މިއަދުގެ ދުނިޔޭގައި ފުޓްބޯޅަ އަކީ ކުޅިވަރެއް ނޫނެވެ. ބައެއް މީހުން ކުޅިވަރެއްގެ ސިފައިގައި ޝަޢުގުވެރިކަން ފާޅުކުރި ނަމަވެސް އެއީ ބޮޑު ވިޔަފާރިއެކޭ ބުނުން މާރަނގެވެ.
ފުޓްބޯޅަ މީގެ ކުރިން ކުޅިވަރެއްގެ ގޮތުގައި ސިފަ ކުރިނަމަވެސް ގިނަ މީހުން މިހާރު އެކުޅިވަރު ސިފަކުރަނީ ވަރަށް ފުޅާ މާނައެއްގައެވެ. އެއީ ދޭދޭ މީހުން ގުޅުވައިދޭ އެއްޗެއްގެ ގޮތުގައެވެ. އެއްޤައުމު އަނެއް ޤައުމާއި އޮންނަ ގުޅުން ރަނގަޅުކޮށްދޭ ކަމެއްގެ ގޮތުގައެވެ. އެގޮތުން ބަލާއިރު ގިނަ ޤައުމުތަކުގައި ފުޓްބޯޅަ ކުޅެމުން ދަނީ އެޤައުމުތަކަށް ހިޖުރަކޮށްގެން އުޅޭ މީހުންނެވެ.
ވިޔަފާރީގެ މޭރުމަކުން ފުޓްބޯޅައަށް ބެލި ނަމަވެސް އެއީ ކުޅިވަރެކޭ ބުނަން ޖެހިލުން ވެއެވެ. އެއް ސީޒަން ނިމި ދެވަނަ ސީޒަނަށް ކުރިމަތިލުމާއި ދެމެދު ޓީމްތަކުގެ ދެމެދުގައި ހިނގާ ވިޔަފާރީގެ މުޢާމަލާތްތަކުގެ ވާހަކަ އެންމެ ފުންމިނަށް އަޑުއެހުމުން މި އިޙްސާސް ވާނެއެވެ. ދުނިޔޭގައި ހިނގާ އެންމެ ބޮޑެތި ވިޔަފާރީގެ އަގުތަކަށް ކުޅުންތެރިން ގަތުން ފޯރިއާއި އެކު ކުރިއަށްދެއެވެ. އަދި އެވިފަޔާރިއެއް ނިމިގެން ދާނެ ގޮތަކަށް ގިނަ މީހުން އިންތިރާޒުވެސް ކުރެއެވެ. ސަބަބަކީ އެކަމުގެ ސަބަބުން ޖެހިގެން އޮންނަ ސީޒަނުގައި އެޓީމަކުން ނެރޭނެ ކާމިޔާބީ އަންދާޒާ ކުރެވޭތީ އެވެ.
ކުޅިވަރަކަށް ބަލާއިރު ފުޓްބޯޅައަކީ ރީތި އަދި ހުނަރުން ފުރިފައިވާ ކަމެކެވެ. ނަމަވެސް މިހާރަށް ބަލާއިރު މުޅިޓީމަށް ބަލައިގެން ޓީމްގެ ކުޅުމަށް ސަޕޯޓް ކުރާ މީހުން މަދުވާނެއެވެ. ނަމަވެސް ވަކިވަކި ކުޅުންތެރިންގެ ހުނަރަށް ބަލައި އެކުޅުންތެރިއަކު ހުންނަ ޓީމަކަށް ސަޕޯޓްކުރާ މީހުން ގިނަ ވުމަކީ ފުޓްބޯޅަ ކުޅިވަރެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި އެހެން ވިސްނުމަކުން ދެކޭކަމުގެ ހެއްކެކެވެ.
ފުޓްބޯޅަ އަކީ ވިޔަފާރިއެކޭ ބުނެވުނު ނަމަވެސް އެއީ މުޅި ދުނިޔެ ހިމެނޭ ގޮތަށް ހިންގޭ ވިޔަފާރިއެކެވެ. އެގޮތުން ފަޤީރު ޤައުމުތަކާއި އެއްހަމައެއްގައި ބޮޑެތި މުއްސަނދި ޤައުމުތައް ފައިހަމަ ކުރަން ޖެހޭ ކުޅިވަރެކެވެ. ނަތީޖާއަކަށް ވަނީ މުއްސަނދި ޤައުމުތަކުގެ މައްޗަށް ބައެއްފަހަރު ކުދި ޤައުމުތަކުން އަރައިގަންނަތަން ފެނުމެވެ. ޔޫރަޕްގެ މައްޗަށް ދެކުނު އެމެރިކާ އަތްގަދަކުރާ ބީދައިން ފަހަކަށް އައިސް އެފްރިކާއިން ދުނިޔޭގެ އެހެން ޤައުމުތަކަށް އެމީހުންގެ ހުނަރު ދައްކާލާ ދެއްކުން ހިމެނެއެވެ.
ވިޔަފާރިއެއްގެ ގޮތުގައި ފުޓްބޯޅަ ސިފަ ކުރިނަމަވެސް އެހެން ވިޔަފާރިތަކާއި އެއްބީދައިން މިކަން ކުރިއަށް ގެންދިޔުމަށް ބައެއް ފަހަރު ގޮންޖެހުންތަކެއް ކުރިމަތި ވެއެވެ. ސަބަބަކީ ފުޓްބޯޅައިގައި ވިޔަފާރީގެ އެންމެހައި އަސާސްތައް ނުގެންގުޅެވޭނެތީ އެވެ. އިޓަލީގެ ކްލަބް އަކުން އެމީހުންގެ އާމްދަނީގެ 125 ޕަސެންޓް ކުޅުންތެރިންގެ މުސާރައަށް ހޭދަކުރަންޖެހޭ ވާހަކަ އަޑުއިވެއެވެ. ޓީޝާރޓް ތަކުގައި އިޝްތިހާރު ޖެހުމަށް ބާސެލޯނާ ޓީމްއިން 1 މިލިއަން ޔޫރޯ ހޭދަ ކުރި ވާހަކަ އަކީ ވެސް މިކަހަލަ ވާހަކައެކެވެ. އަދި ކްލަބްގައި ހިމެނޭ ޤައުމީ ޓީމްގެ ކުޅުންތެރިން އެއްވެސް އަގަކާއި ނުލައި ދޫކުރަން ޖެހޭ ޖެހުމަކީވެސް ވިޔަފާރީގެ އުސޫލުން ބޭރު ކަމެކެވެ.
ވޯލްޑްކަޕް އަކީ ފުޓްބޯލައިގެ އެންމެ ބޮޑު އީދެވެ. ނަމަވެސް މިހާރު އެކަން ވެސް އޮންނަނީ ކުޅިވަރަކަށް ވުރެ ބޮޑަށް އެހެން ގޮތްގޮތުން ވަށާލެވިފައެވެ. ބައެއް ޤައުމު ތަކުން ވޯލްޑްކަޕާއި ކުރިމަތި ލަނީ ވިޔަފާރި ވިސްނުމަކުންނެވެ. އަދި އެއްބަޔަކު އަންނަނީ ހަމައެކަނި ތަޖުރިބާ ހޯދުމުގެ ގޮތުންނެވެ. މީގެ އިތުރުން ފީފާއިން އެކަން އިންތިޒާމް ކުރި ނަމަވެސް އަބަދުވެސް ކޮރަޕްޝަންގެ އިނގިލިތައް ދިއްކުރެވިފައި އޮވެއެވެ. ދުނިޔޭގެ ސަލާމަތީ މަޖިލީހުން ދެކޭ ގޮތުގައި ވޯލްޑްކަޕް އަކީ ދުނިޔެއަށް ހަމަޖެހުން ގެނެވިދާނެ ކަމެކެވެ.