English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލިހުގެ އާއްމު ކޮމިޓީއަށް ހުށަހެޅިފައިވާ އިސްލާހު ފާސްވުމާއެކު ދެވަނަ ދައުރުގެ ފަހުން މަޖިލީހުގެ މެމްބަރުންނަށް ލިބޭނީ ހަމައެކަނި 12 ދުވަހުގެ ޗުއްޓީ ކަމަށް އާންމު ކޮމެޓީން ހާމަކޮށްފިއެވެ.

ޗެނަލް 13 އަށް މަޢުލޫމާތު ދެއްވަމުން މަޖިލީހާއި ގުޅޭ ދާއިމީ އެއް ކޮމިޓީ ކަމަށްވާ އާއްމު ކޮމިޓީގެ މުގައްރިރު އަދި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވީ، މަޖިލީހުގެ ގަވާއިދުގެ 16 ވަނަ މާއްދާގެ (ށ) އާއި 89 ވަނަ މާއްދާ އިސްލާހް ކުރެއްވުމަށް ހުށަހަޅުއްވާފައިވާ އިސްލާހް އާންމު ކޮމިޓީން ދިރާސާ ކުރައްވާފައިވާކަމަށެވެ.

އެގޮތުން 16 ވަނަ މައްދާއަށް އިސްލާހް ކުރެވިގެން ދިޔުމުން، މަޖިލީހުގެ ފުރުތަމަ ދައުރު ހިނގާނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޭޕްރިލް މަހުގެ ނިޔަލަށެވެ. ދެވަނަ ދައުރު ހިނގާނީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ 16 ގެ ނިޔަލަށެވެ. އަދި ތިން ވަނަ ދައުރު ހިނގާނީ އޯގަސްޓް މަހުގެ 27 އިން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.

މީގެކުރިން ދެވަނަ ދައުރުގައި ޗުއްޓީއަށް ދިޔުމަށްފަހު ތިންވަނަ ދައުރު ފެށުމާއި ދޭތެރޭ 1 މަސް ދުވަހުގެ ޗުއްޓީއެއް މެމްބަރުންނަށް ލިބެމުން ދިޔައެވެ.

މީގެއިތުރުން އާއްމު ކޮމިޓީއިން ދިރާސާކޮށްފައިވާ ދެވަނަ އިސްލާހަކީ، މަޖިލީހުން ރިއާޔަތް ކޮށްދިނުން އެދި ބިލެއް މަޖިލީހަށް ހުށަހެޅުމުން، އެބިލު މަޖިލީހުން ފާސްކުރުމުގެ ކުރިން އިތުރު އިސްލާހެއް ގެންނަން ބޭނުންވާ ނަމަ، ނުވަތަ ބިލުގައި ހިމެނިގެންވާ މާއްދާއެއް އުނިކުރުމަށް ހުށަހަޅަން ބޭނުން ކަމަށްވާނަމަ، އެ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވުމަށް ނުވަތަ އެ އިސްލާހެއް މަޖިލީހުގައި ގެނައުމަށް މަޖިލީހަށް ކަނޑައެޅިދާނެއެވެ.

ނަމަވެސް އެ މަރުހަލާގައި ބިލަށް ގެންނަން ޖެހޭ ބަދަލަކީ ލިޔުމުގެ ކުށެއް ނަމަ ނުވަތަ ބަލަންވީ ވަރަށް ނުބެލުމުގެ ސަބަބުން އުނިވެފައިވާ ކަމެއް ރަނގަޅުކުރުން ކަމަށްވާނަމަ، އެކަން ކޮމިޓީއަކަށް ފޮނުވުމުގެ ބަދަލުގައި މަޖިލީހުގައި އެކަމެއް އިސްލާހުކޮށް، ރަނގަޅުކުރަންޖެހޭ ކަމެއްވެސް މަޖިލީހުގައި ރަނގަޅު ކުރެވިދާނެއެވެ.

މީގެކުރިން އޮންނަ ގޮތުން ނަމަ، ބިލުގައި މައްސަލައެއް އުޅޭނަމަ، އިސްލާހުކޮށް، ރަނގަޅު ކުރަންޖެހޭ ކަމެއްވެސް މަޖިލީހުގައި ރަނގަޅު ކުރުމަށްފަހު، އެ ބިލު ތިންވަނަ ކިޔުމަށް ފޮނުވިދާނެއެވެ. އެގޮތުން އާއްމު ކޮމިޓީއިން ދިރާސާކޮށްފައިވާ މި ދެ އިސްލާހް ހިމެނޭ ރިޕޯޓް އަންނަ އޯގަސްޓުމަހުގެ 1 ވަނަ ދުވަހު އޮންނަ މަޖިލީހުގެ ޖަލްސާއަށް ހުށަހަޅާނެއެވެ.