English Edition
Dhivehi Edition

އާއްމުކޮށް އަޑު އިވޭނީ ފިރިހެނުން ގަޔާވަކަހަލަ އަންހެނަކަށް ވުމަށްޓަކައި އަންހެން މަސައްކަތްކުރާ ވާހަކައެވެ. އެހެންނަމަވެސް އަންހެނުންނެކޭ އެއްފަދައިން ފިރިހެނުންނަކީ ވެސް އަންހެނުން ހިތްކިޔާ ކަހަލަ ބަޔަކަށް ވާން ޖެހެއެވެ.

މިކަމާއި ގުޅިގެން އަންހެނުންނަށް ޙާއްސަ ސިއްރު އެޕްލިކޭޝަނެއް ކަމަށްވާ ‘ވިސްޕަރ’ ގައިއެކި އަންހެނުންގެ ހިޔާލު ފާޅުކޮށްފައި ވެއެވެ. އަދި އެކި މީހުންނަށް ކަމުދާ އެކި ސިފަތައް ބުނެފައިވާއިރު، ގިނަ ސިފަތަކަކީ ފިރިހެނެއްގެ ގައިގައި ހުރުމަށް ބޭނުންތެރި ސިފަތަކެކެވެ.

އެގޮތުން ގިނަ އަންހެން ކުދިން ބޭނުންވާ ގޮތުގައި ކޮންމެ ފިރިހަނަކީވެސް އޯގާތެރިކަމާއި އެކު އަޅާލާ ފިރިހެނަކަށް ވާން ޖެހެއެވެ. ފިރިހެނުންގެ އިޙްސާސްތައް އަންހެނުން ކުރިމަތީގައި ފާޅުކުރުމަކީ އެފިރިހެނުންނަށް ޙާއްސަ ޤަދަރެއް ދެވޭކަމެއްކަމަށް ގިނަ އަންހެން ކުދިން ބުނެއެވެ. މީގެ އިތުރުން އިޙްސާސްތަކާއި އެކު އޭގެ ފުންމިން ގެނުވައިދޭ ފިރިހެނުން ވަކިން ކަމުދާކަމަށް ވެއެވެ. އެގޮތުން ދެރަކަމެއް ދިމާވުމުން އަވަހަށް ރޮވޭ ފިރިހެނުން ހިމެނެއެވެ.

އަންހެނުންނާއި އެކު ގޭތެރޭގެ މަސައްކަތުގައި އުޅޭ ފިރިހެނުންނަކީ ވެސް ވަރަށް އަވަހަށް އަންހެނުންގެ ހިތް ދަމައިގަންނަ ކަހަލަ ބަޔެކެވެ. އެގޮތުން ކެއްކުމާއި، ގޭތެރެ ސާފުކުރުމުގައި ހަރަކާތްތެރިވާ ފިރިހެނުންނަކީ ނަސީބެއްކަހަލަ ބައެއް ކަމަށް ގިނަ އަންހެނުން ދެކެއެވެ. މީގެ އިތުރުން ގޭތެރޭގައި އުޅޭ އިރު އަންހެނުންގެ ގައިގައި ފިރުމާލުމާއި، އަންހެނުން އުރާލުން ކަހަލަ ކަންތައްތައް ކުރާ ފިރިހެނުންނަށް ދެވިފައި އޮންނަނީ ވަރަށް މަތީ ޤަދަރެއްކަމަށް ބުނެއެވެ. އަދި އެފަދަ ފިރިހެނުން ގެއްލިދާނެކަމުގެ ބިރު އަބަދުވެސް އެއަންހެން ކުދިން އޮންނަކަމަށް ވެއެވެ.

މީގެ އިތުރުން އަމިއްލަ ޒިންމާނަގާ ފިރިހެނުންދެކެ ގަޔާވާ އަންހެނުން ވަރަށް ގިނަ ކަމަށްވެއެވެ. އެގޮތުން އެމީހެއްގެ އަމިއްލަ ކަންކަން އެހެން މީހުންނަށް ނުޖައްސައި އަމިއްލައަށް ކުރުމަށް މަސައްކަތް ކުރާ ފިރިހެނުންނަކީ ލިބިފައިވާ ނިޢުމަތެއްކަމަށް ގިނަ އަންހެނުން ދެކެވެ. އަދި އަންހެނުންގެ އިޙްސާސްތައް ދަނެގަންނަ ފިރިހެނުންނަކީ އެހެން ފިރިހެނުންނާއި 10 ގުނަ ރަނގަޅު ބައެއްކަމަށް ވެސް ވެއެވެ.

އުފެއްދުންތެރި މައްސަކަތްތައް ކުރާ ފިރިހެނުންނަކީ ވެސް އެބަޔަކަށްޓަކައި އަންހެނުން ފަޙްރުވެރިވާ ފިރިހެނުން ތަކެކެވެ. މީގެ އިތުރުން ރީތިކޮށް ހެދުން އެޅުމާއި، މަޢާފްކުރުމާއި، ރީތި އަޙްލާގު ދެމެހެއްޓުމަކީ ވެސް ގިނަ އަންހެނުން ވަރަށް ގަޔާވާ ސިފަތަކެކެވެ. ހަމަ އެއާއި އެކު ދިރިއުޅުމުގައި އުޅޭއިރު ދަރިންނަށް އޯގާތެރިވުމާއި، އަޅާލުމާއި، އެކުދިންނަށް ވަގުތުދޭ ފިރިހެނުން ދެކެ އަންހެނުން ވަރަށް ގަޔާވެ ލޯބި އިތުރުވާކަމަށް ވެއެވެ.

އަންހެނުންދެކެ ފިރިހެނުން ގަޔާވާ ފަދައިން ފިރިހެނުން ދެކެ އަންހެނުންވެސް ގަޔާވެއެވެ. އެހެންނަމަވެސް އެމީހެއްގެ ކިބައިގައި ރަނގަޅު ސިފަތަކެއް ނެތްނަމަ ކޮންމެ މީހަކުވެސް ފޫހިވުމުގެ ފުރުސަތު ބޮޑުވެގެން ދެއެވެ. އެހެންކަމުން އެކުގައި އުޅޭ އިރުގައި އާއި މީހަކަށް ހިތް ކިޔައިގެން އުޅޭ އިރުގައި އެމީހެއްގެ ހިތް އެންމެ ފަސޭހައި އަތުލައި ގަތުމަށް އޮތް ބާރު ގަދަ ހަތިޔާރަކީ މިދެންނެވި ކަހަލަ ސިފަތައް ހުރުމެވެ.