ދިރާގާއި ޔޫއެންޑީޕީން ގުޅިގެން، “ފިލްމް ފޯ ޗޭންޖް”ގެ ނަމުގައި ޒުވާނުންނަށް ހިންގި ތަމްރީނު ޕްރޮގްރާމްގައި ތައްޔާރުކުރި ކުރު ފިލްމުތައް ޝްވެކް ސިނަމާގައި އަޅުވައިފި އެވެ.
ހުޅުމާލޭގައި ހުންނަ ޝްވެކް ސިނަމާގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވީ އަމާޒަކީ ޑިޖިޓަލް ސޮލިއުޝަންތަކާއި އެކު ޒުވާނުން ބާރުވެރި ކުރުވައި، އިޖްތިމާއީ މައްސަލަތައް ހައްލު ކުރުންކަމަށެވެ
21 ޒުވާނަކު ބައިވެރިވި މި އަހަރުގެ ތަމްރީނުގައި ސްމާޓް ފޯނާއި ޓެބްލެޓް ފަދަ ސާމާނު ބޭނުންކޮށްގެން ޒުވާނުންގެ ހުނަރު ދައްކާލަން ވަނީ ދަސްކޮށްދީފައެވެ.
ދިރާގާއި ޔޫއެންޑީޕީން ބުނީ، މި އަހަރުގެ ކުރު ފިލްމް ތަކަކީ ވެސް ކުރީ އަހަރެކޭ އެއްގޮތަށް، ދެމެހެއްޓެނިވި ތަރައްގީއަށް ބޭނުންވާ މައިގަނޑު އަސާސްގެ މައްޗަށް ބިނާކޮށް އާންމު މުޖުތަމައަށް ދިމާވާ މައްސަލަތަކުގެ ހައްލު ހޯދައި އެކަންކަމަށް ހޭލުންތެރިކުރުވުމުގެ ގޮތުން އުފައްދާފައިވާ ފިލްމް ތަކެއް ކަމަށެވެ.
ދިރާގުން ބުނީ އެ ފިލްމުތައް އަދި ސޯޝަލް މީޑިއާގައި ވެސް އާންމު ކުރާނެ ކަމަށެވެ. އަދި މި އަހަރު އުފެއްދި ފިލްމުތައް ބައިނަލްއަގުވާމީ ކުރު ފިލްމް ފެސްޓިވަލުގައި ބައިވެރިކުރާނެ ކަމަށް ވެސް ދިރާގުން ބުނެއެވެ.