ފަނޑިޔާރަކަށް އަންހެނަކު ހަމަޖެއްސުމަކީ އިސްލާމީ ޝަރީއަތް ހުއްދަނުކުރާ ކަމެއް އަދާލަތު ޕާޓީގެ އިލްމުވެރިން މަޖިލީހުގެ މެންބަރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ ވިދާޅުވުމުން އިދިކޮޅު އިއްތިހާދުގައި އެކަމާ ހިޔާލުތަފާތު ވުން އުފެދިއްޖެއެވެ. ކުނޫޒުގައި ރޭ ބޭއްވި ޖަލްސާގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އަންހެން ބޭފުޅަކު އައްޔަން ކުރަން ސަރުކާރުން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް އިޝާރާތް ކުރައްވާ އިލްމުވެރިޔާ އަބްދުލް މަޖީދު ވިދާޅުވީ ރާއްޖޭގައި އިސްލާމީ ޝަރީއަތް އޮންނައިރު، އެއާ ހިލާފަށް އެއްވެސް ގާނޫނެއް ނުހެދޭނެ ކަމަށެވެ. މިކަމާއި ގުޅިގެން މިއަދު ރައީސް މައުމޫނު ކުރެއްވި ޓުވިޓެއްގައި ވިދާޅުވެފައިވަނީ އިސްލާމީ ޤާނޫނުގައި އަންހެނުންނަށް ސިޔާސީ އަދި ޝަރުޢީ ދާއިރާގެ ހުރިހާ ވަޒީފާއެއް ވެސް އަދާކުރެވޭނެ ކަމުގެ ވަރަށް ވަރުގަދަ ހެކިތައް އެބަހުރި ކަމަށެވެ. ރޭގެ ޖަލްސާގައިވެސް ބައިވެރިވެ ވަޑައިގެން އިންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ އަބްދުލް މަޖީދުގެ އެ ވާހަކަ އަކީ އެންމެ ރަގަޅު ވާހަކައެއް ނޫންކަމުގައި ވިދާޅުވެފަ އެވެ. ރާއްޖޭގައި އަންހެނުން ކޯޓުތަކުގެ ފަނޑިޔާރުކަމަށް ފުރަތަމަ އައްޔަން ކުރަން ފެށީ ރައީސް މައުމޫނުގެ ވެރިކަމުގައެވެ.