English Edition
Dhivehi Edition

ރާއްޖެ އިސްތިހާރުކުރުމަށް ހައިރައިޒްއާއި، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާރސް (މަޓާޓޯ) ގުޅިގެން ބާއްވާ “މޯލްޑިވްސް ޝޯކޭސް” މާދަމާ ސްރީލަންކާގެ ކޮލަމްބޯގައި ފަށާނެއެވެ.

ރާއްޖޭގެ އިވެންޓްސް މެނޭޖްމެންޓް ކުންފުނި ހައިރައިޒާއި، ޓްރެވަލް އޭޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންގެ ޖަމިއްޔާ މަޓާޓޯ ގުޅިގެން ދިވެހިރާއްޖޭގެ އިގްތިސާދީ އެކި ދާއިރާތައް އިސްތިހާރުކުރުމަށް ބާއްވާ މި އިވެންޓު ކުރިއަށްދާނީ ޖުލައި 26 އަދި 27 މިދެދުވަހު ހެނދުނު 10:00 އިން ހަވީރު 6:00 އަށް ސްރީލަންކާގެ ކޮލޮމްބޯގައި ހުންނަ ތާޖު ސަމުދްރާ ހޮޓެލްގައެވެ.

މިއީ ރާއްޖޭގައި ހިންގާ ގެސްޓް ހައުސްތަކާއި، ރިސޯޓްތަކާއި، ހޮޓެލްތަކުގެ އިތުރުން އަމިއްލަ ވިޔަފާރިތައް ޕްރޮމޯޓްކުރުމަށް ލިބޭ އިތުރު ފުރުސަތެއްކަމަށާއި މި ފެއަރގެ ތެރެއިން އިތުރު މާކެޓްތަކަށް ރާއްޖޭގެ އުފެއްދުންތައް ތައާރަފުވެ، އެ އުފެއްދުންތައް އިޝްތިހާރުވެގެންދާނެކަމަށްހައިރައިޒުން ބުނެއެވެ.

މި ފެއަރގައި ބައިވެރިވާން ހުޅުވާލި ފުރުސަތުގައި ރާއްޖޭގެ 40 އަށްވުރެ ގިނަ ވިޔަފާރިވެރިން ވަނީ ބައިވެރިވެފައެވެ. މޯލްޑިވްސް ޝޯކޭސް” އައްޑޫގެ ޓޫރިޒަމް އެސޯސިއޭޝަން އަށް ޚާއްޞަ ޒޯނެއް ކަނޑައަޅައި އައްޑޫގެ ގެސްޓްހައުސްތައް ޕްރޮމޯޓް ކުރުމަށް ފުރުސަތު ވަނީ ދީފައެވެ.

މޯލްޑިވްސް ޝޯކޭސް ގައި އައްޑޫން ބައިވެރިވެފައިވަނީ އީކުއޭޓަރ ވިލެޖް، އަބުހަރީ ގްރޭންޑް، ދިރޭ އިން އަދި ޓައިޓޭން މޯލްޑިވްސްގެ އިތުރުން އީކުއޭޓަރ ހޯމް އިންނެވެ. މީގެ އިތުރުން ވެސް ރާއްޖޭގެ ރިސޯޓުތަކާއި ގެސްޓުހައުސް ތަކާއި ޓްރެވެލް އެޖެންޓުން މި އިވެންޓުގައި ބައިވެރިވާ ކަމަށް ހައިރައިޒުން ބުނެއެވެ.

މުޅިއެކު 27 ފަރާތަކާއެކު ކުރިއަށް ގެންދާ މޯލްޑިވްސް ޝޯކޭސްގައި އާޓްސް އެންޑް ކްރާފްޓާއި ތަފާތު ހުނަރުތައް ދައްކާލުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ. އެގޮތުން ދިވެހި ބޮޑުބެރާއި ސަގާފީ ނެށުން ވެސް މި އިވެންޓުގައި ހިމެނެއެވެ.

މި ފެއަރގެ ތެރެއިން ލަންކާގެ ޓްރެވެލް އެންޑް ޓޫރިޒަމް ދާއިރާގެ ކުންފުނިތަކާއި، ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި ދިވެހި ވިޔަފާރިވެރިން ބައްދަލުވެ މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހައިރައިޒުން ބުނީ މިއީ ރާއްޖޭގެ ފަތުރުވެރިކަމާއި، ވިޔަފާރިއާއި، ސަޤާފަތާއި އަދި ދިވެހި ރަހަތައް ލަންކާގެ ވިޔަފާރިތަކަށް ދައްކާލާނެ ބޮޑު ފެއަރ އަކަށް ވެގެންދާނެކަމެވެ.

ހައިރައިޒްއާއި، މަޓާޓޯ ގުޅިގެން ރާއްޖެ އިޝްތިހާރުކުރުމަށް “މޯލްޑިވްސް ޝޯކޭސް” ލޯންޗްކޮށްފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. މިއީ ރާއްޖޭގެ އިޤްތިސާދުގެ އެކި ދާއިރާތައް އިޝްތިހާރުކުރުމަށް ފަށާފައިވާ ބައިނަލްއަޤްވާމީ ކެންޕެއިނެއްކަމަށް ހައިރައިޒުން ބުނެއެވެ.

މި ފެއަރ ވަނީ ލަންކާގެ ވިޔަފާރިވެރިންގެ ޖަމިއްޔާއިން އެންޑޯޒްވެސް ކޮށްފައެވެ.

“މޯލްޑިވްސް ޝޯކޭސް” ގެ ފުރަތަމަ އެޑިޝަން ރާއްޖޭގެ އެންމެ އަވައްޓެރި ލަންކާއިން ފެށިނަމަވެސް އަންނަ އަހަރުން ފެށިގެން މިއީ ރޯޑްޝޯއަކަށް ހަދައި ކޮންމެ އަހަރަކުވެސް ވަކި ޤައުމެއްގައި މި ފެއަރ ބާއްވާނެކަމަށް ހައިރައިޒުންވަނީ ބުނެފައެވެ.