English Edition
Dhivehi Edition

ޗައިނާ މޯލްޑިވިއަން ކަލްޗަރަލް އެސޯސިއޭޝަން( ސީއެމްސީއޭ)ގެ ފަރާތުން ކުރިއަށް ގެންދާ ކަލްޗަރަލް އެކްސްޗޭންޖު ޕްރޮގްރާމުގެ ދަށުން ޗައިނާގެ ހުއިމިން ސްކޫލްގެ 12 ދަރިވަރަކު އައްޑޫސިޓީއަށް ޒިޔާރަތްކޮށްފިއެވެ.

ޗައިނާގެ ބެއިޖިންގ ގެ ހުއިމިން ސްކޫލްގެ ދަރިވަރުންނާއެކު 3 ބެލެނިވެރިންވެސް ވަނީ މި ޑެލިގޭޝަނުގައި އައްޑޫސިޓީއަށް އައިސްފައެވެ.

މިއީ ޗައިނާގެ ސްކޫލެއްގެ ދަރިވަރުންތަކެއް ކަލްޗަރަލް އެކްސްޗޭންޖް ޕްރޮގްރާމެއްގެ ދަށުން ފުރަތަމަ ފަހަރު ރާއްޖެއަށްކުރާ ޒިޔާރަތް ކަމަށް ސީއެމްސީއޭއިން ބުނެއެވެ.

މި ދަރިވަރުން އައްޑޫގައި ތިބެނީ ގަމުގައި ހުންނަ އީކުއޭޓަރ ވިލެޖްގައެވެ. މި މަހުގެ 2 ވަނަ ދުވަހުން ފެށިގެން 7 ވަނަ ދުވަހުގެ ނިޔަލަށް ކުރާ މި ޒިޔާރަތުގައި އައްޑޫގެ ސްކޫލްތަކަށް ޒިޔާރަތް ކުރުމާއި އައްޑޫގައި ހުރި ތާރީޚީ ތަންތަން ބަލާލުމުގެ އިތުރުން ސްކޫލްތަކުގެ ދަރިވަރުންނާ ގުޅިގެން ތަފާތު އެކިކަހަލަ ސަގާފީ ކުޅިވަރު ހަރަކާތްތަކުގައި ބައިވެރިވާނެއެވެ.

މީގެ އިތުރުން ހުކުރު ދުވަހާއި ހޮނިހިރު ދުވަސް އެކުދިން ހޭދަކުރާނީ އައްޑޫހައިސްކޫލްގެ 6 ދަރިވަރަކާއެކު އެކުދިންގެ ގޭގޭގައެވެ.

ސީއެމްސީއޭގެ ފައުންޑަރ މުޙައްމަދު ރަޝީދު ވިދާޅުވީ މިފަދަ ޕްރޮގްރާމެއްގައި އައްޑޫސިޓީއަށް ޑެލިގޭޝަން ގެނައުމުގެ ބޭނުމަކީ އައްޑޫއަކީ ތާރީޚީ ގިނަ ތަންތަން ހުރި އާބާދީ ބޮޑު ތަނަކަށް ވުމާއެކު ދިވެހިންގެ ސަގާފަތާއި ދިރިއުޅުން އެންމެ ރަނގަޅަށް ފެނިގެންދާނެ އެއްތަނަކީ އައްޑޫކަމަށް ގަބޫލުކުރެއްވޭތީ ކަމަށެވެ.

“މި ޕްރޮގްރާމުގައި އީކުއޭޓަރ ވިލެޖްގެ ފަރާތުން ދެއްވަވާ އެއްބާރުލުމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ހަމަ މިއާއެކު މޯލްޑިވިއަން އެއާލައިނާއި އައްޑޫ ހައިސްކޫލާއި ފޭދޫ ސްކޫލުގެ އިތުރުން ހުޅުމީދޫގެ ސްކޫލްތަކުން ދެއްވަވަމުން ގެންދަވާ އެއްބާރުލުމާއި ޑެލިގޭޝަނުގެ ދަރިވަރުން ތިބުމަށް ހަމަޖެހިފައިވާ ގޭގޭގެ އާއިލާތަކަށް ފަށްފަށުން ޝުކުރުވެރިވަން” ރަޝީދު ވިދާޅުވިއެވެ.

ސީއެމްސީއޭގެ ފަރާތުން މިހާތަނަށް ރާއްޖޭގެ ދަރިވަރުންތަކެއް ދެ ފަހަރެއްގެ މަތިން ކަލްޗަރަލް އެކްސްޗޭންޖު ޕްރޮގްރާމުގައި ޗައިނާއަށް ފޮނުއްވަވާފައިވާއިރު މިއީ ޗައިނާއިން ރާއްޖެއަށް އައި ފުރަތަމަ ޑެލިގޭޝަނެވެ.

ރަޝީދު ވިދާޅުވީ ކުރިއަށް އޮތްތަނުގައި މިފަދަ އިތުރު ފުރުސަތުތައް ރާއްޖޭގެ ދަރިވަރުންނަށް ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވަވަމުން ގެންދަވާ ކަމަށާއި މި އަހަރުގެ ވިންޓަރ ކޭމްޕްގައި ބައިވެރިވުމުގެ ފުރުސަތު އައްޑޫގެ ދަރިވަރުންނަށް ލިބިގެންދާނެ ކަމަށެވެ.

ސީއެމްސީއޭ އަކީ ރާއްޖެއާއި ޗައިނާއާއި ދެގައުމުގެ ސަގާފަތާއި ބަސް ދަސްކޮށް ކުރިއެރުވުމާއި ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން ހަރުދަނާކޮށް ވަރުގަދަ ކުރުމުގެ މަގުޞަދުގައި އަމިއްލަ ފަރާތްތަކަކުން އިސްނަންގަވައިގެން ހިންގަވާ ޖަމިއްޔާއެކެވެ. 2015 ވަނަ އަހަރު ވުޖޫދަށް އައި މިޖަމިއްޔާގެ ފައުންޑަރ އަދި ޗެއަރމަން އަކީ މީގެ ކުރިން ރާއްޖޭއިން ޗައިނާއަށް ކަނޑައަޅުއްވަވާފައިވާ ސަފީރެއްގެ މަގާމު އަދާކުރެއްވެވި ބޭފުޅެއް ކަމުގައިވާ މުހައްމަދު ރަޝީދެވެ.