English Edition
Dhivehi Edition

ސެމްސަންގް ކުންފުނިން ދުނިޔޭގެ ބާޒާރަށް އަލަށް ތައާރަފްކުރާ އެކުންފުނީގެ އެންމެ ފަހުގެ ސްމާޓްފޯން ސެމްސަންގް ގެލެކްސީ ނޯޓް 9، ޚާއްސަ ހަދިޔާތަކާއެކު ޕްރީއޯޑަރ ކުރުމުގެ ފުރުސަތު ދިރާގުން ހުޅުވާލައިފިއެވެ.

މިކަމާ ގުޅޭގޮތުން އިތުރަށް މައުލޫމާތު ދެމުން ދިރާގުން ބުނީ، މިޑްނައިޓް ބްލެކް، އޯޝަން ބްލޫ އަދި މެޓަލިކް ކޮޕަރ ކުލަތަކުގެ ސެމްސަންގް ގެލެކްސީ ނޯޓް 9 ގެ 128 ޖީބީގެ މޮޑެލްއާއި 512 ޖީބީގެ މޮޑެލް އެއްފަހަރާ ފައިސާ ދައްކައިގެންނާއި އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދައްކައިގެން ގަތުމުގެ ފުރުސަތު މިއަދުން ފެށިގެން ކަސްޓަމަރުންނަށް ހުޅުވާލާފައިވާ ކަމަށެވެ.

ދިރާގުން ބުނީ ސެމްސަންގެ އެ މޮޑެލްތަކުގެ ފޯނުތައް އެ ކުންފުނީގެ ޕޯސްޓްޕެއިޑްގެ ހިދުމަތް ބޭނުންކުރައްވާ ފަރާތްތަކަށް އިންސްޓޯލްމަންޓަށް 12 މަސްދުވަހަށް ބަހާލައިގެން ފައިސާ ދެއްކޭނެ ކަމަށެވެ. އޭގެ އިތުރުން ކޮންޓްރެކްޓަކާ ނުލާވެސް ފުލް ޕޭމަންޓް ދައްކަވައިގެން ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށް ގަނެވޭނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ސެމްސަންގް ގެލެކްސީ ނޯޓް 9ގެ 128 ޖީބީ މޮޑެލް އެއްފަހަރާ ފައިސާ ދައްކައިގެން ގަތުމަށް ދިރާގުން ކަނޑައަޅާފައިވާ އަގަކީ 15،499 ރުފިޔާއެވެ. އަދި 512 ޖީބީގެ މޮޑެލްގެ އަގަކީ 18،999 ރުފިޔާއެވެ.

ހަމައެއާއެކު 12 މަސް ދުވަހުގެ އިންސްޓޯލްމަންޓް ޕްލޭންގެ ދަށުން 128 ޖީބީ އާއި 512 ޖީބީގެ މޮޑެލްގެ ފޯނުތަކުގެ އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކަނޑައަޅާފައިވާ އަގަކީ 2،999 ރުފިޔާއެވެ.

އެ ދެ މޮޑެލްގެ ތެރެއިން 128 މޮޑެލް ޖީބީގެ ފޯނުގެ މަހު ފީއަކީ 1،059 ރުފިޔާއެވެ. އަދި 512 ޖީބީގެ ފޯނުގެ މަހު ފީއަކީ 1،359 ރުފިޔާއެވެ.

ދިރާގުން ބުނީ ޕްރީއޯޑަރ ކޮށްގެން ނޯޓް 9 ގަންނަ ފަރާތްތަކަށް ހަ މަސް ދުވަހުގެ މުއްދަތަކަށް ކޮންމެ މަހަކު ފަސް ޖީބީގެ ޑޭޓާ ހިލޭ ލިބިގެންދާނެ ކަމަށެވެ.

ހަމައެއާއެކު ޕްރީއޯޑަރ ކޮށްގެން ނޯޓް 9 ގަންނަ ކަސްޓަމަރުންނަށް އޭކޭޖީ ބްރޭންޑްގެ ބްލޫޓޫތް ސްޕީކަރު ހިލޭ ދިނުމަށް ނިންމާފައިވާ ކަމަށް ވެސް ދިރާގުން ބުނެއެވެ. ނަމަވެސް ސްޕީކަރުތައް ދިނުމަށް ނިންމާފައިވަނީ ވަކި އަދަދަކުން ކަމަށާއި ވީހާ ވެސް ކުރިން އަންނަ ފަރާތްތަކަށް ސްޕީކަރު ލިބުމުގެ ފުރުސަތު ޔަޤީންވާނެ ކަމަށް އެކުންފުނިން ބުނެއެވެ.

ދިރާގުން ބުނީ ނޯޓް 9 ގެ ފޯނު ވިއްކާ އަގުތަކާއި، އިންސްޓޯލްމެންޓަށް ދޫކުރާ އަގުތަކާއި އަދި އެހެނިހެން މައުލޫމާތުތައް އެ ކުންފުނީގެ ވެބްސައިޓުން މިހާރު ބަލައިލެވޭނެ ކަމަށެވެ.

ސެމްސަންގް ކުންފުނިން ގެލެކްސީ ނޯޓް 9 ބާޒާރަށް ނެރުމަށް ތާވަލުކޮށްފައިވާ ތާރީޚަކީ މި ހިނގާ އޮގަސްޓް މަހުގެ 24 ވަނަ ދުވަހެވެ.