English Edition
Dhivehi Edition

ރައްޔިތުންނަށް ތަރައްޤީ ފޯރުކޮށްދެއްވާނީ އެންމެން އޭގައި ޝާމިލުވާގޮތެއްގެ މަތިން ކަމަށާއި މިވިސްނުންފުޅުގައި ކުރެވެމުންދާ މަސައްކަތްތަކާއިއެކު ހުރިހާ ރައްޔިތުންނަށް ތަރައްޤީ ކަށަވަރުވެގެންދާތަން ފެނިވަޑައިގަންނަވަމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މާޅޮސްމަޑުލު އުތުރުބުރިއާއި، މިލަދުންމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫއަށް ވަޑައިގެން އެރަށުގައި ތަރައްޤީކޮށްފައިވާ ބަނދަރު ހުޅުއްވައިދެއްވުމަށްފަހު އިނގުރައިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަތޮޅުތެރޭގެ ރަށްރަށަށް ބޭނުންވާ ތަރައްޤީ ގެނައުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވިދާޅުވީ އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާއި ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކަށްވެސް ބަދަލެއް ނާންނާނެކަމަށެވެ. އެގޮތުން ރައްޔިތުންގެ ޚިދުމަތުގައި އިޚްލާސްތެރިކަމާއިއެކު އެމަނިކުފާނު ދެމިހުންނަވާނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ވަނީ ދެއްވައިފައެވެ.

އިނގުރައިދޫއަށް ވަޑައިގެންނެވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ މިއަދު ހެނދުނު ވަނީ މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫއަށް ވަޑައިގެން އެރަށުގެ ބަނދަރު ހުޅުއްވައިދެއްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ، މާޅޮސްމަޑުލު އުތުރުބުރިއާއި، މިލަދުންމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ތިން ދުވަހުގެ ދަތުރުފުޅުގައި އިއްޔެ ހެނދުނު ވަނީ ރ. އަލިފުށްޓަށް ވަޑައިގެން އެރަށުގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވައިފައެވެ. އަދި ރ. ހުޅުއްދުއްފާރަށް ވަޑައިގެން އެރަށުގައި ޤާއިމްކޮށްފައިވާ ފެނާއި ނަރުދަމާގެ ޚިދުމަތް ވެސް އިފްތިތާޙްކޮށް ދެއްވައިފައިވެއެވެ. މީގެއިތުރުން އިއްޔެ ރައީސުލްޖުމްހޫރިއްޔާ ވަނީ ރ. އުނގޫފާރަށާއި، ރ. ދުވާފަރަށް ވަޑައިގެން އެދެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައިފައެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި، ރ. މީދޫ މަގުހެދުމުގެ މަސައްކަތް ނިމުން ފާހަގަކުރެއްވުމަށާއި، ނ. މާފަރު އެއަރޕޯޓް ހުޅުއްވައިދެއްވުމަށާއި، އެރަށު ބަނދަރު ހުޅުއްވައިދެއްވުމުގެ އިތުރުން ނ. ވެލިދޫއަށް ވަޑައިގެން އެރަށުގައި ޤާއިމްކޮށްފައިވާ ފެނާއި، ނަރުދަމާގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވުމަށާއި، އެރަށު ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ރ. މަޑުއްވަރިއަށާއި، ނ. ކެނދިކުޅުދޫއަށް ޒިޔާރަތްކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.