އިންޑިއާގައި 50 ލައްކަ ރުޕީސްގެ ގަހަނާ ފޭރިގެންފިއެވެ. އިންޑިއާގެ ނިއު ދިއްލީގައި 3 ފިރިހެނަކު ވެގެން ފިހާރައަކަށް ވަދެ، ބަޑި ދެއްކުމަށް ފަހު 50 ލައްކަ ރުޕީސްގެ ގަހަނާ ނެގީ އިއްޔެގެ ވަގުތެއްގައެވެ.
އިންޑިއާ ފުލުހުން ނާއި ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި ފުލުހުންނަށް މި މައްސަލަ ހުށައަޅަމުން ފިހާރައިގެ ވެރިފަރާތެއް ކަމުގައިވާ ގައުރަވް ޝަރުމާ ބުނެފައިވަނީ ބަޑި ހިފައިގެންތިބި ބަޔަކު ފިހާރަޔަށް ވަދެ އޭނާގެ ކޮއްކޮ އަށާއި ކޮއްކޮގެ އަންހެނުންނަށް ބިރުދައްކާފައިވާކަމަށެވެ.
މީގެ އިތުރުން ފިހާރަޔަށް 3 މީހުން ވަން އިރު ފިހާރައިގައި ތިބީ އޭނާގެ ކޮއްކޮ އާއި ކޮއްކޮގެ އަންހެނުންކަމަށް ޝަރުމާ ވަނީ ބުނެފައެވެ. އަދި 3 މީހުންގެ ތެރެއިން އެކަކު ކޮއްކޮގެ އަންހެނުންނާ ދިމާއަށް ބަޑި ދިއްކޮށް ދެންތިބި ދެމީހުން ފިހާރައިގެ ތެރޭގައިހުރި ގަހަނާ އެމީހުންގެ ދަބަސްތަކަށް އަޅަމުން ދިޔައީކަމަށް ޝަރުމާ ވަނީ ފުލުހުންނަށް ދިން ބަޔާނުގައި ކިޔައިދީފައެވެ..
ފިހާރައިން ގަހާނާ ގެންދިޔަ ތިންމީހުންގެ ތެރެއިން އެކަކު ކުރިން ފަހަރެއްގައި ފިހާރަޔަށް އައިސްފައިވާކަމަށް ވެސް ޝަރުމާވަނީ ފުލުހުންނަށް ކިޔައިދީފައެވެ.