މިނިވަނަކްޕަ 2018 ގެ ގުރޫޕް ސްޓޭޖްގައި ކުޅުނު ފަހު މެޗު ފަސޭހަކަމާއެކު އެއިލެންޑް އެފްސީ އިން ކާމިޔާބުކޮށްފިއެވެ.
ހުޅުދޫ ފުޓްސެލް ދަނޑުގައި މިރޭ ކުޅުނު މެޗު އެއިލެންޑް އެފްސީ އިން ކާމިޔާބުކުރީ 10 ލަނޑު 1 ލަނޑުނެންވެ. މިރޭގެ މެޗުގެ ފުރަތަމަ ލަނޑު އެއިލެންޑް އެފްސީ އަށް ކާމިޔާބުކޮށްދިނީ މެޗުގެ ނުވަވަނަ މިނިޓްގައި އޮސްކާއެވެ. މެޗުގެ ބާރަވަނަ މިނިޓްގައި އެއިލެންޑް އެފްސީގެ މާއްޓޭ އެ ޓީމަށް ދެ ލަނޑު ކާމިޔާބުކޮށްދީފައިވާއިރު މެޗުގެ ސާދަވަނަ މިނިޓްގައި މާއްޓޭވަނީ އިތުރު ލަނޑެއް އެޓީމަށް ކާމިޔާބުކޮށްދީފައެވެ.މިރޭގެ މެޗުގައި އެއިލެންޑް އެފްސީ އިން ޖެހި ފަސްވަނަ ލަނޑު މެޗުގެ ސޯޅަވަނަ މިނިޓްގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ އޮސްކާއެވެ.
މި މެޗުގެ ފަހު ހާފްގައި އޮސްކާ އާއި މާއްޓޭ ކޮންމެ ކުޅުންތެރިއަކަށް ދެ ލަނޑު ޖަހާފައިވާއިރު އެއިލެންޑް އެފްސީގެ ދިހަވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފައްތޭއެވެ. މި މެޗުގައި ވެމްކޯ އިން ޖެހި ހަމަ އެކނަި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަލްވިޝްއެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެއިލެންޑް އެފްސީއަށް ފަސް ލަނޑު ކާމިޔާބުކޮށްދިން މާއްޓޭއެވެ.
މިރޭގެ މެޗުން އެއިލެންޑް އެފްސީ މޮޅުވިނަމަވެސް އެ ޓީމް ވަނީ މުބާރާތުން ކަޓާފައެވެ. މިރޭގެ މެޗުން މޮޅުވިނަމަ ވެމްކޯ އަށް ކުއާޓާ ފައިނަލަށް ދިއުމުގެ ފުރުސަތު އޮށްއިރު މި މެޗުން އެ ޓީމް ބަލިވުމުން ގައުމު އެފްސީ އަށްވަނީ ކުއާޓާގެ ޖާގަ ކަށަވަރުވެފައެވެ.
މާދަމާރޭ ކުޅޭ މި މުބާރާތުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗުގައި ކެނެރީފް އާއި ޑީކޭ ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު ދެވަނަ މެޗުގައި ބައްދަލުކުރާނީ ގައުމު އެފްސީ އާއި ޒެލޯން އެފްސީއެވެ