English Edition
Dhivehi Edition

ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް، މާލެއާއި ވިލިމާލެ ގުޅާލައި ތިން ލައްކައަށް ވުރެ ގިނަ މީހުން އާބާދުކުރުމުގެ ބިޔަ މަޝްރޫއެއް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އިއުލާންކުރައްވައިފި އެވެ.
ރާއްޖޭގެ މިނިވަން ކަމަށް 53 އަހަރު ފުރުން ފާހަގަކުރުމަށް، ރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގައި ގިނަ ކަންތައްތަކެއް ކާމިޔާބު ކުރެއްވުނު ނަމަވެސް، ބޯހިޔާވަހިކަމުގެ މައްސަލައަށް މުޅިން ހައްލެއް ނުގެނެވުނު ކަމަށެވެ.

އެހެންކަމުން މާލެއާއި ވިލިމާލެއާއި ގުޅީފަޅު ބްރިޖަކުން ގުޅާލައި ވިލިމާލެ ތަރައްގީކުރާނީ “ވިލިމާލެ 2″ގެ ނަމުގައި ކަމަށާއި “ވިލިމާލެ 2″ގެ މަޝްރޫއާއި ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެއިން ދޫކުރާ 7،000 ފްލެޓަކީ، ބޯހިޔާވަހިކަމުގެ މައްސަލައަށް އެ މަނިކުފާނުގެ ޓީމުން ހުށަހަޅާ “ޓޯޓަލް ސޮލިއުޝަން”އެއް ކަމަށެވެ..
އެގޮތުން މިއަދުން ފެށިގެން 2030 ވަނަ އަހަރުގެ މިނިވަން ދުވަހުގެ ނިޔަލަށް 18 އަހަރު ފުރޭ ކޮންމެ ޒުވާނަކަށް 1000 އަކަފޫޓަށް ވުރެ ކުޑަނުވާ ބިމެއް ނުވަތަ އެޕާޓްމެންޓެއް ހަމަޖައްސައިދޭނެ ކަމަށްވެސް ރައީސް ވަނީ ވައުދުވެވަޑައިގެންފަ އެވެ.

ރައީސް ޔާމީން މިމަޝްރޫއު އިއުލާންކުރެއްވި ނަމަވެސް މާލެއާއި ވިލިމާލެ ބްރިޖަކުން ގުޅާލާނެ ގޮތާއި، ވިލިމާލޭގެ ބިން ހިއްކާނެ ގޮތާއި، މިމަޝްރޫއަށް ފައިސާ ހޯދާނެ ގޮތުގެ ތަފްސީލެއް ހިއްސާކުރައްވާފައެއް ނުވެ އެވެ.