އިންޑިއާ އިން ދިވެހިރާއްޖެ ހިފަން އުޅޭވާހަކަ އިންޑިއާ ސަރުކާރުން ދޮގު ކޮށްފިއެވެ.
އަންނަ މަހު އޮންނަ ރިޔާސީ އިންތިހާބުގެ ވޯޓު އޮޅުވާލައިފި ނަމަ އިންޑިއާއިން ރާއްޖެ ހިފަންޖެހޭ ކަމަށް އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގޭގެ މެންބަރު ސުބްރަމާނިއަން ސުވާމީ ގޮވާލެއްވި ގޮވާލެއްވުމަކީ، އިންޑިއާ ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށް އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގެ ތަރުޖަމާން ވިދާޅުވެއެވެ.
އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގެ ތަރުޖަމާނު ރަވީޝް ކުމާރާއި ހަވާލާދީ އެ މިނިސްޓްރީން މިއަދު އާންމުކުރި ބަޔާނެއްގައި ބުނެފައި ވަނީ، ސުވާމީގެ ޓްވީޓަކީ އޭނާގެ އަމިއްލަ ހިޔާލު ކަމަށާއި އެއީ އިންޑިއާ ސަރުކާރުން ދެކޭ ގޮތް ނޫން ކަމަށެވެ. “ޑރ. ސުވާމީގެ ހިޔާލަކީ ސްވާމީގެ އަމިއްލަ ހިޔާލެއް، އެއީ އިންޑިއާ ސަރުކާރުގެ ވިސްނުމެއް ނޫން” ރަވީޝް ކުމާރާއި ހަވާލާދީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން މިއަދު އާންމުކުރި ބަޔާނުގައި ބުނެފައި ވެއެވެ.
ރިޔާސީ އިންތިހާބުގެ ނަތީޖާ އޮޅުވާލައިފިނަމަ އިންޑިއާއިން ރާއްޖެއަށް އަތްގަދަކުރަން ޖެހޭނެ ކަމަށް ސުވާމީ ގޮވާލާފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ބައްދަލުކޮށް، ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭ ގޮތުން މަޝްވަރާ ކުރިތާ ދެތިން ދުވަސް ފަހުންނެވެ. އިންޑިއާއިން ރާއްޖެ ހިފަންޖެހޭނެ ކަމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ސުވާމީ ވިދާޅުވެފައިވާތީވެ، އޭނާއަށް އަންނަނީ ހުދު އެޤައުމުގެ އެތެރެއިންނާއި ރާއްޖޭގެ ސިޔާސީ ބޭފުޅުންގެ ފާޑުކިޔުންތައް އަމާޒު ކުރައްވަމުންނެވެ.