ލޮލުގެ ބަލިތަކަށް ފަރުވާ ދެވޭނެ ސެންޓަރެއް ޗައިނާއިން ރާއްޖެއަށް ހަދިޔާ ކުރަން ނިންމާފައިވާ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒާންގް ލިޒްހޮން ވިދާޅުވެއްޖެ އެވެ
އިއްޔެ ބަނޑޮސް އައިލެންޑު ރިސޯޓުގައި ޗައިނާ އެމްބަސީއިން އިންތިޒާމުކޮށްގެން ބޭއްވި “މައި ސްޓޯރީ ވިތް ޗައިނާ” އިވެންޓުގައި ވާހަކަފުޅު ދައްކަވަމުން ސަފީރު ވިދާޅުވީ ޗައިނާއިން ހަދިޔާ ކުރަން ނިންމާފައިވާ ލޮލުގެ ބަލިތަކަށް ފަރުވާ ދޭ ސެންޓަރު ގާއިމް ކުރާނީ ހުޅުމާލޭގައި ކަމަށާއި އަދި އެތަނުގައި ލޮލުގެ ބޮޑެތި އޮޕަރޭޝަންތައް ކުރެވޭނެ ކަމަށެވެ
މި އިވެންޓުގައި ޗައިނާއިން ރާއްޖެއަށް ކޮށްދޭން ނިންމާފައިވާ ގިނަ ކަންތައްތަކެއް ސަފީރުވަނީ ހިއްސާކުރައްވާފައެވެ. މިގޮތުން ޗައިނާ ސަރުކާރުންވަނީ ފަސް ރަށަކަށް ޑީސެލިނޭޝަން ސިސްޓަމް ދޭން ނިންމާފައެވެ އަދި އެ ސިސްޓަމްތަކުގެ އިކުއިޕްމެންޓް މިހާރު ތައްޔާރު ކުރަމުންދާކަމަށް ސަފީރުވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ސަފީރު ވިދާޅުވީ ސޯލާ ހަކަތަ އުފެއްދޭނެ ފަދަ ސޯލާ ޕަވާ ސިސްޓަމްތަކެއް ވެސް ރާއްޖެއަށް ހަދިޔާ ކުރަން ނިންމާފައިވާ ކަމަށެވެ