ފާއިތުވި 3 ފަހަރެއްގެ މަތިން ކޮންމެ ރިޔާސީ އިންތިޚާބަކާ ދިމާކޮށް އައްޑޫސިޓީގެ ރައްޔިތުންނަށް ގޯތި ދެމުން ދަނީ ރައްޔިތުން އޮޅުވާލުމަށްޓަކައި ކަމަށް އައްޑޫސިޓީގެ މޭޔަރ އަބްދުﷲ ޞާދިގު ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނު ކައުންސިލް އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޭޔަރ ވިދާޅުވީ 2002 ވަނަ އަހަރުން ފެށިގެން ކޮންމެ ރިޔާސީ އިންތިޚާބަކާ ދިމާކޮށް އައްޑޫގެ ރައްޔިތުންނަށް މިފަދައިން ބިން ދޫކުރަމުން އެބަ ގެންދާ ކަމަށާއި އެއީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ކުރަމުންގެންދާ ކަމެއް ކަމަށް ގަބޫލު ކުރެއްވެވޭ ކަމަށެވެ.
އެމްޑީޕީގެ ސަރުކާރުގައި ނަގާފައިވާ ބިންތައް މިހާރުގެ ސަރުކާރުން ރައްޔިތުންނަށް ދޫކުރާ ކަމަށް ބުނެ، ޗާޓެއް ބަލައިގެން ބިން ދޫކުރަމުން ދާއިރު އެ ސަރަހައްދުގައި 750 ގޯތި ދޫކުރެވޭނެ ތަނެއް ނުވެސް އޮންނާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.
“މި ސަރުކާރުގައި އެއްގޮތަކަށް އެއްވެސް މަސައްކަތެއް ގޯތި ދޫކުރުމަށް ނުކޮށް ތިބެ މިވަގުތު އެކަން ކުރުމަކީ ރިޔާސީ އިންތިޚާބަށް ރައްޔިތުން އޮޅުވާލުމަށް ކުރާ ކަމެއްގެ ގޮތުގައި ބެލެވެނީ. ސަބަބަކީ އެ ދޫކުރަނީ ވަގުތީ ރަޖިސްޓްރީ ކަމަށް ވާތީ. ބިމާ ބެހޭ ގާނޫނުގައި ވަރަށް ސާފުކޮށް ބުނެފައި އޮންނާނެ ވަގުތީ ރަޖިސްޓްރީ ދޫކުރެވޭނީ ގޯތި ހަވާލު ކުރުމަށްފަހު ގޯތި ވަކިކުރުމަށް އިމުގައި ޖަހާ ކަންމުޑި ޖެހުމަށްފަހު ގޯތި ވަކިކޮށްގެން ކަމަށް . އެފަދަ ކަމެއް ނެތި ހަމަ އެކަނި ލިޔުންތަކަކަށް ބަލާފައި ޗާޓަކުން މިއީ ގޯތި ކަމަށް ބުނެ ދައްކާފައި ދޭ ރަޖިސްޓްރީ އަކީ ވެލިޑް ރަޖިސްޓްރީއެއް ނޫން” މޭޔަރ ވިދާޅުވިއެވެ.
2002 އިން ފެށިގެން 3 ފަހަރެއްގެ މަތިން ކޮންމެ އިލެކްޝަނަކާ ކައިރިކޮށް މިގޮތަށް ޗާޓުން ގޯތި ދައްކާ ގޯތި ހަވާލުކުރަމުން ގެންދާ ކަމަށާއި އެކަން އެކުރާއިރު ގޯތި އޮންނަ ތަނަށް ގޮސް ކަންމުޑި ޖަހާފައި ގޯތި ދެއްކޭނެ މިންވަރަށް ތައްޔާރުވެފައިވެސް ނެތް ކަމަށް މޭޔަރ ވިދާޅުވިއެވެ.
“އެ ގޮތަށް އެހަދަނީ އެވަރަށް އެތަނުން ބިން ދެއްކެން ވެސް ނެތީމަ. ޗާޓަކުން ދައްކައިގެން 3 ވަނަ ފަހަރުވެސް ރައްޔިތުންނަށް ހަމަ އޮޅުވާލުމަށް ކުރެވޭ ކަމެއް މިއީ. ”
މޭޔަރ ވިދާޅުވީ ކުރިން ގޯތި ނެތް ފަރާތްތަކަށް ނަމްބަރު ދޫކުރާތަންވެސް އެބަ ފެންނަ ކަމަށާއި އެ ގޯތި ތަކާ ބެހޭ ހުރިހާ ލިޔެކިޔުންތަކަކާއި ލިސްޓުތަކެއް ހުރިއިރު އިތުރު ގުރުއަތެއް ނެތި އެހެން ބަޔަކަށް ގޯތި ދޫކުރެވޭނަމަ އެއީވެސް ވަރަށް ބޮޑު އޮޅުވާލުމެއް ކަމަށެވެ.
ހިތަދޫ މާމެންދޫ ސަރަހައްދުން 2002 ވަނަ އަހަރު އިއުލާންކޮށްގެން ދޫކޮށްފައިވާ ގޯތި ތަކުގެ ތެރެއިން 750 ގޯތި އެކި ބޭނުންތަކަށް ވަކިކޮށްފައިވާއިރު އެގޯތި ތަކުގެ ވެރިންނަށް ދައުލަތުން އަދުލުވެރި ބަދަލު ދިނުމަށް އެފަރާތްތަކަށް އެންގުމަށް ފަހު އެގޯތިތައް ނަގާފައިވާ ކަމަށް މޭޔަރ ވިދާޅުވިއެވެ.
“ފާއިތު ވެގެން ދިޔަ 6 އަހަރު ދުވަހު މިދެންނެވި މަސައްކަތް ކުރިއަށް ގެންދާނެ ފުރުސަތު ނުލިބިފައި އޮތީ. ކައުންސިލުން ރީޕްލޭން ކުރުމަށްފަހު އަލުން ގޯތި ދޫކުރުމަށް މަސައްކަތް ކޮށް ކުރެހުން ކުރަހާ ހަދާފައިވާނީ. މިހާރުވެސް ހައުސިން މިނިސްޓްރީގެ ލޭންޑް ސެކްޝަންގައި އެހުރިހާ ކުރެހުންތައް ހުންނާނެ. ގޯތި ތަކުގެ ހުރިހާ ލިޔެކިޔުމަކާއި ގޯތި ދޫކުރެވުނު ފަރާތްތަކުގެ ހުރިހާ މައުލޫމާތު ތަކުގެ އިތުރުން ގޯތި އޮތްތަނުގެ ޗާޓު ވެސް ހުންނާނެ. އެ ސަރަހައްދުން އެހެން ސަރަހައްދަކަށް ރީޕްލޭންކޮށް އެ ގޯތިތައް ދޫކުރުމުގެ މަސައްކަތް ކޮށް އިއުލާންކުރި ހިސާބުން ހިތަދޫގެ ބޭފުޅަކު ކޯޓަށް ގޮސްގެން އެ މަސައްކަތް ހުއްޓުވުމަށް ކުރި މަސައްކަތުގެ ތެރެއިން ހިތަދޫ ކޯޓުން ވަނީ އެއިއުލާނަށް އަމަލު ނުކުރުމަށާއި ގޯތިތައް ދޫ ނުކުރުމަށް އަމުރެއް ނެރެފައި. މަސައްކަތް ކުރިއަށް ނުގެންދެވި އޮތް ސަބަބަކީ އެއީ. އެއްގޮތަކަށް ވެސް ކުރީގެ ސަރުކާރުން ނަގާފައި ނުދީ ހުރި ބިންތަކެއް ނޫން އެއީ.” ބިންތައް ދޫނުކުރެވި އޮތް ސަބަބު ހާމަކުރައްވަމުން މޭޔަރ ވިދާޅުވިއެވެ.
2015 ވަނަ އަހަރުގެ އޮގަސްޓު މަހުން ފެށިގެން އައްޑޫ ސިޓީ ކައުންސިލުން ކުރަމުން އައި އެ މަސައްކަތް ހައުސިން މިނިސްޓްރީއަށް ބަދަލުކޮށް އަދި ހުރިހާ މައުލޫމާތަކާއި މަސައްކަތްތަކެއް ނިމިފައިވާއިރު މިހާތަނަށް ގޯތި ދޫނުކޮށް ތިބެ އިންތިހާބު ބޯމަތިވުމުން އެ ގޯތި އަލުން ދޫކުރާ ސަބަބަކީ ހަމަ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުން ކަމަށް މޭޔަރ ވަނީ ވިދާޅުވެފައެވެ.