English Edition
Dhivehi Edition

ޖަޕާނަށް ކުރަމުންދާ ވިއްސާރައިގައި އެ ގައުމުގެ ހުޅަނގުގެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ ބިންގަޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކާ ގުޅިގެން މަރުވި މީހުންގެ އަދަދު200 އަށްވުރެ މައްޗަށް އަރައިފި ކަމަށް އެގައުމުގެ ނޫސްތަކުން ބުނެފިއެވެ.

ޖަޕާނަށް ކުރަމުންދާ މިވިއްސާރައިގައި ދިހަމިލިއަންމީހުން ކަރަންޓާއި ފެނާނުލާ އުޅެންޖެހިފައިވާއިރު ދެމިލިއަން މީހުން ގެދޮރުދޫކޮށް އެހެން ހިސާބުތަކަށް ގޮސްފައިވެއެވެ. ހަތްހާސް މީހުން މިހާރުވެސް ސްކޫލްތަކުގައި ވަގުތީހިޔަލުގައި ވެސް ދިރިއުޅެމުން އެބަގެންދެއެވެ.

މީހުން ސަލާމަތްކުރުމުގެ މަސައްކަތަށް 75،000 މީހުން ވަނީ ނެރެފައެވެ. އެތައް ބަޔަކު ގެއްލިފައިވާ އިރު މީހުން ސަލާމަތްކުރުމުގެ މަސައްކަތްކުރާ ފަރާތްތަކުން ދަނީ ކުނިބުންޏާއި ކިސަޑުގެ ތެރެއިން ދިރި ހުއްޓައި މީހަކު ފެނޭތޯ މަސައްކަަތްކުރަމުންނެވެ. ގެއްލުނު މީހުން ހޯދަމުންދާއިރު ސޫކާ އިން އަދިވެސް 10 މީހުން ގެއްލިފައިވާ ކަމަށް ހަބަރުތައް ބުނެއެވެ.

ޖަޕާންގެ ހަބަރުތައްބުނާގޮތުގައި އެންމެނުރައްކާތެރި 72 ގަޑިއުރު ފާއިތުވެގޮސްފައި ވާއިރު ދަނޑުތަކަށާއި މަސްވެރިންނަށް ލިބުނު ގެއްލުމުގެ އަދަދުވެސް ގާތްގަޑަކަށް 97.8 މިލިއަންޑޮލަރަށް އަރާނެއެވެ.

ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ގެންދަވަނީ ފެންބޮޑުވުމުގައި ގެއްލުން ލިބުނު ސަރަހައްދުތަކަށް ޒިޔާރަތްކުރައްވައި އެތަންތަން ބައްލަވާލައްވަމުންނެވެ. ބުދަ ދުވަހު ހެނދުނު ހެލިކޮޕްޓަރުގައި އަބޭ ވަޑައިގެންފައި ވަނީ ފެންބޮޑުވުމުގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު އޮކަޔާމާއަށެވެ.