English Edition
Dhivehi Edition

2030 އަށް 18 އަހަރު ފުރޭ ކޮންމެ ރައްޔިތަކީ 1000 އަކަފޫޓްގެ ބިމެއް އޮތް މީހަކަށް ހަދާނެ ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ ރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ގިނަ މައްސަލަތަކަށް ހައްލުތަކެއް ހޯއްދަވައި ދެއްވެވިފައި ވީނަމަވެސް ބޯހިޔަވަހިކަމުގެ މައްސަލަ އަދިވެސް ހައްލު ނުކުރެވޭ ކަމަށެވެ. ނަމަވެސް އެމައްސަލަ ހައްލު ކުރެއްވުމަށް ހުށަހަޅުއްވާ ސިޔާސަތަކީ ދެވަނަ ޝަހަރެއް ތަރައްޤީ ކުރުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެހެންކަމުން ހުޅުމާލޭ 2 ގައި އާބާދުކުރާ 100,000 އަށް ވުރެ ގިނަ މީހުންގެ އިތުރުން ވިލިމާލޭ 2 ގައި 315,000 މީހުންގެ އާބާދީއަށް އެންމެ މިޒަމާނުގެ ވަޞީލަތްތަކާއެކު 2 ވަނަ ޝަހަރެއް ތަރައްޤީކޮށް މާލެއާ ގުޅާލެވޭނެކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

“މިހާރު ދިރާސާތަކެއް ނިމިފައިވާ ވިލިމާލޭ-2 ގެ މަޝްރޫޢުއަކީވެސް ބޯހިޔާވަހިގެ މައްސަލައަށް އަޅުގަނޑުގެ ޓީމުން ދިވެހި ރައްޔިތުންނަށް ހުށަހަޅާ ޓޯޓަލް ސޮލިއުޝަން” ރައީސް ވިދާޅުވިއެވެ. މިއީ ބޯހިޔާވަހި ކަމުގެ މައްސަލައިގެ ފުރަތަމަ ހައްލު، އަދި މިމަޝްރޫޢު ކުރިއަށްގެންދާނީ “ހިޔާ އެކޮމްޕްލިޝް” ގެ ނަމުގައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އިރާދަކުރެއްވިއްޔާ ހިޔާވަހިކަން ނެތް ދިވެހި ރައްޔިތަކު ދެން ރާއްޖެއަކު ނުހުންނާނެ”. ރައީސް ވިދާޅުވިއެވެ”.