English Edition
Dhivehi Edition

ކުރިއަށްއޮތް ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ޝައްކު އުފެދޭ ފަދަ ޙަގީގަތާއި ޚިލާފު ވާހަކަތަކެއް ބައެއް މީޑިއާތަކުން ޚަބަރުފަތުރަމުންދާތީ އިލެކްޝަންސް ކޮމިޝަނުން އެކަން ކުށްވެރިކޮށްފިއެވެ.

އެކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންތިޚާބުގެ އެއްވެސް ކަމަކާ ގުޅޭ ގޮތުން އާއްމުންނަށް އޮޅުންއަރާ ގޮތަށް މައުލޫމާތު ފެތުރުމުގެ ކުރިން، އެކަމުގެ ހަގީގަތް އިލެކްޝަންސް ކޮމިޝަނުން ހޯދުމަކީ އެދެވިގެންވާ ކަމެއް ކަމަށެވެ.

މި ބަޔާނުގައި ބުނެފައިވަނީ ރިޔާސީ އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ހެދުމަކީ އެކޮމިޝަނަށް ޤާނޫނީ ގޮތުން ލާޒިމްވާކަމެއްކަމަށާއި ކޮމިޝަންގެ ނިންމުންތައް ނިންމާނީ ކޮމިޝަންގެ ރައީސް ނޫންކަމަށާއި އެއީ ކޮމިޝަންގެ އަޣުލަބިއްޔަތުން ކުރާކަމެއްކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ވޯޓު ފޮށިތައް ފޮނުވަމުން ދަނީ، ކޮންމެ ރަށަކަށް އެއް ފޮށި އިތުރުވާ ގޮތަށް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ވިދާޅުވުމާއި ގުޅިގެން އިލެކްޝަން ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ރާއްޖޭގެ ބައެއް މީޑިޔާތަކަށް މައުލޫމާތުދެއްވަމުން ވިދާޅުވީ މަހްލޫފް އާއްމު ކުރައްވާފައި ވަނީ ކަނޑައެޅިގެން ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ.

އަދި ރިސޯޓުތަކުގައި ވަކި ޢަދަދަކަށް ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެއްސީ ވޭތުވެދިޔަ އިންތިޚާބުތަކުގައި ކަންކަން ކުރިއަށްދިޔަގޮތް ބެލުމަށްފަހުކަމަށާ، ވޯޓްފޮށި ބެހެއްޓި ޢަދަދު އިތުރުކުރީ ގިނަ ބަޔަކަށް ވޯޓްކުމުގެ ޙައްޤު ކަށަވަރުކޮށްދިނުމަށްކަމަށްވެސް އިލެކްޝަން ކޮމިޝަނުގެ ބަޔާނުގައި ބުނެފައިވެއެވެ.
ރެޖިސްޓްރޭޝަންގެ މަސައްކަތްތަކާގުޅޭގޮތުން ފަތުރަމުންދާ ދޮގު ވާހަކަތަކަށް ރައްދުދީ އެބަޔާނުގައި ބުނެފައިވަނީ ރީރެޖިސްޓްރޭޝަންގެ މަސައްކަތްތައް މިފަހަރުވެސް ކުރިއަށްގެންދިޔައީ މީގެކުރީގެ އިންތިޚާބުތަކުގައިވެސް ކުރިއަށް ގެންގޮސްފައިވާ ގޮތަށްކަމަށެވެ. އަދި އެކަމުގައި އިތުރު އާގޮތްތަކެއް ބޭނުންކޮށްފައި ނުވާކަމަށާ، ރީރެޖިސްޓްރޭޝަންގެ ސިއްރު މަޢުލޫމާތުތަކެއް ކޮމިޝަނުން ލީކުވި ވާހަކައެއް، އެއްވެސް އިރެއްގައި ކޮމިޝަންގެ ރައީސް އެއްވެސް ޕްލެޓްފޯމެއްގައި ދައްކާފައިނުވާނެކަމަށެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ވޯޓު ފޮށިތައް ފޮނުވަމުން ދަނީ، ކޮންމެ ރަށަކަށް އެއް ފޮށި އިތުރުވާ ގޮތަށް ކަމަށެވެ. މި އިންތިޚާބުގައި ވާދަކުރައްވަނީ އެންމެ ދެ ކެންޑިޑޭޓުން ކަމަށް ވެފައި، އެހެން އިންތިޚާބުތަކާ ޚިލާފަށް މި ފަހަރު އެއްބުރުން ނަތީޖާ ނެރޭއިރު ކޮންމެ މަރުކަޒަކަށް ވޯޓު ފޮއްޓެއް އިތުރުކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ރަށްރަށައް އިތުރަށް ވޯޓް ފޮށި ފޮނުވާފައިވާކަން ހާމަކޮށްދޭ ބައެއް ފޮޓޯތަކާއެކު މަހުލޫފް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރަށް ރަށަށް އިތުރަށް ވޯޓް ފޮށި ފޮނުވަމުންދާތީއާއި، އިމެޖަންސީ ލައިޓް ފޮނުވަމުންނުދާތީ ކަންބޮޑުވާކަމަށެވެ.