ވޭތުވެދިޔަ ފަސް އަހަރަކީ އެންމެ ބޮޑަށް އަދުލު އިންސާފު ގެއްލިގެން ދިޔަ ފަސް އަހަރު ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ
ރޭ އިދިކޮޅު ސިޔާސީ ޕާޓީތައް ގުޅިގެން އަލިމަސް ކާނިވަލް ސަރަހައްދުގައި ބޭއްވި ބޮޑު ޖަލްސާގައި، ވާހަކަދައްކަވވަމުން އިބޫ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މި ވޭތުކުރީ ހުދުމުހުތާރު ފަސް އަހަރު ކަމަށާއި އޭގެ ފަހުން ރައްޔިތުން ބޭނުންވަނީ ބަދަލެއް ކަމަށެވެ.” މިވަގުތަކު ކުރަން އޮތް ކަމަކީ އަޅުގަނޑުމެން އެންމެން މި ބަދަލަށް ތައްޔާރުވުން. ރައީސް ޔާމީނަށް ފަހު އަޅުގަނޑު، އަޅުގަނޑަށް ފަހު އެހެން ބޭފުޅެއް. އެއަށްފަހު އެހެން ބޭފުޅެއް އަބަދުވެސް އަންނާނެ،ހުންނާނެ. ދާނެ.” އިބޫ ވިދާޅުވިއެވެ.
ކޮންމެ ނިމުމަކީ ފެށުން ކަން ފާހަގަ ކުރައްވައި އިބޫ ވިދާޅުވީ ހިނގަމުންދާ ކޮންމެ ސިކުންތެއް، ޖަހާ ކޮންމެ އެސްފިޔައެއް، އަދި ލާ ކޮންމެ ނޭވާއެއް ގާތްކޮށް ދެނީ ރާއްޖެއަށް އަންނަން އުޅޭ ބަދަލައް ކަމަށެވެ. މީގެ އިތުރުން އިބޫ ވިދާޅުވީ މި ރިޔާސީ އިންތިހާބަކީ މި ނައުގެ ހުންގާނަށް އަރައި އަމާން އައްސޭރިއަކަށް ހޭރިޔާ ކޮށްލަން ލިބޭ ފަހު ފުރުސަތު ކަމަށެވެ.