English Edition
Dhivehi Edition

އާ އަހަރު ފެށުމުގެ ގޮތުން ޓުއަރިޒަމް މިނިސްޓްރީއާއި މޯލްޑިވްސް އިންޓަރގްރޭޓެޑް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްއައިޓީޑީސީއާ ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ޓޫއަރިޒަމް ކައުންޓްޑައުން ޝޯވ “ވެލްކަމް 2018” އަށް ބޮލީވުޑްގެ މަޝްހޫރު ތަރިންތަކެއް ގެނައުމަށް ހަމަޖައްސައިފިއެވެ.

“ވެލްކަމް 2018″ގެ ޝޯވގައި ބޮލީވުޑްގެ މަޝްހޫރު ދެ ލަވަކިޔުންތެރިން ކަމަށްވާ ޕާކިސްތާނުގެ ރާހަތް ފަތެހް ޢަލީ ޚާންއާއި އިންޑީޔާގެ މީކާ ސިންގގެ އިތުރުން މަޝްހޫރު ތަރިންތަކެއް ގެނަޢުމަށް ހަމަޖެހިފައިވާކަމަށް އެމްއައިޓީޑީސީން ބުނެއެވެ.

އެމްއައިޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝާހިދު ވިދާޅުވީ މިއަހަރުގެ ކައުންޓްޑައުން ޝޯއަކީ އެހެން އަހަރުތަކަށްވުރެ ޝައުގުވެރި ޝޯއަކަށްހެދުމުގެ މަސައްކަތްކުރަމުންދާކަމަށެވެ. އެގޮތުން މި ޝޯވގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ގިނަ ފަންނާނުންގެ ތަފާތު ހުށައެޅުންތައް ފެނިގެންދާނެކަމަށް ޝާހިދު ވިދާޅުވިއެވެ.

ޓުއަރިޒަމް މިނިސްޓްރީން ބާއްވަމުން އަންނަ ކައުންޓްޑައުން ޝޯވއަކީ ޜާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އަހަރުން އަހަރަށް އިތުރުވަމުން އަންނަ އައުން ފާހަގަކުރުމަށް ބާއްވަމުން އަންނަ ޝޯވއެކެވެ.

މިއަހަރުގެ މި ޝޯވ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ އެއްތިރީސްވަނަ ދުވަހު ކާނިވާ ސަރަހައްދުގައެވެ.

“ވެލްކަމް 2018″ގެ ޕަރޓްނަރުންގެ ގޮތުގައި ތިން ކުންފުންޏެއްވަނީ ހަމަޖައްސާފައެވެ. އެގޮތުން މި އިވެންޓް ހިންގައި ޕްރޮމޯޓްކުރުމުގެ ކަންކަން ހަވާލުކޮށްފައިވަނީ ޔޫކޭއާއި ދުބާއީފަދަ ޤައުމުތަކުގައި އިވެންޓް ރާވާ ހިންގުމުގެ މަސައްކަތްކުރަމުންއަންނަ ރާއްޖެއިން ބޭރުގެ ކުންފުންޏެއްކަމަށްވާ ޕޯޓްފޯލިއޯ މެނޭޖިންގ އިވެންޓްސްއާއެވެ. އެ ކުންފުންޏާއެކު ލޯކަލް އެސިސްޓެންސް ޕަރޓްނަރެއްގެގޮތުގައި ހަރަކާތްތެރިވާނީ ޗޮޕްއާރްޓް ޕްރައިވެޓް ލިމިޓެޑެވެ. މި އިވެންޓްގެ މީޑީއާ ޕަރޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ޕްބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއެވެ. މީގެއިތުރުން އިވެންޓްގެ ލޮޖިސްޓިކާއި، ސްޓޭޖް ސެޓަޕް ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސިފައިންގެ ވެލްފެއަރ ޕްރައިވެޓް ލިމިޓެޑާއެވެ.