English Edition
Dhivehi Edition

ޑައިލީސިސްގެ އެންމެ ކާމިޔާބު ފަރުވާ، ހައި-ވޮލިއަމް ހީމޯޑަޔަފިލްޓްރޭޝަން (އެޗްޑީއެފް) ގެ ޚިދުމަތާއެކު ޓްރީޓޮޕް ހޮސްޕިޓަލުގެ ޑައިލީސިސް ޔުނިޓްތައް ހުޅުވައިފިއެވެ.

ރާއްޖޭގެ ވިޔަފާރިވެރިންތަކެއް ގުޅިގެން ހެދި ޓްރީ ޓޮޕް ހޮސްޕިޓަލުގެ އަލަށް ފެށި ޚިދުމަތާ ގުޅޭ ގޮތުން އެ ހޮސްޕިޓަލުުން ބުނެފައިވަނީ އެތަނުން އެޗްޑީއެފް ތެރަޕީ ނަގާ ޑައިލީސިސް ޕޭޝަންޓުންގެ ސިއްހަތު އެހެން ޑައިލީސިސް ޕޭޝަންޓުންގެ ސިއްހަތާ އަޅާބަލާއިރު 30 އިންސައްތަ ދުޅަހެޔޮ ކަމަށް ސައިންސް ދިރާސާތަކުން ޔަގީންކުރެވިފައިވާ ކަމަށެވެ.
ހަމައެއާއެކު އެ ތެރަޕީގައި ބޭނުންކުރާ ފެނުގެ މިންވަރު މަތިކޮށްފައިވުމުން އެ ތެރަޕީ ނަގާ ޑައިލިސިސް ޕޭޝަންޓުންނަށް އެހެން ބަލިތައް ޖެހުމުން ދުރުކޮށްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެޗްޑީއެފް ތެރަޕީ ފޯރުކޮށްދިނުމަށް ބޭނުންވާ ޒަމާނީ ޕްލާންޓެއްގެ އިތުރުން ބަލިމީހުންނަށް ހިދުމަތް ދިނުމަށްޓަކައި ޒަމާނީ ނުވަ ޑައިލީސިސް ކޮޓަރި ޓްރީޓޮޕް ހޮސްޕިޓަލްގައި ވަނީ ގާއިމްކޮށްފައެވެ. އެ ނުވަ ކޮޓަރީގެ ތެރެއިން އެއް ކޮޓަރި ޚާއްސަކޮށްފައިވަނީ ޑައިލީސިސް ހަދަން އަންނަ ބޮޑެތި ބަލި ހުންނަ މީހުން ނުވަތަ ކަރަންޓީނު ކުރަން ޖެހޭ މީހުންނަށެވެ.

މީގެ އިތުރުން އެ ކޮޓަރިތަކުގައި ޑައިލަސިސް ހަދަން އޮންނަ ބަލިމީހާ މުނިފޫހި ފިލުވުމަށްޓަކައި ޓީވީއަކާއި ހެޑްސެޓެއް ބަހައްޓާފައިވާއިރު، ޑައިލީސިސް ހަދާ ޕޭޝަންޓުންގެ ސިއްހަތު މޮނިޓަރ ކުރާ ހާއްސަ މެޝިނެއް ވެސް އެ ކޮޓަރިތަކުގައި ވަނީ ބަހައްޓާފައެވެ.

އަލަށް ތައާރަފްކުރިމި ޚިދުމަތްތައް ހަފްތާއަކު 60 ބަލިމީހުންނަށް ފޯރުކޮށްދެވޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

މި ހޮސްޕިޓަލަކީ 110 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހަދާފައިވާ ހޮސްޕިޓަލެކެވެ.