ރައްޔިތުން މިއަދު ނުކުމެ ތިބީ ދީނާއި ގައުމުގެ ހައްގުގައި ކަމަށާއި އެކަން އޮޅުވާލަން ބަޔަކު މަސައްކަތް ކުރިޔަސް، އެކަން ކާމިޔާބު ނުވާނެކަމަށް ދިކޮޅު ކޯލިޝަންގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ
ރޭ މީދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ އިންތިޚާބެއް ކައިރިވެގެން އަންނައިރު،ވަކި ކާޑެއް ކުޅެގެން ވަކި ވައްތަރެއްގެ ވާހަކަތަކެއް ދައްކައިގެން ދިވެހި ރައްޔިތުންގެ ސިކުނޑިތަކަށް ސަވާރު ވެވޭނެ ކަމަށް ހީކުރުމަކީ މޮޔަ ކަމެއްކަމަށެވެ.އަދި ދިވެހި ރައްޔިތުންނަކީ މަސައްކަތްތެރި، ތޫނުފިލި ، ވިސްނުންތެރި ބައެއްކަމަށާއި މިއަދު ގަބޫލު ކުރަންވީ ހަގީގަތަކީ ދިވެހި ރައްޔިތުން ނިކުމެ އެ ތިބީ ސަބަބެއް އޮވެގެންކަމަށެވެ
މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަމުން ފައިސަލް ވިދާޅުވީ ދެވަނަ ދައުރަކަށް މި ސަރުކާރު ހޮވިއްޖެ ނަމަ، ދިވެހިންގެ ގައުމެއްގެ ގޮތުގައި އަދި އިސްލާމީ ރިވެތި އުސޫލުތަކުގެ މަތީގައި ރާއްޖެ އޮވެދާނެ ކަމާ މެދު ޝައްކު ކަމަށެވެ. އަދި ފައިސަލް ވަނީ ސަރުކާރަށް ނިސްބަތްވާ ބޭފުޅުންގެ ކިބައިން ބުއްދި ގަބޫލު ކުރެވޭ “ހަގީގީ ވާހަކަ” ދެއްކުމަށް އެދި ވަޑައިގެންފައެވެ.