English Edition
Dhivehi Edition

އެއްބަޔަކަށް އަބަދު އުފަލުގައި ތިބެވެނީ ކީއްވެގެން ހެއްޔެވެ؟ މީގެ ޖަވާބުގައި ބުނެވެން އޮތީ އެކިމީހުންނަށް އުފަލުގައި ތިބެވެނީ އެކި ސަބަބުތަކަކާއި ހެދިއެވެ. އުފަލަކީ ހަމައެކަނި ފައިސާ ހުރުމެއް ނޫނެނެވެ. އުފަލުގައި ހުންނަން ބޭނުންނަމަ ވަކި ކަހަލަ ކަންތަކުން ދުރުހެލިވެ ވަކި ކަލަހަ އާދަތައް ދަމަހައްޓަން ޖެހެއެވެ. އެގޮތުން ކޮންމެ މީހަކަށް ވެސް އުފަލުގައި ދިރިއުޅެވިދާނެއެވެ. އުފާވެރި ދިރިއުޅުމެއް އުޅެން ބޭނުންނަމަ އެކަމަށް މަގު ކޮށާނީ އެމީހެކެވެ. އަދި އެގޮތުގައި ދެމިހުންނާނީ އެމީހަކު އަމިއްލައަށެވެ. އުފަލުގައި ހުންނަން ބޭނުންވާ މީހަކަށް ކުރެވިދާނެ އެއްކަމަކީ އަބަދުވެސް ކަންކަމަށް ސަމާލުކަން ދިނުމެވެ. އެގޮތުން މާޒީ އާއި މުސްތަޤްބަލާއި މެދު ފިކުރުކުރުމަށްވުރެ، އެވަގުތަކާއި މެދު ވިސްނާލުން މާރަނގަޅެވެ. އަދި އަބަދުވެސް ‘ޕޮޒިޓިވް ތިންކިން’ ގެންގުޅޭށެވެ. މާފުކުރުމާއި ހަނދާން ނައްތާލުމަކީވެސް ކުރެވިދާނެކަމެކެވެ. މިކަންތައްތައް ނުކުރާނަމަ އެހެންމީހުންނާއި މެދު ނަފްރަތު އުފެދި، ރުޅިވެރިކަން އުފެދިގެން ގޮސް އެކަންކަން އެމީހެއްގެ އުފާތަކަށް ހުރަސް އަޅަންފަށައެވެ. އެހެންކަމުން މާފުކުރުމާއި ހަންދާން ނައްތާލުމުގެ ސިފަ ގެންގުޅޭނަމަ އެހެން މީހުންނާއި ތިމާގެ ރަނގަޅުކަންތަކާއި މެދު ވިސްނާލަން ވަގުތު ލިބިގެން ދެއެވެ. އެހެންމީހުންނަށް އެހީވުމާއި، ފައިސާ ހޭދަކުރުމަކީ އުފާވެރިކަން އާލާވެގެން ދާކަމެއްކަމަށް ޕްރޮފިސަރ މައިކަލް ނޮޓަން ބުނެފައިވެއެވެ. ހަޤީގަތަކީ މިގޮތަށް އެހީވުމުން މުޖުތަމަޢުގެ ތެރޭގައި ބަދަހި ގުޅުމެއް އުފެދިގެން ދެއެވެ. މީހެއްގެ އަތުގައި ކިތަންމެ ފައިސާއަކާއި މުދަލެއް ހުރެފައި އެއިން މުޖުތަމަޢުގައި ދެން ތިބޭ މީހުންނަށް ހޭދަ ނުކުރާނަމަ އެމީހަކަށް އުފަލެއް ނުލިބޭނެއެވެ. މީގެ އިތުރުން ރަނގަޅު ރަޙްމަތްތެރިން ހޯދުމަކީ ވެސް ކުރެވިދާނެ ކަމެކެވެ. އެފަދަ ރަޙްމަތްތެރިއަކު ހޯދުމަށް ފައިސާ ޙަރަދު ކުރަން ނުޖެހުނަސް އެކަށީގެންވާ ވަރަށް ވަގުތު ހޭދަކުރަންޖެހެއެވެ. އުފާވެރިކޮށް އުޅޭ މީހުންނަކީ ބޭކާރު ގޮތުގައި ވަގުތު ހޭދަކުރާ ބައެއް ނޫނެވެ. އެގޮތުން އެމީހުންގެ ބާރުފޯރާ ފަށުގައިވާ ކަންކަމަށް ބަލައި އެއިން އެންމެ މުހިއްމުކަމަކާއިގެން އަބަދުވެސް އުޅޭނެއެވެ. އަމިއްލަ ބާރު ނުފޯރާ ކަންކަމުގައި ވަގުތު ހޭދަކުރުމަކީ އެވަގުތު ބޭކާރުކޮށްލުމެވެ. މީގެ އިތުރުން ބިނާކުރުވަނިވި ޙިޔާލު ފާޅުކުރުމާއި، މީހުންނާއި އެކު ހަރަކާތްތެރިކޮށް އުޅުމަކީ އުފާވެރިކަން އިތުރުވާ ކަމެކެވެ. އަދި އެހެންމީހުނަށް ލިބޭ އުފަލުގައި ބައިވެރިވުމާއި، އެމީހުނާއިއެކު އެކަން ފާހަގަ ކުރުމަކީވެސް ރަނގަޅުކަމެކެވެ. މިގޮތަށް އުޅޭއިރު ތެދުވެރިވުމަކީ އެންމެ މުހިއްމު ކަމެވެ. ކޮންމެ މީހަކީ އަބަދު ރަނގަޅު ކަންތައްތައް ނުކުރެވޭނެ މީހަކަށްވާތީ، ގޯސްކަމެއް ކުރެވުނަސް ތެދުވެރިވާނަމަ އެހެން މީހުންގެ ލޯބި ލިބޭނެއެވެ. އުފާވެރި މީހުންނަކީ އަބަދުވެސް ދުރަށް ވިސްނާ، އެމީހުން ދާންބޭނުންވާ ލަނޑުދަނޑި ކަނޑައަޅާ މީހުންނެވެ. އެމީހުންގެ ހުވަފެންތަކަކީ ހަޤީގަތްތަކަކަށް ހެދުމަށްޓަކައި ވަރަށް މަސައްކަތް ކުރާނެއެވެ. އެމީހުން އަބަދުވެސް މަސައްކަތް ކުރާނީ އެހެންމީހުންނާއި ގުޅިގެންނެވެ. އަދި އެއްވެސް މީހަކަށް ދެރައެއް ލިބޭގޮތަށް ކަންކުރާކަށް ބޭނުމެއް ނުވާނެއެވެ. އެހެންނަމަވެސް އެފަދަ މީހުން އެކަނިވެސް ވަގުތު ހޭދަކުރުމަށް ލޯބިކުރާނެއެވެ. މިގޮތަށް ހޭދަކުރާ ވަގުތަކީ އެމީހެއްގެ ހިތްހަމަ ނުޖެހުންތަކާއި ނުތަނަވަސްކަންތައް ބޭރުކޮށްލާ ވަގުތުތަކެވެ. އުފާވެރިކޮށް ހިނިތުންވެލާފައި ހުރުމަށް ބޭނުންނަމަ ދުޅަހެޔޮ ސިއްޙަތަށް ވެސް ވިސްނަންޖެހެއެވެ. އެހެންނޫންނަމަ މީހުންނާއި އެކު އުޅޭއުޅުމުގައި ނަފްސާނީ ގޮތުން ބަލިކަށިވެދާނެއެވެ. ރޭގަނޑުގެ ހަމަ ނިދިން ދުވަހުގެ ފެށުމާއި، ފައިދާ ހުރި ކާނާ ބޭނުންކުރުމާއި، ގަވައިދުން ކަސްރަތުކުރާނަމަ މާޔޫސްކަމާއި، ސްޓްރެސް ފިލައިގެން ދެއެވެ. އުފާވެރި މީހަކަށް ވުމަށްޓަކައި މިދެންނެވި ހުރިހާ އާދަތަކެއް އެއްފަހަރާ ލިބިގަންނާކަށް ނުޖެހެއެވެ. އެހެންނަމަވެސް މަދުމަދުން ފަހަރަކު ކަމެއް ދިރިއުޅުމުގެ ތެރެއަށް އިތުރުކޮށް، އެއާދަތަކުގައި ހިފަހައްޓައިފިނަމަ މީހުން ބަލައިގަންނަ މީހަކަށް ވެގެންދާނެއެވެ. އަދި އެކަން އެމީހަކު އަމިއްލައަށް އިޙްސާސްކޮށް އުފާވެރި މީހެއްގެ ގޮތުގައި އުޅެން ފަށާނެއެވެ.