English Edition
Dhivehi Edition

އައްޑޫސިޓީގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް ޚާއްޞަކޮށްގެން ފަލި ޖެހުމުގެ ޗެލެންޖެއް ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.

ރޯވިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިސްނަގައިގެން ރާވާ މި ޗލެންޖުގައި އައްޑޫސިޓީން ފަށައިގެން ފުވައްމުލަކާ ހަމައަށް ޕްރިންސިޕަލުން ފަލި ޖަހާފައި ދާން ޖެހެއެވެ.

މި އިވެންޓާ ބެހޭ ގޮތުން “އޭއޯ ނިއުސް” އަށް މައުލޫމާތު ދެއްވަމުން ރޯވިން އެސޯސިއޭޝަނުގެ ރައީސް އަޙްމަދު ހަބީބް ވިދާޅުވީ މިއީ ނުވާނެ ކަމެއް ނޫންކަމަށާއި ސްކޫލްތަކުގެ ވެރިންގެ އެއްބާރުލުން މިކަމަށް ދެއްވައިފިނަމަ ކާމިޔާބު އިވެންޓަކަށް މި އިވެންޓު ވެގެންދާނެ ކަމަށެވެ.

“ރޭގައި އަދި މި އިވެންޓް އިއުލާން މިކުރީ. މި ބަލަނީ ސްކޫލްތަކުން މިކަމަށް އިޖާބަ ދެއްވާ މިންވަރަށް. ބައިވެރިވާ ބޭފުޅުންނަށް އެއް މަސް ދުވަހުގެ ޚާއްޞަ ޓްރެއިނިން ދީގެން ޗެލެންޖް ބާއްވާ ގޮތަށް މިއޮތީ” ހަބީބް ވިދާޅުވިއެވެ.

އައްޑޫގައި ރޯވިން ކުރިއަރަމުން އައިސް އިންޓަނޭޝަނަލް ޓްރެއިނިން ހަދާފައިވާ ކޯޗުން ތަކެއް ވެސް އައްޑޫން ވަނީ ތަމްރީންކޮށްފައެވެ.

ހަބީބް ވިދާޅުވީ މި ކޯޗުންގެ އެހީތެރިކަމާއެކު މި އިވެންޓުގައި ބައިވެރިވާ ޕްރިންސިޕަލުންނަށް ޚާއްޞަ ތަމްރީން ތަކެއް ދެވިގެންދާނެކަމަށެވެ. އަދި ފުރިހަމައަށް ބައިވެރިން ތައްޔާރުވުމުން ޗެލެންޖް ބާއްވާނެ ދުވަހެއް ކަނޑައަޅައި އިއުލާން ކުރާނެ ކަމަށް ހަބީބް ވިދާޅުވިއެވެ.

“މިއީ ރޯވިން ޕްރޮމޯޓްކޮށް މިކަމުގައި ޒުވާނުންގެ ޝައުގުވެރިކަން އިތުރުކުރުމުގެ ގޮތުން ބޭއްވުމަށް ހަމަޖެއްސި އިވެންޓެއް.” ކަމަށް ހަބީބް ވިދާޅުވިއެވެ.

އައްޑޫގައި ރޯވިން އެސޯސިއޭޝަނުގެ ހަރަކާތްތައް ފެށި ކާމިޔާބު ކަމާއެކު އެމަސައްކަތް ކުރިއަރަމުން ދާއިރު ކޮންމެ އަހަރަކުވެސް ރޯވިން އެސޯސިއޭޝަނުން ގެންދަނީ އިންޓަނޭޝަނަލް މުބާރާތްތަކުގައި އެ އެސޯސިއޭޝަނުގެ ޓީމުތައް ބައިވެރިކުރަމުންނެވެ.

“މިހާރުވެސް ޓީމެއް ތައްޔާރުކުރަމުން މިގެންދަނީ. މިއަހަރުގެ ނޮވެމްބަރު މަހު ހޮންކޮންގ ގައި ބާއްވާ ސެކަންޓް އޭޝިއަން ކޯސްޓަލްޗެމްޕިއަން ޝިޕްގައި ބައިވެރިކުރާ ޓީމުގެ ތަމްރީނުތައް ކުރިއަށް އެބަދޭ” ހަބީބް ވިދާޅުވިއެވެ.

އަންހެން 8 ބައިވެރިންނާއި ފިރިހެން 8 ބައިވެރިންގެ މި ޓީމު މިހާރު ތައްޔާރުވެ ޕްރެކްޓިސް ކުރިއަށް ގެންދާއިރު 2017 ވަނަ އަހަރު ޗައިނާގައި ކުރިއަށް ގެންދިޔަ އޭޝިއަން ކޯސްޓަލް ރޯވިން ކޮމްޕެޓިޝަންގައި ވެސް އައްޑޫގެ ޓީމެއް ވަނީ ބައިވެރިވެފައެވެ.

ރޯވިން އެސޯސިއޭޝަނުން ކުރިއަށް ގެންދާ މިފަދަ ހަރަކާތްތަކަށް ޔޫތު މިނިސްޓްރީ އާއި އޮލިމްޕިކް ކޮމިޓީ އާއި އައްޑޫ ސިޓީ ކައުންސިލުން ފުރިހަމަ އެއްބާރުލުން ދެއްވަވަމުން ގެންދަވާ ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.