English Edition
Dhivehi Edition

އާ ސީޒަނަށް ތަށްޔާރުވުމުގެ ޕްރީ ސީޒަން ޓުއާއަށް އެމެރިކާއަށް ދިޔަ މެންޗެސްޓަރ ޔުނައިޓެޑްގެ ސްކޮޑުން އެ ޓީމުގެ ފޯވާޑް އެލެކްސިސް ސަންޗޭޒް ބާކީކޮށްފިއެވެ.

މިދިޔަ ސީޒަންގައި ޕްރިމިއަ ލީގުގެ ދެވަނާގައި އޮވެ ނިންމާލި މެންޗެސްޓަރ ޔުނައިޓެޑް އާ ސީޒަނަށް ތަށްޔާރުވުމުގެ ގޮތުން އެމެރިކާދިޔަ ސްކޮޑުން ސަންޗޭޒް ބާކީ ކުރަން ޖެހިފައިވަނީ ވިސާ ލިބޭ ގޮތް ނުވުމުންނެވެ.
ސަންޒޭޗަށް ވިސާ ނުލިބުނީ، އޭނާ ސްޕެއިނުގެ ބާސެލޯނާ އަށް ކުޅުނުއިރު ޓެކްސް އަށް މަކަރުހަދާފައިވާކަން ސާބިތުވެފައިވާތީ އެވެ. އެމެރިކާ ގާނޫނު ބުނާ ގޮތުން، އެފަދަ މައްސަލައެއް ސާބިތުވެފައިވާ މީހަކަށް އެ ގައުމަށް އެތެރެނުވެވޭނެ އެވެ.

މިދިޔަ ސީޒަންގައި ޕްރިމިއަ ލީގުގެ އާސެނަލްއިން ޔުނައިޓެޑްއަށް ބަދަލުވި ސަންޗޭޒްގެ އިތުރުން ދެން މި ޓުއާގައި ބައިވެރިނުވަނީ މި ހަފްތާގައި ރަޝިޔާގައި ނިމިގެން ދިޔަ ވޯލްޑް ކަޕުގައި ކުޅުނު ފްރާންސްގެ ކުޅުން ތެރިންނާއި އިންގްލޭންޑްގެ ކުޅުންތެރިންނެވެ.

ޓުއާގައި ބައިވެރި ނުވާ ވޯލްޑް ކަޕްގައި ކުޅުނު ކުޅުންތެރިން ކުރު ޗުއްޓީއަކަށް ފަހު ޓީމާއި ގުޅުމަށް ހަމަޖެހިފައިވާއިރު ސަންޗޭޒް ވެސް ވަރަށް އަވަހަށް ޓީމާއި ގުޅޭނެ ކަމަށް ރިޕޯޓްތަށް ބުނެއެވެ.

ޔުނައިޓެޑުން ޕްރީ ސީޒަނުގައި ކުޅޭ ފުރަތަމަ މެޗުގައި ހުކުރު ދުވަހު ބައްދަލުކުރާނީ ކްލަބް އެމެރިކާއާ އެވެ. މި ޓުއާގައި ޔުނައިޓެޑުން ސެން ހޯސޭ އާތުކުއޭކްސް، އޭސީ މިލާން، ލިވަޕޫލް އަދި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.