ މަޝްރޫޢު ނިމުމާއެކު ދިވެހި ޒުވާނުންގެ ތެރެއިން ގިނަ ބަޔަކަށް ބޯހިޔާވަހިކަން ޔަޤީންވެގެންދާނެކަމަށެވެ. މީގެއިތުރުން 2030 ގެ ނިޔަލަށް 18 އަހަރުވާ ކޮންމެ ޒުވާނަކަށް 1000 އަކަފޫޓްގެ ބިމެއް ނުވަތަ ފްލެޓް ލިބިގެންދާނެކަމަށެވެ.

މި ޖަލްސާ ބޭއްވި ސަރަހައްދަކީ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫޢުކަމަށްވާ “ހިޔާ” މަޝްރޫޢުގެދަށުން 25 ބުރީގެ 62 ޓަވަރު އަޅަމުންދާ ސަރަޙައްދެވެ.
ހިޔާ” މަޝްރޫޢަކީ ގާތްގަނޑަކަށް 100 ހާސް މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި ތަރައްޤީ ކުރާ ހައުސިންގ ޔުނިޓްތަކަކީ، މި ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ވަޢުދާއި ހަމައަށް ވާސިލްވުމަށް އަޅާ ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މި މަޝްރޫޢު ވެގެންދާނީ ޢުމްރާނީގޮތުންނާއި، އިޤްތިޞާދީގޮތުންނާއި އިޖްތިމާޢީގޮތުންވެސް ރާއްޖެއަށް ބޮޑެތި ކުރިއެރުންތަކެއް ގެނުވާނެ އުއްމީދީ މަޝްރޫޢެއްކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

“ހިޔާ” މަޝްރޫޢުގެ ދަށުން އަޅާ 25 ބުރީގެ 62 ޓަވަރުގެ ތެރެއިން 16 ޓަވަރެއްގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.