ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މެދުކެނޑުމަށްފަހު އަލުން ފެށުމަށް މިއަދު ބޭއްވި ޖަލްސާ ނިމުނީ އެޖެންޑާގައިވާ މަސައްކަތްތައް ނިންމުމަށްފަހު ކަމަށް މަޖިލީހުގެ ނާއިބު ރައީސް އަދި ހުޅުހެންވޭރުދާއިރާގެ މަޖިލިސް މެންބަރު މޫސާމަނިކު (ރީކޯ) ވިދާޅުވެއްޖެއެވެ. މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު އެންވިޔަރަންމެންޓް އެންޑް އެނަރޖީ މިނިސްޓަރު ތާރިގް އިބްރާހީމާ ސުވާލު ކުރެއްވުން އެކަންޏެވެ. ރިޔާޒު ސުވާލުކުރައްވަން ހަމަޖެހިއޮތީ ތ. ކަޑޫދޫ ގިރާސަރަހައްދުގެ މަސައްކަތް ފެށުމަށްފަހު އެ މަސައްކަތް ހުއްޓިފައިވާ މައްސަލައިގައެވެ. މިއަދުގެ ޖަލްސާ ކުރިއަށް ގެންގޮސްފައިވަނީ ސަލާމަތީ ޚިދުމަތްތަކުގެ އެހީތެރިކަމާއެކީގައެވެ. ސަލާމަތީ ޚިދުމަތްތަކުގެ އެހީތެރިކަން ހޯއްދަވައިގެން މަޖިލިސް ކުރިއަށް ގެންދެވީ އިދިކޮޅު މެންބަރުން އިހުތިޖާޖު ކުރައްވަމުން ގެންދެވުމުންނެވެ. މަޖިލީހުގެ ނާއިބު ރައީސް މޫސާމަނިކު ވިދާޅުވެފައިވަނީ އިދިކޮޅު ފަރާތްތަކުން މައުލޫމާތު ހާމަކުރަމުން ގެންދަނީ ރަނގަޅަށް ނޫންކަށެވެ. އެކަންދޭހަވާ ގޮތަށް އޭނާ ކުރައްވައިފައިވާ ޓްވީޓުގައި ވިދާޅުވެފައިވަނީ “ހަގީގަތާ ޚިލާފަށް މައުލޫމާތު ދިނުމަކީ ރަނގަޅު ގޮތެއްނޫން. މިއަދު މަޖިލީހުގެ ޖަލްސާ ނިމުނީ އެޖެންޑާގައިވާ މަސައްކަތް ނިމިގެން” ކަމަށެވެ.