English Edition
Dhivehi Edition

އަމިއްލަ ފަރާތްތަކަށް އެހީ ދިނުމާބެހޭ ގަވާއިދެއް އައްޑޫ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.

މިއީ ކަނޑައެޅޭ އުސޫލެއްގެމަތިން އައްޑޫ ސިޓީ ތަރައްޤީގެ ޕްލޭންގައި ހިމެނޭ ދީނީ ކަންކަމާއި، ތަޢުލީމާއި، ފަރުދުންގެ ދުޅަހެޔޮކަމާއި، ކުޅިވަރާއި، މުނިފޫހިފިލުވުމާއި، އިޖްތިމާޢީ ކަންކަމާއި، ސަގާފަތާއި، އިންސާނީ ވަޞީލަތްތަކާއި، ދިރޭތަކެތީގެ މުއްސަނދިކަން ލިބިފައިވާ މުޖުތަމަޢެއް ބިނާކޮށް ތަރައްޤީކުރުމާއި އަދި މިނޫންވެސް މިފަދަކަންކަން ކުރުމަށްޓަކައި އެކަންކަމަށް ބޭނުންޖެހިފާއިވާ ފަރާތްތަކަށާއި، ޖަމްޢިއްޔާ އަދި ޖަމާޢަތްތަކަށް ކައުންސިލްގެ ބަޖެޓް ތަންދޭ މިންވަރަކުން ފައިސާ އާއި ފަންނީ އަދި އެހެނިހެން ގޮތްގޮތުން އެހީތެރިކަން ފޯރުކޮށް ދިނުމަށް ކައުންސިލުން އެކުލަވާލި ގަވާއިދެކެވެ.

މި ގަވާއިދުގައި ކަނޑައަޅާފައިވަނީ ތަރައްޤީގެ ޕްލޭންގައި ހިމެނޭ ކަންކަން ކުރުމަށްޓަކައި ރަޖިސްޓްރީ ކުރެވިފައިވާ ޖަމްޢިއްޔާ ޖަމާޢަތްތަކަށް ކަމުގައި ވީނަމަވެސް، ގުދުރަތީ ކާރިސާއެއް ނުވަތަ އަލިފާނުގެ ނުރައްކާތެރި ހާދިސާއެއް ނުވަތަ އެ ހާދިސާއަކުން ދިރިއުޅުން ކުރިއަށް ނުގެންދެވޭ ވަރުގެކަމެއް މެދުވެރިވެ އެފަރާތަށް އެހީވާނޭ ދައުލަތުގެ އެހެން އިދާރާއެއް ނުވަތަ އެފަރާތުގެ މާލީ ތަނަވަސްކަމެއް ނެތްނަމަ، އެ ފަރާތަކުން ކައުންސިލްގައި އެހީތެރިކަމަށް އެދުމުން ޟަރޫރަތަކަށްޓަކައި އެފަދަ ފަރާތަކަށް ކައުންސިލުން އެހީތެރިކަން ފޯރުކޮށްދެވިދާނެ ކަމަށެވެ.

މީގެ އިތުރުން ވެސް ޢާއިލާ ރޫޅި ބިކަވެ ހާލުގައި ޖެހިފައިވާ 18 (އަށާރަ) އަހަރު ފުރިފައިނުވާ ކުދިންނަށް އެހީތެރިވެދޭނޭ ދައުލަތުގެ އެހެން އިދާރާއެއް ނުވަތަ މާލީ ތަނަވަސްކަމެއް ނެތްނަމަ އެފަދަ ފަރާތެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ އުފަންދުވަހުގެ ސެޓްފިކެޓް ހެދުމަށް ނުވަތަ މިފަދަ އެހެންވެސް ކަމެއް ކުރުމަށްޓަކައި އެހީއަށް ކައުންސިލްގައި އެދުމުން އެފަދަ އެހީއެއް ކައުންސިލުން ދެވިދާނެކަމަށް ވެސް ގަވާއިދުގައި ވެއެވެ.

މި ގަވާއިދުގެ މަޤްޞަދު ހާސިލްކުރުމަށްޓަކައި ސްކޫލްތަކަށާއި، އައްޑޫގައި ބާއްވާ ހާއްސަ މުބާރާތްތަކަށާއި ހަރަކާތްތަކަށް ހިތްވަރުދިނުމުގެގޮތުން އެހީ ދެވިދާނެ ކަމަށް މިގަވާއިދުގައި ވެއެވެ. މިގަވާއިދިގައިވާ ގޮތުންމަތިން ދޭ އެހީއަކީ ފައިސާ އާއި ފަންނީ އަދި އެހެނިހެން ގޮތްގޮތުން އެއްވެސް ބަދަލަކާނުލާ ދެވޭއެހީ އެކެވެ.

މި ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރުމަށްޓަކައި ކައުންސިލުން ވަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވާފައެވެ. މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.