English Edition
Dhivehi Edition

މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ކޯޕަރޭޝަން(އެމް.އައި.ޓީ.ޑީ.ސީ) އިން އައްޑޫގައި ހިންގުމަށް ނިންމާފައިވާ “އައްޑޫ އިންޓަރގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓް” އަށް އެއްބާރުލުން ދެއްވަން ބޭނުންވާ ކަމަށް އައްޑޫސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ. އައްޑޫސިޓީގެ ޑެޕިޔުޓީމޭޔަރު މުޙައްމަދު ޔަސްރިފް ވިދާޅުވީ އެބޭނުމުގައި އައްޑޫސިޓީގެ ކައުންސިލްގެ ޓީމެއްވަނީ އެމް.އައި.ޓީ.ޑީ.ސީއާ ބައްދަލުކޮށްފައެވެ. ޔަސްރިފް ވިދާޅުވީ އެ ބައްދަލުވުން ބާއްވާފައިވަނީ މާލޭގައި ހުންނަ އެމް.އައި.ޓީ.ޑީ.ސީ ގެ އޮފީހުގައި މިއަދު ކަމަށެވެ. އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ކައުންސިލް ޓީމުގެ ވެރިއަކަށް ހުންނެވީ އައްޑޫސިޓީގެ މޭޔަރު ޢަބްދުﷲ ސާދިޤެވެ. މޭޔަރުގެ އަރިހުގައި ކައުންސިލަރު އަލީފަހުމީ އަޙުމަދާއި، ކައުންސިލަރު ޙުސައިން ހިޔާޒާއި، ޑިރެކްޓަރު މުޙައްމަދު ސަޢުދީ ޙަސަން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެމް.އައި.ޓީ.ޑީ.ސީ ގެ ފަރާތުން ބައިވެރިވެޑައިގެންނެވީ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޝާހިދެވެ. ޔަސްރިފް ވިދާޅުވީ މިބައްދަލުވުމަކީ އެމް.އައި.ޓީ.ޑީ.ސީ އިން އައްޑޫގައި ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ “އައްޑޫ އިންޓަރގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓް” ގެ މަސައްކަތާބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ. އައްޑޫ ސިޓީކައުންސިލުން ބޭނުންވަނީ އެ ޕްރޮޖެކްޓަށް ސިޓީކައުންސިލުން އެއްބާރުލެއްވުން ދެއްވައި އެކަން ކާމިޔާބު ކުރުމަށެވެ. ޑެޕިޔުޓީ މޭޔަރު ވިދާޅުވީ އެ މަޝްރޫޢު ކާމިޔާބު ކުރުމަށްޓަކަށް އައްޑޫސިޓީ އިޝްތިހާރު ކުރުމަށް ތަކެތި ތައްޔާރު ކުރުކޮށްދިނުމާއި، ޑޮކިއުމެންޓްރީތައް އުފެއްދުމާއި، ފެއަރތަކުގައި ބައިވެރިވުމާއި، ފަންނީ މީހުން ބިނާކުރުމާއި އިންވެސްޓަރުންނަށް މަޢުލޫމާތު ދިނުމަށް ފޯރަމްތައް ބޭއްވުން ފަދަ ހަރަކާތްތަކުގައި ބައިވެރިވުމަށް ޝައުގުވެރިކަން ފާޅުކޮށް އައްޑޫސިޓީ ކައުންސިލުން މީގެ ކުރިންވެސްވަނީ އެމް.އައި.ޓީ.ޑީ.ސީ އަށް ލިޔުމުން ދަންނަވައިފައި ކަމަށް ޔަސްރިފް ވިދާޅުވިއެވެ. އައްޑޫސިޓީގައި ކުރިއަށް ގެންދިޔުމަށް ނިންމަވާފައިވާ މި މަޝްރޫޢު ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ ހިތަދޫ، ފޭދޫ، މީދޫ، ހުޅުދޫ އަދި ހިކަހެރަ ގައެވެ. އެ ތަންތަނުގައި ގެސްޓްހައުސްތަކާއި އެއާގުޅޭ ތަފާތު އެހެނިހެން އިމާރާތްތައް އެޅުމަށްވަނީ ނިންމައިފައެވެ. މި މަޝްރޫގެ ދަށުން 60 ވަރަކަށް ގެސްޓްހައުސް އައްޑޫގައި އެޅުމަށްވަނީ ނިންމައިފައިވެއެވެ. މި މަޝްރޫޢު އިފްތިތާހު ކުރުމަށްޓަކައި މިއަހަރުގެ އެޕްރީލް މަހުގެ 8 ވަނަ ދުވަހު ވަނީ “އައްޑޫ އިންވެސްޓަރސް ފޯރަމް” ގެ ނަމުގައި ފޯރަމެއް އީކުއޭޓަރވިލެޖުގައި ބާއްވައިފައެވެ. …………………